(22 ޑިސެމްބަރުގެ އަދަދާ ގުޅޭ)
زيـــد بـــن سـعــنــــه رضـــــى اللّــــه عــنــــه ރިވާކުރައްވައިފައިވެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަޖިލީހެއްގައި އެއްދުވަހަކު އަހަރެން އިންދައި ބަދަވީއަކު އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑުގެ ޤައުމު އިސްލާމްވެއްޖެއެވެ. އެބައިމީހުންނަށް އިސްލާމްވާން ދަޢުވަތު ދިންއިރު އަޅުގަނޑު ބުނީމެވެ. ތިޔަބައިމީހުން އިސްލާމްވެއްޖެ ކަމުގައިވާނަމަ اللّــــه سبحـــانــــه وتــعــــالــــى ތިޔަބައިމީހުންގެ ރިޒުޤުވެސް ތަނަވަސްކޮށްދެއްވާނެއެވެ. އެކަމަކު ނަސީބު ދިމާކުރިގޮތުން ކަންވެފައިވަނީ އަޅުގަނޑު ބުނިގޮތުގެ އިދިކޮޅަށެވެ. މިއަހަރު ވެފައިވަނީ ތަދުމަޑުކަން ބޮޑު އަހަރެއްކަމުގައެވެ. އެބައިމީހުންނަށް އެހީ ފޯރުވައި ނުދެވިއްޖެކަމުގައިވާނަމަ އެބައިމީހުން އިސްލާމްދީން ދޫކޮށްލުމަކީ ދުރުކަމެއް ނޫނެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلــــى رضـــــى اللّــــه عــنــــه އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. މަޝްވަރާ ހޯއްދެވުމުގެ ބެއްލެވުމަކުންނެވެ. عــلــــى ގެފާނު ވިދާޅުވިއެވެ. "މިވަގުތު ދެވޭނެ އެއްވެސް އެއްޗެއް ނެތެވެ." އަހަރެން އިންތިޒާރުކުރި ވަގުތު އައީއެވެ. އެއީ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބެހޭގޮތުން އަހަރެން ކުރާ އެންމެފަހުގެ އިމްތިޙާނު ކުރުމުގެ ވަގުތެވެ. ފަހުޒަމާނުގެ ނަބިއްޔާއާ ބެހޭގޮތުން އިސްވެދިޔަ ސަމާވީ ފޮތްތަކުގައި ބަޔާންކުރެވިފައިވާ ގޮތުގައި އެކަލޭގެފާނުގެ ބަރުދާސްތުކުރެއްވުންވާނީ އެކލޭގެފާނުގެ ކޯފާގެ މައްޗަށް އިސްވެގެންނެވެ. އެކަލޭގެފާނާމެދު ނުބައިކޮށް ކަންތައް ކުރިވަރަކަށް އެކަލޭގެފާނު މަޑުމައިތިރިވެވަޑައިގެން ޢަފޫކުރެއްވުން އިތުރުކުރައްވާނެއެވެ. އަހަރެން އަވަސްއަވަހަށް ދަންނަވައިފީމެވެ. "އަޅުގަނޑުގެ އަތުން އައްޑިހަ މިޘްޤާލުގެ ރަން ގެންދަވާށެވެ. އޭގެބަދަލުގައި އެވެނި މުއްދަތެއްގައި ކަދުރު ދެއްވާށެވެ." ދަރަނީގެ މުޢާމަލާ ހަމަޖެހި ނިމިއްޖެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަހަރެންގެ އަތުން ރަން އަތުލައްވައިފައި ބަދަވީންގެ މީހާއަށް ދެއްވައިފިއެވެ."
