ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ މުއާމަލާތެއް ހިންގަމުންދާ ނަމަ، އެކަމެއް ހުއްޓާލުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭން (އެސްޓީއޯ)އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައިފިއެވެ.
އެސްޓީއޯއަށް އެކަން އަންގާފައިވަނީ އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަހްމަދު ޝަހީރަށް ފޮނުއްވި ސިޓީއެއްގައެވެ.
އެ ސިޓީގައި މުއައްވިޒް ވިދާޅުވެފައިވަނީ އެސްޓީއޯގެ ދެ ސަބްސިޑަރީ ކުންފުނި ކަމަށްވާ އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑާއި ނޭޝަނަލް އޮއިލް ކޮމްޕެނީ ލިމިޓެޑްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެހެން ކުންފުންޏަކާއެކު އާ ކޮންޓްރެކްތައް ހަދައި، ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގައި އާ މަޝްރޫއުތަކަށް ޓެންޑަރ ހުޅުވާނުލުމަށާއި، އާ މަޝްރޫއުތައް ނުފެށުމަށާއި، އަދި ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ އެއްވެސް މުއާމަލާތެއް ނުހިންގުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެދިވަޑައިގަންނަވާފައިވާތީ ކަމަށް އެ ސިޓީގައި މުއައްވިޒް ވިދާޅުވެފައިވެއެވެ.
އެއާއެކު ސަރުކާރު ބަދަލުވާ ދަނޑިވަޅުގައި އެފަދަ މަޝްރޫއުތަކަށް ހުޅުވައި ހިންގެވުމަކީ، ރައްޔިތުން އެކަމާ ސުވާލު އުފައްދާނެ ކަމަކަށްވާތީއާއި ކޮރަޕްޝަނަށް މަގުފަހިވާނެފަދަ ކަމެއް ހިންގުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވާތީ، އަލަށް އުފެދޭ ސަރުކާރަށް އޭގެ ސަބަބުން މާލީ ޒިންމާއެއް އުފުލަން ޖެހިދާނެތީ، އެ ދެ ކުންފުނިން އެފަދަ މުއާމަލާތެއް ހިންގަވަމުންގެންދާ ނަމަ، އެކަން ހުއްޓުވައިދިނުމަށް މުއައްވިޒްގެ ސިޓީގައި ވަނީ އެދިފައެވެ.