އެކްޓަރ ރަންވީރް ސިންގް އާއި ދީޕިކާ ޕަޑުކޮންގެ ކައިވެނީގެ ވާހަކައަކީ މިވަގުތު ބޮލީވުޑްގައި ދެކެވޭ މަގްބޫލު އެއް ވާހަކައަށް ވެފައިވާ އިރު، މިވަގުތު އަމާޒަކީ ކުޅެން ހަމަޖެހިފައި ހުރި ފިލްމުތައް ނިންމުން ކަމުގައި ރަންވީރު މިވަނީ އޭނާ ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
ފިލްމު އިންޑަސްޓްރީއަށް އޭނާގެ ކޮންޓްރިބިއުޝަން އިތުރުކޮށް މޮޅު ފިލްމުތަކެއް ނެރުމުގެ މަސައްކަތްކުރާ ކަމަށް ރަންވީރު އިތުރަށް ވަނީ ބުނެފައެވެ. އެހެންކަމުން އޭނާގެ މިހާރުގެ އަމާޒަކީ ފިލްމު ކުޅުމާއި އެކްޓިން ކަމަށްވެސް ފާހަގަކުރިއެވެ. ރަންވީރު އިތުރަށް ބުނެފައިވާ ގޮތުގައި އެއް ފިލްމަށްފަހު އަނެއް ފިލްމު ނިންމަމުން ދާކަމަށާއި، ވަރަށް ސަޅި ޕްރޮޖެކްޓުތަކެއްގައި މަސައްކަތް ކުރެވޭ ކަމަށެވެ. އަދި އެކަމާ އުފާކޮށް ޝުކުރުވެރިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
2010 ވަނަ އަހަރު ބޭންޑް ބާޖާ ބާރަތް އިން ބޮލީވުޑްއަށް ނުކުތް ރަންވީރު ވަނީ ތަފާތު ރޯލުތަކެއް ގިނަ ފިލްމު ތަކެއްގައި ކުޅެފައެވެ. އޭގެ ތެރޭގައި ލޭޑީސް ވޭސަސް ރިކީ ބާލް، ލޫޓޭރާ، ގޯލިޔޯކީން ރަސްލީލާ ރާމް ލީލާ، ގުންޑޭ، ދިލް ދަޅަކްނޭދޯ، ބަޖެރާއޯ މަސްތާނީ އަދި ޕަދްމާވަތް ފާހަގަ ކޮށްލެވެއެވެ. މިވަގުތު ރަންވީރު ދަނީ ޒޯޔާ އަޚްތަރުގެ ގުލީ ބޯއި، ރޯހިތު ޝެޓީގެ ސިންބާ އަދި ކަބީރް ޚާންގެ 83 ގެ މަސައްކަތް ކުރަމުންނެވެ.
ރަންވީރު ބުނާ ގޮތުގައި ބޮލީވުޑުގައި ޖާގަ ހޯދުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ. އަބަދުވެސް ކުރާ މަސައްކަތް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ރަންވީރު ބުނެއެވެ. ހާއްސަކޮށް އަމިއްލައަށް ދާން ބޭނުންވާ ހިސާބަށް ވާސިލްވާން މަސައްކަތް ކުރާ ކަމަށް ރަންވީރު ވަނީ އިންޓަވިއުގައި ބުނެފައެވެ.