އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި، ޕީޕީއެމްގެ ވަގުތު ނަންގަވައިގެން، ޕީއެންސީގެ މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވާތީ ޕީޕީއެމަށް ލިބިފަވާ ވަގުތު ރައްޔިތުންގެ މަޖިލީހުގައި ބޭނުންކުރާ ގޮތާ ބެހޭގޮތުން މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާމަނިކު ސުވާލު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި، ޕީޕީއެމުން ޕީއެންސީއަށް ބަދަލުވެވަޑައިގެންފައިވާ، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް، ޕީޕީއެމަށް ލިބިވަޑަިއގެންފައިވާ ގިނަ ވަގުތުތަކެއް ނަންގަވައިގެން ވާހަކަ ދައްކަވައި ނިންމެވުމުން، ނިޒާމީ މައްސަލަ ނަންގަވައި މޫސަ ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައިގެން މޫސަ ވާހަކަ ދައްކަވާއިރު ގަޑި ހަމަވެއްޖެކަން މަޖިލިސް ރިޔާސަތުން އަންގަވައި ވާހަކަ މެދުކަނޑުއްވާލައްވާ ކަމަށެވެ.
ނަމަވެސް އިއްޔެގެ ޖަލްސާގައި ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބުދުﷲ ވާހަކަދެއްކެވި އިރު އާއި މިއަދުގެ ޖަލްސާގައި ޑރ. ހަލީލު ދެއްކެވިއިރު ރިޔާސަތުން ހުއްޓުވާފައި ނުވަނީ ކީއްވެތޯ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމްއާ މޫސަ ސުވާލު ކުރެއްވިއެވެ.
"ޕީޕީއެމަށް ލިބިފަވާ ވަގުތު މިތަނުގައި ބޭނުންކުރާ ގޮތެއް އެނގެން އެބަޖެހޭ. ކުރީދުވަހު ޕީއެންސީގެ ރައީސް މިތަނުގައި ވާހަކަ ދައްކަވައިފި ކުރީގެ ޕީޕީއެމް މެންބަރެއް، އެކަމަކު މިހާރު އެނގޭ އެހެން ޕާޓީއެއް ހަދައިގެން ބަދަލުވެއްޖެކަން. މިތާ އެތެރޭގަ ދަފްތަރުނެތީ. އަޅުގަނޑުމެން މިތަނުގައި ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި މި ތިބެނީ އަޅުގަނޑުމެން ވާހަކަ ދައްކަ ދައްކަ ތިއްބާ ރަނގަބީލު ޖަހާފަ ވަގުތު ހަމަކޮށްފަ އެބަ ބައިތިއްބާ،" މޫސަ ވިދާޅުވިއެވެ.
މޫސަގެ ނިޒާމީ މައްސަލައަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ޑރ. ހަލީލަކީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރުގެ ގޮތުގައި މަޖިލީހުގައި ދަފްތަރު ކުރެވިފައިވާ ބޭފުޅެއް ކަމަށެވެ.
އަދި މަޖިލީހުގައި ވަގުތު ދެނީ ޕާޓީ ތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާއި ނާއިބު ލީޑަރަށް ޕާޓިއަށް އޮންނަ ބަހުސްގެ ސްލޮޓް އެއްކޮށް ދޭ ގޮތަށް ކަމަށާއި، އެ ބޭފުޅުންނަށް ޕާޓީގެ ވަގުތު އޮތް ވަރަކުން ބޭނުން އިރަކު ވާހަކަ ދެއްކޭނެ ކަމަށެވެ. އެހެންކަމުން ހަލީލު ވާހަކަ ދެއްކެވީ ޕީޕިއެމްއަށް އޮތް ވަގުތުގެ ތެރެއިން އަމިއްލައަށް ވަގުތު ކަނޑައަޅުއްވައިގެން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.