އުމުރުން އަދި 2 އަހަރުވެސް ނުފުރެއެވެ. 2 އަހަރު ދުވަހު ތެރޭގައިވެސް އުފުލާން ޖެހުނީ މީހަކު އުމުރު ދުވަހުވެސް ނުއުފުލާހައި ބުރަ ވޭނެވެ. ނާފް މުހައްމަދު ތާހާ ދުނިޔެއަށް އުފަންވީއްސުރެވެސް އުޅެންޖެހިފައި ވަނީ އެ ވޭނުގައެވެ.
ނާފްގެ މަންމަ އިމާސާ ދާވޫދު "ވަން" އަށް އެ ތުއްތު ދަރިފުޅުގެ ވާހަކަ ކިޔައިދިނީ ނުހަނު އުނދަގުލާއިއެކުއެވެ. ދަރިޔަކު އެވަރުގެ ވޭނެއް ތަހައްމަލުކުރާތަން ދެކެން ކެރޭނީވެސް ކޮން މަޔަކަށް ހެއްޔެވެ. އިސާމާ ބުނީ ނާފް އުފަންކުރުމަށް ހަދަން ޖެހުނީ ސިޒޭރިއަން ކަމަށެވެ. ހުޅުމާލޭ ހޮސްޕިޓަލުން އެ ސިޒޭރިއަން ހެދުމުގެ ތެރޭގައި ނާފްގެ ސިކުނޑީގައި ޅޭކޮޅެއް ގަނޑުވެފައި ހުރިކަން އެނގުނީ ވިހެއުމަށް ފަހު ނާފް ނޭވާލާން ދަތިވެ، ބަލިވުމުން ހެދި ޓެސްޓުތަކުންނެވެ.
އިސާމާ ބުނީ ނާފްއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ. ނަމަވެސް ފަހުން އައިޖީއެމްއެޗަށް ގެންގޮސް ވެންޓިލޭޓަރަށްވެސް ލާން ޖެހުނު ކަމަށާއި ފަރުވާއަށް އެތައް ފަހަރަކު ރާއްޖޭން ބޭރަށްވެސް ދާން ޖެހުނު ކަމަށެވެ. ނާފް މިހާރުވެސް އޮތީ ހުޅުމާލޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ހަމަ އެ ވޭނުގައެވެ.
"ނިއުމޯނިއާ ޖެހިފައި ހުރީ، މިއީ ނިއުމޯނިއާ ޖެހުނު ތިންވަނަ ފަހަރު. ހުޅުމާލޭ ހޮސްޕިޓަލުން މިހާރު އެންޓިބަޔޯޓިކް ދެނީ، ދެން އާވި އަރުވަނީ. އޮކްސިޖަންވެސް ދޭ، އެއީ އޮކްސިޖަންވެސް ދަށްކޮށް އުޅެނީ" އިސާމާ ކިޔައިދިނެވެ. އޭނާ ބުނީ މިހާރުވެސް ނާފް ބާއްވާފައި އޮތީ އޮކްސިޖަން ގުޅާފައި ކަމަށެވެ.
އޭނާ ބުނީ ލޭގައި އިންފެކްޝަން ހުރި ކަމަށް ލޭގެ ޓެސްޓުތަކުން ދައްކާ ކަމަށާއި އިތުރު ދެ މާއްދާއެއް ހުރީ ހުންނަންވާ މިންވަރަށްވުރެ މަތީގައި ކަމަށެވެ.
ނާފްގެ މަންމައާއި ބައްޕަ ގަސްތުކުރަނީ މިފަހަރު ތައިލެންޑަށް ގޮސް ފަރުވާ ހޯދުމަށެވެ. އިސާމާ ބުނީ ބެންކޮކަށް ދިއުމަށް އަދި އާސަންދަ ހަމަނުޖެހޭ ކަމަށާއި ދާން ޖެހޭނީ އަމިއްލަ ފަރާތްތަކުން ލިބޭ އެހީއަކުން ކަމަށެވެ. އިންޑިއާއިންވެސް ފަރުވާއަކަށް ދެނީ ތެރަޕީއެއް ކަމަށް އޭނާ ބުންޏެވެ. އިންޑިއާއަށް އެތައް ފަހަރަކު ދެވިއްޖެ ކަމަށާއި އެހެން ނަމަވެސް ދަރިފުޅުގެ ބައްޔަށް ދާއިމީ ހައްލެއް ނުލިބޭ ކަމަށް ބުންޏެވެ. އެންމެ ދެ އަހަރު ތެރޭގައި ތިން ވަނަ ފަހަރަށް ނިއުމޯނިއާ ޖެހި ދަރިފުޅު މި ހާލުގައި އޮންނަން ޖެހުމުން އާއިލާގެ އެންމެންވެސް ވަނީ ގޮތް ހުސްވެފައެވެ. ތައިލެންޑަށް ދާން ނިންމާފައި ވަނީ އާންމު ބައެއް ފަރާތްތަކުންނާއި ދިރާސާގެ އަލީގައި، އެ ގައުމުން ރަނގަޅު، ޒަމާނީ ފަރުވާއެއް ލިބުމުގެ އުއްމީދު އޮތުމުންނެވެ. ދަރިފުޅުގެ މުސްތަގުބަލަށް ޓަކައި، ހެޔޮ ހާލުގައި ބޮޑުވާ ކުއްޖަކަށް ހެދުމަށް ޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ބޭނުންވާތީ އެވެ.
އިސާމާ ބުނީ ނާފް ބަލިވެގެން އެންމެ ފުރަތަމަ އިންޑިއާއަށް ދިޔަ ފަހަރު ބަނޑަށް ހޮޅިކޮޅެއް ގުޅި ކަމަށެވެ. މިއަދާއި ހަމައަށްވެސް ނާފްއަށް ކާންދެނީ އެ ހޮޅިކޮޅުން ކަމަށާއި އެ ހޮޅިކޮޅަކީ ކޮންމެ ތިން މަހުން ނުވަތަ ހަ މަހުން ބަދަލުކުރަން ޖެހޭ އެއްޗެއް ކަމަށްވެސް ބުންޏެވެ.
"ބައެއް މީހުން އެ ހޮޅިކޮޅުން ތަރުކާރީ އެއްޗެހި ދިޔާކޮށް ދޭ ކަމަށް އިންޑިއާއިން ބުނީ، އެކަމަކު އެކޮޅުން ރިކޮމެންޑު ކުރަނީ ކިރު ދޭން. ވަކި ކަހަލަ ކިރެއް ދެނީ، އެކޮޅުން ބުނީ އޭގައި ހުންނާނީ ބޭނުންވާ ހުރިހާ މާއްދާތަކެއް. އެ ކަހަލަ ކިރު ރާއްޖެއަކުން ނުލިބޭ، އަބަދުވެސް އިންޑިއާއަށް ދާ މީހުންނާ ހަވާލުކޮށްގެން ގެންނަނީ" އިސާމާ ކިޔައިދިނެވެ.
ނާފްއަށް އިތުރު ފަރުވާ ދިނުމަށް އާންމުންގެ އެހީ ބޭނުންވެއެވެ. އިތުރު މައުލޫމާތު ހޯދަން އެދޭ ނަމަ، 9713214 އިން ނާފްގެ މަންމަ އިސާމާއަށް ގުޅޭނެއެވެ.