ނ. މިލަދޫ ސްކޫލުގެ ތިޖޫރީން ވަގަށް ނެގި ފައިސާތަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މިލަންދޫ ގެތަކުން 19000 ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގެ ތަހުގީގަށް ލިބުނު މައުލޫމާތަކާ ގުޅިގެ ކޯޓު އަމުރެއްގެ ދަށުން މިލަދޫގެ ގެއެއް ބަލައި ފާސްކުރި އިރު، އެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށެވެ.
އެ ގެ ބަލައި ފާސްކުރި އިރު، އެ ގޭ ކޮޓަރިއެއްގެ ތެރެއިން ފެނުނު ދަބަހެއްގެ ތެރެއިން 94،705 ރުފިޔާ ފެނިފައިވާ ކަމަށާއި އެގޭ އެހެން ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައި އޮތް ވޮލެޓެއްގެ ތެރެއިން 1315 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ގެއިން ފެނުނު ފައިސާތަކުގެ ތެރޭގައި މިލަދޫ ސްކޫލުގެ ތިޖޫރީ އިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހިމެނޭ ކަމަށެވެ. އެ ރަށު ސްކޫލުގެ ތިޖޫރީ އިން 100،000 އަށްވުރެ ގިނަ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.