ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 17

އަބްދުﷲ ފާރޫގް ހަސަން

(12 ޑިސެމްބަރުގެ އަދަދާ ގުޅޭ)

އައު އިސްލާމީ ދައުލަތް އޮތީ ހުރިހައި ދާއިރާތަކަކުންވެސް ބިނާކުރާން ޖެހިފައެވެ. އެތެރޭގެ މުނާފިޤުންނާއި ބޭރުގެ ދުޝްމިނުންގެ ނުރައްކަލުން ދިފާޢުކުރާން ޖެހިފައެވެ. އަނެއްކޮޅުން ތަޙްރީކުގެ މެންބަރުން ދިޔައީ ކުރީންވެސް ދެންނެވި ފަދައިން ތަންމަތިވަމުންނެވެ. ކާބޯތަކެއްޗާއި އުނުފޭރާމުގެ ކަންތައްވެސް ފުދޭވަރާ ގާތަކަށްވެސް އިންތިޒާމު ކުރެވިފައެއްނެތެވެ. މަސްރަޙުގެ ނުސިޔާނުކަމާ އެކުވެސް އެބޭކަލުން ބާރު ހޯއްދަވަމުން ގެންދެވީ ވަރުގަދަ އީމާންކަމެއްގެ ބާރުންނެވެ. މަޤްޞަދު ދެކެ އިންތިހާޔަށް ވެވަޑައިގަންނަވާ ލޯބިފުޅުންނެވެ. މެންބަރުންގެ މެދުގައި ދެމެހެއްޓެވި އުޚުއްވަތުގެ ޖަޒުބާތުގެ ބާރުންނެވެ. އާދޭހެވެ. އިސްލާމީ ތަޙްރީކުގެ މެމްބަރުން ހަކަތަ ހޯއްދަވާ ވަސީލަތަކީ އީމާނާއި ޢަމަލާއި އުޚުއްވަތެވެ. އެ ވަރުގަދަ ރޫޙާނީ ބާރުވަނީ ނޭކަ ބަލިބުރަ ބަޔަކު އާރާއި ބާރާއި ބުންވަރުހުރި ބަޔަކަށް ހަދައިފައެވެ. ބޮޑެތި ބޮޑެތި ތާރީޚީ މުހިންމަތުތައް ފުރިހަމަކޮށްލައްވާ އަފްރާދުންނާއި ޖަމާޢަތްތަކުގެ މަރުކަޒީ ބާރަކީ އީމާންކަމާއި އުޚުއްވަތެވެ. އިސްލާމީ ތަޙްރީކުގެ މެންބަރުންގެ ކިބައިގައި އެބާރު ހުއްޓެވެ. ނަތީޖާއެއްގެގޮތުން ވަސީލަތްތައް މަދުކަމުގެ އުނިކަން ދިޔައީ ފޫބެދެމުންނެވެ.

އެ ނުސިޔާނު ވަގުތުގައިވެސް ޢަދާވަތްތެރި ޔަހޫދީންވަނީ ނުހަނު ބިރުވެރި ޕްރޮޕެގެންޑާއެއްގެ ޠޫފާނެއް އުފައްދައިފައެވެ. ޔަހޫދީން އަޑު އެރުވިގޮތުގައި މުސްލިމުން ތިބީ އެބައިމީހުންގެ ސިހުރު ޖެހިފައެވެ. މުސްލިމުންނަކަށް މަދީނާއަކު އާލާއެއް ނުވެވޭނެއެވެ. އެދުވަސްވަރު މުސްލިމުންގެ ޙާލުހުރިގޮތް ވިސްނައިވަޑައިގެންނެވުމަށްޓަކައި އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބައެއް އެކުވެރީންގެ ޙާލުކޮޅު ހުރިގޮތުގެ މައްޗަށް މިތާނގައި ފަނޑުއައްޔެއް އަޅުވައިލާނަމެވެ.

