މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ދަށަށް ބަދަލުކުރީ 2016 ވަނަ އަހަރުއެވެ. އެސްޓީއޯގެ 99.99 ޕަސަންޓު ހިއްސާ ހިމެނޭގޮތަށް އެ ކުންފުނީގެ ސަބްސިޑައިރީ ކުންފުޏެއްގެ ގޮތަށެވެ. ބާކީ 0.01 ޕަސަންޓު އެސްޓީއޯގެ ސަބްސިޑައިރީ ކުންފުންޏެއްގެ ގޮތުގައި އޮތް އެލައިޑަށެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑއިގެންނެވިތާ މަސްދުވަސް ނުވަނީސް އެސްޓީއޯ ދަށުން މިފްކޯ ވަކިކޮށް، ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އޮންނަ ކުންފުންޏަކަށް ހެއްދެވިއެވެ. އާ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސިފަކުރައްވާ ގޮތުން މިފްކޯ "މިނިވަން" ކުރީއެވެ.
2016 ވަނަ އަހަރު މިފްކޯ އެސްޓީއޯގެ ދަށަށް ގެންދަން ޖެހުނީ އެ ކުންފުންޏަށް އަމިއްލަ ހާލަށް ނޫޅެވި، ބަނގުރޫޓުވާ ހިސާބަށް ހާލަތު ދިއުމުން، އިތުރު އެހެން ގޮތެއް ނެތިގެންނެވެ.
2016 ވަނަ އަހަރު މިފްކޯ އެސްޓީއޯގެ ދަށަށް ގެންދިޔައިރު، ހަމައެކަނި މަސްވެރީންނަށް ދޭން ޖެހި ނުދެވި ހުރި ފައިސާގެ އަދަދުވެސް 300 މިލިއަން ރުފިޔާއަށް އަރާ ކަމުގައި އެއިރު ސަރުކާރުން ބުނެފައިވެއެވެ. އެ ދަރަންޏާ ހަވާލުވީ ސަރުކާރުންނެވެ. އެ ގޮތުން އެ ކުންފުނި އެސްޓީއޯގެ ދަށަށް ގެންދިޔައީ އެ ކުންފުނީގެ ނެގެޓިވް ނެޓް އެސެޓްތައް ބެލެންސް ކުރުމަށް ފަހު ކަމަށް އެސްޓީއޯއިން އޭރު ބުންޏެވެ.
މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުން އެ ކުންފުނިގެ ހާލަތު ރަނގަޅުވެފައެއް ނުވެއެވެ. އެކަން ހާމަވީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރާއި ހަމައަށް އެ ކުންފުނީގެ ހަރަދުތައް އޮޑިޓްކޮށް، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުންނެވެ. އެ ރިޕޯޓުގައިވާގޮތުން އެ މުއްދަތުގެ ތެރޭގައި މިފްކޯއަށް 6.9 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނު އިރު، މަސް ގަތުމަށާއި ޕްރޮޑަކްޓުތައް އުފެއްދުމަށް 7.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. ބޭރުގެ ބާޒާރުގައި މަސް ވިއްކާ އަގަށްވުރެ ބޮޑު ހަރަދެއްކޮށް މަސް ގަތުމާއި މަސް އުފެއްދުމަށް ހިންގާފައިވާ ކަމަށްވެސް އެ ރިޕޯޓުން ހާމަވެއެވެ.
އެހެންކަމުން މިފްކޯއަށް އެ މުއްދަތުގެ ތެރޭގައި 25 މިލިއަން ރުފިޔާގެ ގްރޮސް ލޮސް ލިިބުނުއިރު، އެހެނިހެން ހަރަދާއެކު ޖުމުލަ 1 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ.
މިފްކޯ ވަކީން ހިންގުމަކީ ފައިދާ ނެރެވޭނެ މޮޑެލެއް ކަމަށްމީގެ ކުރީންވެސް ބައެއް ދިރާސާވެރީން އަދި މަސްވެރިކަމުގެ ސިނާއަތުގެ ބައެއް ތަޖުރިބާކާރުން ބުނެފައިވެއެވެ. އެކަމަކު އެއީ ބޮޑެތި އިންވެސްޓްމެންޓް ތަކާއި އެކު ދުނިޔޭގެ ބާޒާރުގައި ހުންނަ އަގާއި ނުބައްދަލު އަގުގައި މަސްވެރީން އަތުން މަސްގަތުން ހުއްޓާލައި، ކުންފުނީގެ އިސްރާފު ވެސް ކުޑަކޮށްގެން ނޫނީ ނުކުރެވޭނޭ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ. ވަކީން ހާއްސަކޮށް، ކޮންމެ ސިޔާސީ މޫސުމަކާ ދިމާކޮށް، މަހުގެ އަގު ބޮޑުކުރަނީ ބައިނަލްއަގުވާމީ ބާޒާރުގައި ހުންނަ އަގަށް ބަލައިގެން ނޫން ކަމަށް މަސްވެރި ސިނާއަތުގެ ދިރާސާވެރީން ބުނެއެވެ.
އެހެންކަމުން އަނެއްކާވެސް، މިފްކޯ މިނިވަން ކުރުމަކީ ހެޔޮ ބަދަލަކަށް ވެދާނެ އެވެ. އެހެން ނަމަވެސް، އާ ފިޝަރީޒް މިނިސްޓަރު އެ ވިދާޅުވާ ފަދަ މިނިވަން ތަނަކަށް މިފްކޯ ހެދޭނީ ލައްކަ ގިނަ ބަދަލުތައް ވެސް ގެނެސް، ހެޔޮ ގޮތަކަށް ކުންފުނި ހިންގައިގެންނެވެ.