މާލޭގައި އިންޖީނުލީ ވެހިކަލް ޕާކުކުރާ ފަރާތްތަކުން ފީއެއް ދައްކައިގެން ނޫނީ ޕާކު ނުކުރެވޭ ގޮތް ހަދަން ވިސްނަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މަގުތަކުގައި އާންމުންނަށް ފަސޭހައިން ހިނގާ ބިނގާވެ އުޅެވޭނެ ގޮތް ހަދަންޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ވެހިކަލުތައް ޕާކުކުރާނެ ވަކި ޒޯންތަކެއް ހެދިގެން ކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިތުރު ޒޯންތަކެއް ހަދާނެ ކަމަށް ބުނެފައިވެއެވެ.
އަދި ޕާކިން މައްސަލަ ހައްލުކުރަން އަށް އޭކަރުގެ ބިން ބޭނުންވާ ކަމަށާއި އެކަން ހައްލުކުރެވޭނީ ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.
ޓްރެފިކުގެ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަން ފާހަގަކޮށް، އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައިގެން ހައްލު ހޯދަން ކަމާ ބެހޭ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.
އަދި ޓްރެފިކްގެ މައްސަލަ ހައްލުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ކެބިނެޓަށް ހުށައަޅައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.