زيـــد بـــن سـعــنــــه ވިދާޅުވެފައިވެއެވެ. އެއްބަސްވެވިފައިވާ މުއްދަތު ހަމަވާން ދެތިންދުވަސް އޮއްވައި އަހަރެން ފައިންޕުޅު ދެކޭން ހިނގައްޖައީމެވެ. ދުވަހަކީ އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޖަނާޒާއެއްގައި ބައިވެރިވެވަޑައިގެންނެވި ދުވަހެކެވެ. އަރިހުގައި ޞަޙާބީންގެ ޖަމާޢަތެއްގެ ބޭކަލުން ތިއްބެވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކަށުނަމާދުގެ ކަންތަކުން ނިމިވަޑައިގެން އިށީނދެވަޑައިގެން އިންނެވީ އެތާނހުރި ފާރެއްގެ ހިޔަލުގައެވެ. އަހަރެން އެދިޔަގޮތަށްގޮސް އިތުރު ސާހިބާގެ ގައިކޮޅުގައި ލައްވައިގެން އިންނެވި ސާލުކޮޅާއެކު ކުރުތާކޮޅުގައި ހިފައި ދަމައިގެންފީމެވެ. ވަރަށް ރުންކުރުކޮށް ދަންނަވައިފީމެވެ.
"އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަހަރެންގެ ދަރަނި އަދައެއް ނުކުރާނުހެއްޔެވެ؟ މާތް اللّــــه ގަންދެމެވެ. އަހަރެން ތިޔަބައިމީހުން ރަނގަޅަށް ދަންނަމެވެ. عــبــدالمطّــلــب ގެ ދަރީންނަކީ މީހެއްގެ އަތުން ދަރަންޏަށް އެއްޗެއް ނަގައިފިކަމުގައިވާނަމަ އަދާކުރާ ބައެއް ނޫނެވެ."
عــمـــــر ގެފާނު އިންތިހާޔަށް ކޯފާވެފައި ދެލޯފުޅު ވަށްކުރައްވައިފައި އަހަންނާ ދިމާޔަށް ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ޢަދުއްވާއެވެ! ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ މަތިވެރި މަޤާމަށް ރިޢާޔަތް ނުކުރާނަމަ ކަލޭގެ ބޯ އުދުއްސައިލީމުހެވެ!" އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــمـــــر ގެފާނަށް ވިސްނައިދެއްވިއެވެ. "މިޙާލަތުގައި އަހުރެންނަށާއި މި ޔަހޫދީންގެ މީހާއަށް ކަލޭގެފާނުގެ ފަރާތްޕުޅުން ބޭނުންވެފައިވަނީ ތިޔަފަދަ ކަމަކަށެއް ނޫނެވެ. ކަލޭގެފާނު އަހުރެންނަށް މީނާގެ ދަރަނި އަވަހަށް އަދާކުރާން އަންގަވާށެވެ! އަދި ތަހްޒީބީ ރީތިގޮތުގައި އޭނާގެ ޙައްޤު ހޯދާން އެދޭން މީނާއަށް ނަސޭހަތް ދެއްވާށެވެ! ވަޑައިގެން މިވެނި މީހެއްގެ އަތުން ކަދުރު ހޯއްދަވައިގެން މީނާގެ ހިސާބު ނިންމައިދެއްވާށެވެ. ކަލޭގެފާނު މީނާއަށް ކޯފާވެ މޮށްޓަވައިފީމުއެވެ. އެކަމުގެ ބަދަލުގައި ވިހި ސާޢުގެ ކަދުރު އިތުރަށް ދެއްވާށެވެ."
