އައިވީއެފް އަކީ ހަށިގަނޑުގެ ބޭރުގައި އަންހެންމީހާގެ ދަރިބިސް އަދި ފިރިހެން މީހާގެ ދަރިފަނި ގުޅުވައި އުފެދޭ އެންބްރިޔޯ އަންހެން މީހާގެ ރަހިމުގައި އަށަގެންނެވެމެވެ.
މި މައްސަލައަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހަމައެކަނި އަންހެންމީހާގެ ސިއްހީ ނިޒާމު، އެކަމަށް ނުކުޅޭދޭތީ ދިމާވާ މައްސަލައެކެވެ. އެހެނަސް ޒަމާނީ ތަރައްގީއާ އެކު ދުނީގެ ސިއްހީ ނިޒާމަށް އައި ބޮޑު އިންގިލާބުން އެނގޭ ހަގީގަތަކީ ފާޓިލިޓީ މައްސަލައަކީ ދެޖިންސުގެ މިހުންނަށްވެސް ދިމާވާ ކަމެއްކަމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓްރެކްރިކް އަދި ގައިނަކޮލޮޖިސްޓް ޑރ. ޒާކިޔާ އަހްމަދު "ވަން" އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި އިންފާޓިލިޓީއާ ގުޅޭ މައުލޫމާތު ދެއްވަމުން ވިދާޅުވީ "ފާޓިލިޓީ ނުވަތަ ދަރިމައިވުމުގެ މައްސަލަ ދިމާވާ މީހުންގެ ތެރޭގައި މި މައްސަލަ ދިމާވަނީ 40 ޕަސެންޓް އަންހެނުންނަށް ދިމާވާ ހާއްސަ ދަރިމައިވުމުގެ މައްސަލައި ސަބަބުންނާއި 40 ޕަސެންޓް ފިރިހެނުންނަށް ދިމާވާ ހާއްސަ ދަރިމައިވުމުގެ މައްސަލައިގެ ސަބަބުން ކަމަށެވެ. ބާކީ 20 ޕަސެންޓަކީ ދެމަފިރިންގެވެސް ގުޅިފައިވާ އެހެނިހެން ސިއްހީ ސަބަބުތަކުން ދިމާވާ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޒާކިޔާ ވިދާޅުވީ، ފިރިހެނުންނަށް މި ހާލަތު ދިމާވާ މައިގަނޑު ގިނަ ސަބަބުތަކެއް ހުންނަ ކަމަށެވެ. އޭގެ ތެރޭގައި، ދިރިއުޅުމުގެ ވައްޓަފާޅި، އުޅޭ މާހައުލުގެ ސަބަބުން، އަދާކުރާ ވަޒީފާގެ ގޮތުން، ސިނގެރޭޓް ބުއިމުން، ބަރުދަން އިތުރުވުން، ނުވަތަ ފިރިހެން މީހާގެ ދަރިފަނި ދައުރުވާ ހޮޅިތައް ބްލޮކްވުން އަދި ބައެއް ފަހަރު ސިކުނޑިން އުފައްދާ ވަކި ހޯމޯނެއް މަދުވުން ވެސް މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޑރ. ވިދާޅުވިއެވެ.
މީގެ އިތުރުން އެކި ސަބަބުތަކާ ހެދި، ފިކުރުތައް ގިނަވެ ސްޓްރެސް ވުމުންވެސް ދަރިމައިވުމަށް ބަދަލު އަންނަ ކަމަށާއި ރާއްޖޭގައި ތާޒާ ކާނާ ކެއުމުގެ އާދަތައް ދޫކޮށްލައި އަވަސް ކާނާ އަދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކާތަކެތި ގިނައިން ބޭނުންކުރުމުން ވެސް ފިރިހެނުންގެ ދަރިފަނި އުފައްދާ މިންވަރަށް ބަދަލުއަންނަ ކަމަށެވެ.