އަޅުގަނޑު އެބޭކަލުންގެ ވާހަކަ ބަޔާންކުރާ އެންމެފުރަތަމަ ބޭކަލަކީ أبــوبــكــر الصّـدّيــق رضـــى اللّــــه عــنـــــه އެވެ. އެކަލޭގެފާނުވެސް އާލާސްކަންފުޅު ބޮޑުވެ "މަރުގެ ދާނުގައި" ފުރޮޅިވަޑައިގަންނަވަނީއެވެ. އެ ޙާލުކޮޅުގައި އޮންނަވައި ވިދާޅުވަމުން ގެންދެވި ޅެންބައިތެއްގައި އަމިއްލަފުޅު ޙާލުކޮޅު ބަޔާންކުރެއްވީ އަންނަނިވި ޢިބާރާތުންނެވެ. "އަހަރެން ގެ ޙާލަކީ ހެއްޔެވެ؟ އަހަރެންގެ މަރު ފެންނަނީ ފައިވާނުގެ ވަދަށްވުރެވެސް މާކައިރީންނެވެ."

بِـــلال رضـــى اللّــــه عــنـــــه އަށް ހުންފުޅު ގަދަކަމުން އިންނަވާކަށެއް އޮންނަވާކަށެއް ލިބިވަޑައެއް ނުގަންނަވައެވެ. ތަންމަތިކޮޅުގައި ފުރޮޅިވަޑައިގަންނަވަނީއެވެ. އެޙާލުކޮޅުގައި ވިދާޅުވަމުން ގެންދެވި ޅެންބައިތުތަކުގެ މާނައަކީ:
"މިއީ މައްކާގެ ވާދީތަކާއި ފެންފެންގަނޑާއި ފަރުބަދަތަކުގެ ހަނދާން އައުކުރުމެކެވެ. އެވާދީގައި ރޭގަނޑެއް ހޭދަކޮށްލާން ހިތުގައިވާ ވަރުގަދަ އެދުން ހާމަކުރާ ހާމަކުރުމެކެވެ. އެ ވާދީތަކުގައި އުޛުޚުރާއި ޖަލީލެވެ ކިޔާ ގަސްތައް ހެދެއެވެ. އަދި އެތާނގައި މުޖިންނާގެ ފެންގަނޑުވެއެވެ. އެ ފެންގަނޑުން ފެންބުއިމަށާއި ޝާމާއާއި ޠުފައިލާ ދެފަރުބަދައިގެ މަންޒަރު ދެކެލުމުގެ ޝައުޤުވެރިކަން ހިތުގައި އުތުރު އަރަނީއެވެ."

ދެން މިދަންނަވަނީ عـــامــــــر بـــن طـفـيـــل رضـــى اللّــــه عــنـــــه ގެ ވާހަކައެވެ. ގަދަހުންފުޅުގެ އުދާހުގައި ދޫފުޅުން ތަކުރާރުކުރައްވަމުން ގެންދެވިއެވެ.

"އަހަރެންގެ ހަށިގަނޑުގެ ޙާލަކީހެއްޔެވެ؟ މަރުގެ ވަގުތު އައުމުގެކުރީން މަރުގެ ފިޔަވަޅުގެ އަޑު އިވެމުންދަނީއެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާގެ އެކުވެރިޔާ شـــدّاد ގެ ޙާލުކޮޅު ދެކެވަޑައިގަންނަވާން ފައިންޕުޅު ބީއްސެވިއެވެ. އާލާސްކަންފުޅާ ތަންމަތިވެވަޑައިގެންފައިވާ شـــدّاد ވިދާޅުވިއެވެ. "ބަޠުޙާގެ ފެން ބޮވޭނެނަމަ މިބަލީން ނަޖާވެވިއްޖައީހެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. "ވަޑައިގަންނަވާށެވެ. މަނާކުރަނީ ކާކުތޯއެވެ؟" އާލާސްކަންފުޅާ އޮންނެވި شـــدّاد ވިދާޅުވިއެވެ. "އަޅުގަނޑުގެ ހިޖްރައެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، شـــدّاد އަށް ތަސައްލީ ދެއްވަމުން ޙަދީޘުކުރެއްވިއެވެ. "ވަޑައިގަންނަވާށެވެ. ކަލޭގެފާނު ވަޑައިގެންވީ ކޮންމެ ތަނެއްގައިވެސް މަހާޖިރަކު ކަމުގައިވާނެއެވެ."