ކުރީންވެސް ދެންނެވި ފަދައިން މިއީ زيـــد بـــن سـعــنــــه رضـــــى اللّــــه عــنــــه އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އިމްތިޙާނު ކުރެއްވުމަށް ހުށަހެޅުއްވި އެންމެފަހު ކަރުދާހެވެ. زيـــد بـــن سـعــنــــه رضـــــى اللّــــه عــنــــه، عــمـــــر رضـــى اللّــــه عــنـــــه އަށް އަމިއްލަފުޅަށް ތަޢާރުފުވެވަޑައިގެން އެކަލޭގެފާނުގެ މަޤްޞަދު ވިދާޅުވެދެއްވައި ތެދުހިތްޕުޅުން އިސްލާމްވެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ހުރިހައި މިލްކިއްޔާތެއްގެ ދެބައިކުޅައެއްބައި އިސްލާމީ ދައުލަތަށް ޞަދަޤާތް ކުރައްވައިފިއެވެ. زيـــد بـــن سـعــنــــه އަކީ އޭގެކުރީންވެސް ޔަހޫދީ އެހެނިހެން މަހްޖަނުންނާ ތަފާތު ބޭކަލެކެވެ. އެމީހުނަށްވުރެ މަތީދަރަޖައެއްގައި ހުންނެވި ބޭކަލެކެވެ. އެހެންކަމާއެކުވެސް މި ހާދިސާއަކީ އެދުވަސްވަރުގެ ޙާލުހުރިގޮތުގެ ފުރިހަމަ ތަސްވީރެކެވެ. އިސްލާމީ ތަޙްރީކުގެ މުޖާހިދުން މަދީނާގައި ކުރިމަތިލައްވާން ޖެހިވަޑައިގެންފައިވާ މާލީ ދަތިކަމުގެ ސާބިތު ހެއްކެކެވެ. އެ ޙާލަތުގެ ލާޒިމީ ނަތީޖާއެއްގެގޮތުން އަބަދުވެސް ދަރަންޏަށް އެއްޗެހި ނަންގަވަން ޖެހިވަޑައިގެންފައި އޮންނަކަމާއި މަހުޖަނުންގެ ފަރާތުން ބަރުދާސްތުކުރާންޖެހޭ އިހާނެތިކަމުގެ ނަމޫނާއެކެވެ.
ޔަހޫދީންގެ މަހުޖަނުންނާއި މުޝްރިކުންގެ މުދާވެރީން އިސްލާމީ ތަޙްރީކާ ދެކޮޅަށް ދަރަނި ދިނުމުގެ ހަނގުރާމައެއް ފަށައިފައިވާއިރު އަދި އެހެން މުހިންމެއްގައިވެސް ހޭބޯނާރައި މަޝްޣޫލުވެގެން އުޅުނެވެ. އެއީ މާތް اللّــــه ގެ މަގުގައި ހޭދަކުރުން މަނާކުރުމެވެ. އިސްލާމީ ތަޙްރީކު މާލީ ބަލިކަށިކަމުގައި ހައްޔަރުކުރުވައި އެ ތަޙްރީކު އަނަރޫފަކޮށް ފަނާކުރުވުމަށްޓަކައެވެ. އެގޮތުން ކުރާ އެއްކަމަކީ ކީރިތި ޤުރްއާނުގައި މާތް اللّــــه ގެ މަގުގައި ހޭދަކުރާން ގޮވާލައްވާ އާޔަތްތަކަށް އަޅާނިވާކުރުމެވެ. (މި ސިލްސިލާގައި މީގެކުރީންވެސް އަޅުގަނޑުވަނީ މި މައިގަނޑު ނަމުގައި ހިސާބަކަށް ވާހަކަ ދައްކައިފައެވެ. މިފަހަރު މިބަލައިލަނީ މައްސަލައިގެ ތަފާތު އެހެން ކުންނެއްވެސް އަސާސަކަށް ބަލައިގެންނެވެ.)
ޔަހޫދީން ވާހަކަދައްކައި އުޅުނެވެ. "އޭ ބޭކަލުންނާއި ބޭކަނބަލުންނޭވެ! ނިކަން ދެކެބަލާށެވެ. މުސްލިމުންގެ ކަލާނގެވެސް މިހާރުވަނީ އަތްމަތިހުސްވެ ބަނގުރޫޓުވެފައެވެ. މިހާރު އުޅުއްވަނީ މީހުންގެ އަތުން ދަރަންޏަށް ތަކެތި ހޯއްދަވާންވެގެންނެވެ." (نــعــــوذ بـــاللّــــه) ޔަހޫދީން އަދިވެސް ބުނެއުޅުނެވެ. "އިސްލާމީ ތަޙްރީކުގެ ކަލާނގެ އަތްޕުޅުވަނީ ބަނދެވިގެންނެވެ."
