ކުޅިވަރު

ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް، ގާޒީ ސްކޫލުން 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފި

ޕެނަލްޓީ ޝޫޓްއައުޓްގައި ޅ. އަތޮޅު ތައުލީމީ މަރުކަޒު ބަލިކޮށް، ގާޒީ ސްކޫލުން އިންޓަސްކޫލް 13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވަނީ 2-2ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ޕެނަލްޓީގައި ގާޒީ ސްކޫލުން ކުރި ހޯދީ 4-5ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އަބްދުﷲ އަރީހު މުހައްމަދު ވަނީ ޅ. އަތޮޅު ތައުލީމީ މަރުޒަކަށް ލީޑު ހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މުހައްމަދު އައިހަމް އިބްރާހީމް ވަނީ ގާޒީ ސްކޫލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފުގައި ގާޒީ ސްކޫލަށް ޔޫސުޕް އަރުޝަމް މުހައްމަދު ރަޝީދު ލީޑު ހޯދައިދިން ނަމަވެސް، ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން އަލީ އަފްޒާން އިބްރާހީމް ވަނީ ޅ. އަތޮޅު ތައުލީމީ މަރުކަޒަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ގާޒީ ސްކޫލުގެ ފަސް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްމަދު އަރީން މުހައްމަދާއި މުހައްމަދު ރާއީ އަހުމަދާއި އަހްމަދު ސިރާހާއި މުހައްމަދު އައިހަމް އިބްރާހީމް އަދި އަފްހާމް އިބްރާހީމް މުހައްމަދެވެ. ޅ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަބްދުﷲ އަޒާން އަހުމަދާއި އަލީ އަފްޒާން އިބްރާހީމާއި އަބްދުﷲ މިސްއާލް މުހައްމަދު އަދި އަހްމަދު އަލާން އާދަމެވެ.

ފައިނަލް މެޗަށް ފަހު، އެ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމާއި ވަނަވަނަތައް ހޯދި ކުޅުންތެރިންނާއި ކޯޗުންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. ޓީމުތަކާއި ކުޅުންތެރިން އަދި ކޯޗުންނަށް އިނާމުތައް ހަވާލުކޮށްދެއްވާފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފާއި ތައުލީމާ ބެހޭ ވަޒީރު ޑރ. އާއިޝަތު އަލީ އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.