ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ ފަހު ޖާގަތައް ކްލަބު ވެމްކޯ އާއި މޯލްޑިވިއަނާއި ޕްރިޒަން ކްލަބު އަދި އުރީދޫން ހޯދައިފިއެވެ.
ވެމްކޯ އާއި މޯލްޑިވިއަނާއި ޕްރިޒަން ކްލަބު އަދި އުރީދޫން ގަދަ 16ގެ ޖާގަތައް ކަށަވަރުކުރި އިރު، އެ ހަތަރު ޓީމުން ވަނީ ރޭ ކުޅުނު މެޗުތައް ވެސް ކާމިޔާބުކޮށްފައެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީއާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕު އޭ'ގެ މެޗުން އެންމެ ފަހުގެ ރަނަރަޕް މޯލްޑިވިއަން މޮޅުވީ 7-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މޯލްޑިވިއަންގެ ހުސައިން އަފްސަލް (އޮޒިލް) އާއި މުހައްމަދު އަޖުފާނާއި ހަމްޒާ މުހައްމަދު (ހަމްޕު)، މިއިން ކޮންމެ ކުޅުންތެރިޔަކު އެޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ނަދާދެވެ.
އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ކްލަބު ވެމްކޯ އިން ވަނީ 14-1ގެ ނަތީޖާއަކުން ކްލަބު އާސަންދަ ބަލިކޮށްފައެވެ. އެ މެޗުގައި ވެމްކޯގެ އަބްދުﷲ ޝައްފާން (ޝާކާ) ފަސް ލަނޑު ކާމިޔާބުކުރި އިރު، ހަސަން އަދުހަމް (ސަޑޭ) ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. ވެމްކޯއަށް އިބްރާހިމް އަސްވާދު ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، ހުސައިން ގައްސާން ލަބީބާއި އަބްދުﷲ ޖުނައިދު ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އާސަންދައިގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ހަމްދާނެވެ.
'ގްރޫޕު އޭ'ގެ އެއްވަނައިގައި ނިންމާލި ކްލަބު ވެމްކޯ އިން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި މޯލްޑިވިއަނަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި އާސަންދައަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ކޮމިއުނިކޭޝަން މިނިސްޓްރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މީޑިއާނެޓާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕު ބީ'ގެ މެޗުން އުރީދޫ މޮޅުވީ 6-5ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އަބްދުﷲ ޒައީމާއި މުހައްމަދު ފާޝިރާއި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު ރިޝްފާން އަދި ހަސަން މުއާޒް، މިއިން ކޮންމެ ކުޅުންތެރިޔަކު އުރީދޫއަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެޓީމުގެ އަނެއް ލަނޑަކީ މީޑިއާނެޓްގެ އަހްމަދު ޝަހުމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި މީޑިއާނެޓުން ޖެހި ފަސް ލަނޑުގެ ތެރެއިން މުހައްމަދު ފާރިޝް އާދަމް ތިން ލަނޑު ކާމިޔާބުކޮށްދިން އިރު، އިސްމާއިލް އިހުތިރާމް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ.
ރޭ ކުޅުނު އެ ގްރޫޕުގެ އަނެއް މެޗުގައި ޕްރިޒަން ކްލަބުން ވަނީ 2-0ގެ ނަތީޖާއަކުން ޓްރޭޑް ކްލަބު ބަލިކޮށްފައެވެ. އެ މެޗުގައި ޕްރިޒަން ކްލަބުން ޖެހި ދެ ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ހަސަންފުޅާއި އަހްމަދު ވިޖުދާނެވެ.
'ގްރޫޕު ބީ'ގެ އެއްވަނައިގައި ނިންމާލި ޕްރިޒަން ކްލަބުން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި އުރީދޫއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ޓްރޭޑް ކްލަބަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި މީޑިއާނެޓަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރޭގެ މެޗުތަކާއެކު ގްރޫޕު ސްޓޭޖުގެ ކުޅުން ވަނީ ނިމިގެން ގޮސްފައެވެ. އެ މުބާރާތުގެ ގަދަ 16ގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.