ޑރ. ޒާކިޔާ ވިދާޅުވީ، ރާއްޖެއިން އައިވީއެފް ހިދުމަތް ހޯދާ ގިނަ އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް މަސަލައަކީ އޯވޭރިއަން ޑިސްފަންކްޝަން (ޕޮލިސިސްޓިކް އޯވަރީ – ޕީސީއޯއެސް)ގެ މައްސަލަ ދިމާވުން ކަމަށެވެ. މީގެ އިތުރުން އެންޑޯމެޓްރިއޯސިސް އަކީވެސް ރާއްޖޭގެ އަންހެނުންނަށް ގިނައިން ދިމާވަމުން އަންނަ، ދަރިމައިވުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.
"އެންޑޯމެޓްރިއަމް އަކީ ރަހިމު ތެރޭ ހުންނަ ފަށަލައެއް. ރަހިމުތެރޭގައި އެ ފަށަލައިގަ ހުންނަ ސެލްސްތައް އެހެން ދިމަދިމާލަށް ގޮސްފަ ހުންނަ ހުރުމަށް ކިޔާނީ އެންޑޯމެޓްރިއޯސިސް. އޭގެ ތެރޭގައި ބިސް އުފައްދާ އޯވަރީ އާއި ބަނޑުގެ އެކި ދިމަދިމާލުގައިވެސް މި ބަލި އަށަގަނެފާނެ" ކަމަށް ޑރ. ޒާކިޔާ ވިދާޅުވިއެވެ.
"މިކަމުގެ ސަބަބުން ބަނޑުގައި ހުންނަ ގުނަވަންތައް އެއްގުނަވަނާ އަނެއްގުނަވަން ތަތްވެފައި ހުރުން އެކަށީގެންވާކަމަށާއި ބިސްދަތުރުކުރާ ހޮޅި ބެދުން، ބިހުގެ ކޮލިޓީ ދަށްވުންވެސް މީ ދިމާވާ ހާލަތްތައް"ޑރ. ޒަކިއްޔާ ވިދާޅުވިއެވެ.
ޕީސީއީއޯއެސް މެނޭޖުކުރަން އެންމެ ރަނގަޅު ގޮތަކީ ދާއިމީކޮށް ކަސްރަތުކޮށް ކެއުންބުއިމުގައި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ކަނާގެ ބަދަލުގައި ތާޒާ ކާނާ ކެއުން އަދި ހަކުރު ބޭނުންކުރާ އަދަދު މަދުކުރަން އާދަކުރުން ކަމަށާއި ޕީސީއީއޯއެސް އަކީ ވިރާސީ ނުވަތަ ޖެނެޓިކް ބައި ހިމެނޭ ކަމެއް ކަމަށްވެސް ވެސް ޑރ. ޒަކިއްޔާ ވިދާޅުވިއެވެ.
ޑރ. ޒަކިއްޔާ އިތުރަށް ވިދާޅުވީ، ޕީސީއޯއެސް ދަށްކުރާނަމަ ކެއިންބުއިމުގައި ކާބޯހައިޑްރޭޓްސް ފަދަ މާއްދާތައް ހިމެނޭ ކެއުންތައް މަދުން ބޭނުން ކުރުން، ދާއިމީ ކަސްރަތު، ޑައިޓީޝަނެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކެއިންބުއިމުގެ އާދަތައް ދެމެހެއްޓުން، ބަރުދަން ލުއިނުވި ނަމަވެސް ކޮންމެ ހަފުތާއަކު 3 ދުވަހު މަދުވެގެން 45 މިނެޓް ކަސްރަތު ކުރުން، ކެއުމުގައި ތަރުކާރީ އާއި މޭވާ ހިމެނުން މުހިންމުކަމުގައެވެ.
"ޕީސީއޯއެސް ހުރުމުން ކަސްރަތުންވެސް ބަރުދަން ލުއިކުރަން އުނދަގޫވެދާނެ، ނަމަވެސް މަޔޫސްވެގެން ކަސްރަތުކުރުން ނުވަތަ ކެއުމަށް ބަދަލު ނުގެންނަން ޖެހޭ ސަބަބެއްނޫން. ބަރުދަން ބަލާ މެޝިނަކުން ތަފާތު ނުފެނިދާނެ، އެކަމަކު އެއީ ވަގުތީ ހައްލު ހޯދުމަށް ކުރާކަމެއްގެ ގޮތުގައި ނުބަލައި އުމުރު ދުވަހުވެސް ކަސްރަތު ކުރުން މުހިންމު." ޑރ. ޒަކިއްޔާ ވިދާޅުވިއެވެ.
