އިބްރާހިމް ޒަކީ
މިހާރު މިއޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފަހު ޖަލްސާ މިމަހު 29ގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުތަރަމަ ދައުރުގެ 15 ވަނަ ޖަލްސާ މިއަދު ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ހިނގަމުންމިދާ މިއަހަރުގެ ފުރަތަމަ ދައުރުގެ އެންމެ ފަހު ޖަލްސާ މިމަހު 29ގައި ބާއްވާގޮތަށް ޕާލަމެންޓް ގްރޫޕުތަކުގެ ލީޑަރުންނާއެކު އެއްބަސް ވެފައިވާކަމަށެވެ.
އެހެންކަމުން އެއީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި ހަމޖެހިގެންދާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ރަސްމީ ގޮތެއްގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަސްތާތައް ދެން ކުރިއަށް ދާނީ މާދަމާ އާއި 29 ވަނަ ދުވަހު އެކަނި ކަމަށެވެ. އަދި އޭޕްރީލް މަހުުގެ 29 ވާ ހޯމަ ދުވަހު ހެނދުނު 9:00 ގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ފެށޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދަނީ އަހަރަކު ތިން ދައުރަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ދައުރެއްގެ ޖަލްސާތައްް ނިމި ދެން އަންނަ ދައުރެއް ފެށެނީ މަޖިލީހުގެ މެންބަރުންނަށް އެއްްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށްފަހުގައެވެ.
އެހެންކަމުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް މިމަހު 29 ގައި ނިމި އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ދާނެއެވެ. ނަމަވެސް އެއްމަސް ދުވަހުގެ ޗުއްޓީއަށްފަހު ދެން މަޖިލީހުގެ މަސައްކަތްތައް ފެށޭނީ އަލަށް އިންތިހާބު ކޮށްފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވަނި، އަލަށް އިންތިހާބުކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވައި ކުރައްވާނެ ދުވަހަކީ އަންނަ މެއި މަހުގެ 28 ވަނަ ދުވަސް ކަމަށެވެ.