ޔަހޫދީންގެ މިބާވަތުގެ ވިހަ ވާހަކަތައް އެބައިމީހުންގެ ވިހަ ދޫތަކުން ނުކުމެގެންގޮސް ހަރުލަނީ އިސްލާމީ ޖަމާޢަތުގެ ތެރޭގައި އެބައިމީހުން އުފައްދައިފައިވާ ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ ކަންފަތްތަކުގެ ތޫރިފަޅައިލައިފައިވަދެ އެއުރެންގެ ސިކުނޑިތަކުގައެވެ. ދެބައިމީހުންވެގެން ހިރަފުސް ބުރުވައި މަދީނާގެ މުޅި ޖައްވު ކިލަނބުކޮށްލައެވެ. އިސްލާމީ ތަޙްރީކަށާއި މުސްލިމުންނަށް ޚައިރާތުކުރާ މީހުނާ އެމީހުން ވަކިވަކީންވެސް ބައްދަލުކުރެއެވެ. މާ އިޚްލާޞްތެރި އަދި ހެޔޮއެދޭ ބަޔަކު ކަމުގައި ހެދިގެންނެވެ. ޔަހޫދީންނާއި މުނާފިޤުން މީހުންގާތު ބުނެއެވެ.
"އޭ އަޚާއެވެ. ތިބާގެ މުދާ ތިޔަ ތަޅައިބުރުއްސަނީ ކީއްވެގެންހެއްޔެވެ؟ މައްކާއިން އައި ބަނޑަށްޖެހިފައިތިބި ބަޔަކަށް ކާންދީ މުދާތައް ބޭކާރުކޮށްލުމުން ލިބޭނީ ކޮން މަންފާއެއް ހެއްޔެވެ؟ ތިބާގެ އަނބިދަރީންނަށް ހޭދަކުރާށެވެ. އަމިއްލަ ޢާއިލާއަށް ޚިދުމަތްކުރާށެވެ." މި މުހިންމަތު ހިންގާ ޔަހޫދީންނާއި މުނާފިޤުންނާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.
"އެއުރެންނީ، ދަހިވެތިވާ މީހުންނެވެ. އަދި ދަހިވެތިވުމަށް މީސްތަކުންނަށް އަމުރުކުރާ މީހުންނެވެ. (اللّــــه ގެ މަގަށް) ފުރަގަސްދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللّــــه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ." (الحــــديــــد: 24)
މިދެންނެވި ދަހިވެތިކަން އުނގަންނައިދޭ އެދުރުންގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ މީސްމީހުންނަކީ كــــــزدم بــــن قـيـس އާއި (كــعــب بــــن أشـــــرف ގެ ޙަލީފެއް) އާއި أســامـــة بــــن حبــيب އާއި نــافـــع بــــن أبـــى نــافـــع އާއި سجــــرى بــــن عــمـــــرو އާއި حيـــّى بــــن أخطب އާއި رفــاعــــة بــــن زيــــد بــــن تـــابــــوت އެވެ.
މިބައިމީހުން އަންޞާރިއްޔަ ބޭކަލުންގެ އަރިހަށްގޮސް ބައްދަލުކޮށްފައި ހެޔޮނަސޭހަތްދޭ ބަޔަކު ކަމުގައި ހެދިގެން ދަންނަވައެވެ. "ތިބާގެ މުދާ އިސްރާފު ނުކުރާށެވެ! ތިޔަގޮތަށް ތަޅައިބުރުއްސާނަމަ ތިބާއަކީވެސް ސަލާންޖަހާ މީހަކު ކަމުގައި ވެދާނެކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އިސްލާމީ ތަޙްރީކަށް ޚަރަދުކުރުމުގައި ތިޔަހައި ފޯރި ނުދައްކާށެވެ. ޙާލަތު ބަދަލުވެގެން ހިނގައިދާނެގޮތަކާމެދު ޚިޔާލު ބަހައްޓާށެވެ!"
(ނުނިމޭ)