ޓްރީޓޮޕްގައި މިހާރުވެސް އައިވީއެފް ހިދުމަތް ހޯދުމަށް ރަޖިސްޓްރީކޮށްފައި 200 އެއްހާ މީހުން އެބަތިއްބެވެ. އެ ހޮސްޕިޓަލުން ފާޓިލިޓީ ހިދުމަތް ހޯދާ ދެމަފިރިންނަކީ ކޮންމެހެން އައިވީއެފް ހިދުމަތް ނުހޯދި ނަމަވެސް، ބައެއް މީހުންނަކީ އެކަމަށް ހާއްސަ ބޭހުން ދަރިމައިވުމަށް މަގުފަހިވެފައި ތިބި ދެމަފިރިން ކަމަށާއި އަދި ކުރިއަށް އޮތް ދުވަސް ތަކުގައި ވެސް އެކަމަށް މަގުފަހި ވާނެ މީހުންކަން ޑރ. ޒާކިޔާ ފާހަގަކުރެއްވިއެވެ.
ޓްރީ ޓޮޕްގައި މިހާރު އައިވީއެފް ހިދުމަތް ދޭ އަދި ކުރިން އިނގިރޭސިވިލާތުގައި ފާޓިލިޓީ ހިދުމަތް ދެއްވި، އޮބްސްޓްރެކްރިކް އަދި ގައިނަކޮލޮޖިސްޓް ޑރ އަނީތާ ގޯރް ވިދާޅުވީ، ރާއްޖެއިން ބައެއް ބޭސްތައް ލިބުން ދަތިކަމަށެވެ.
"އައިވީއެފްގެ ބައެއް ބޭސްތަކަކީ ރާއްޖެއިން ލިބުން ދަތި ބޭސްތަކަށް ވުމުންނާއި އެކު އެކަމަށް ބޭނުންވާ ހުރިހާ ފަރުވާ ދިނުން އަދިވެސް ވަރަށް ދަތި. ސަރުކާރުގެ އެއްބާރުލުން މި ކަމުގަ ލިބިގެން، ފަރުވާ އަދިވެސް އިތުރަށް ފުޅާ ކުރެވޭނެ." ކަމުގައި ޑރ އަނިތާ ވިދާޅުވިއެވެ.
އަނީތާ ގޯރް އަކީ ފާޓިލިޓީ މަސައްކަތުގެ 20 އަހަރުގެ ތަޖުރިބާކާރެކެވެ. މަނީޕާލް ހޮސްޕިޓަލުގެ ހެޑްއޮފް ޑިޕާޓްމަންޓްގެ ވަޒީފާ އަދާކުރުމަށްފަހު 2015 ގައި ޔޫކޭގައި ޑރ. އަނިތާ ވަޒީފާ އަދާކުރެއްވިއެވެ. ޔޫކޭގައި ހުންނެވިއިރު، ރާއްޖޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފް ހިދުމަތް ދިނުމަށް ފުރުސަތު ލިބިވަޑައިގަތުމުން، އެ ހިދުމަތް ދެއްވުމަށް ޝައުގުވެރިވެވަޑައިގަތީ ކަމަށް ޑރ. އަނީތާ ވިދާޅުވިއެވެ.
ޓްރީޓޮޕުން، މި ހިދުމަތްތައް ފެށިފަހުން، މިދިޔަސް ދުވަސްތަކުގެ ތެރޭގައި ވަނީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ، ސަކްސެސް ރޭޓް މަތިވުމުން، މި ކަމަށް އެދިއެދި ތިބި އެތައް ސަތޭކަ ދިވެހީންނަކަށް ވަނީ ބޮޑު އުއްމީދެއް ލިބިފައެވެ.