ޙުދައިބިއްޔާގެ ޞުލްޙައަށްފަހު ޞަޙާބީން ޢުމްރާއަށް ވަޑައިގެންނެވިއިރު ތަކުރާރުކޮށް އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން ހަށިކޮޅުވަނީ ވަރަށް ކަމީނާވެފައެވެ. މައްކާގެ މީހުން މަލާމާތުގެގޮތުން މުސްލިމުންނާ ދިމާޔަށް ބުންޏެވެ. "އަދިވެސް މަދީނާއަށް ދެވޭތޯ ބަލާށެވެ!" ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުސްލިމުން ޠަވާފުކުރައްވާއިރު ފިޔަވަޅުފުޅުތައް ކައިރިކުރައްވައި ހަލުއިކުރައްވާން އެންގެވީ މައްކާގެ މުޝްރިކުންގެ އެ މަލާމާތުގެ ރައްދު ޢަމަލެއްގެ ގޮތުންނެވެ.

"ހިޖްރައަކީ ބުރަކަމެކެވެ. އެއީ ކުޅިވަރެއް ނޫނެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މިފަދައިން ޙަދީޘުކުރެއްވީ މުހާޖިރުންގެ މިދެންނެވި ޙާލުކޮޅުގެ ސަބަބުންނެވެ. ހިޖްރަޔާބެހޭ ވަރަށް ޝައުޤުވެރި ހާދިސާއެއްވެސް ހިނގައިފައިވެއެވެ. ބަދަވީންގެ މީހެއް މަދީނާއަށް އައިސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަތްޕުޅުމައްޗަށް އިސްލާމްވެ ބައިޢަތު ހިފިއެވެ. ނަމަވެސް އޭނާ މަދީނާއަށް އައުމާއެކު ހުންއަތުވެއްޖެއެވެ. އެ ބަދަވީންގެ މީހާ ކަނޑައެޅީ އެއީ އިސްލާމްދީނުގެ ސުންޕާކަން ކަމުގައެވެ. ތަކުރާރުކޮށް ދަންނަވައިގެން ބައިޢަތު އުވައިލައިފައި މަދީނާއިން ފުރައިގެން ހިނގައްޖެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެ ހާދިސާއާ ގުޅިގެން ވިދާޅުބަސްފުޅު އިއްވެވިއެވެ. "މަދީނާއަކީ ސުނާރެއްގެ އުނދުންފަދައެވެ. ދަބަރާއި ދަގުއި ފިލުވައި ޚާލިޞް މަޢުދަން ވަކިކޮށްދެއެވެ." (ބުޚާރީ) އާދެ، ބޮޑެތި މުހިންމަތްތައް ބޮލަރުވައިގެން ތެދުވާ މީހުންނަކީ އެބައިމީހުން އަޅާ ކޮންމެ ފިޔަވަޅަކާއެކު ވަރުގަދަ އިމްތިޙާނުގެ މަރްޙަލާއެއް ކަޑައްތުކުރާންޖެހޭ ބަޔެކެވެ. ބަލާއާއި މުސީބަތުގެ އިމްތިޙާނުތަކެވެ. އެ މަރްޙަލާ ކަޑައްތުކުރެވޭނީ އީމާންކަމުގެ ކޮއްތު ހިފައިގެން ދަތުރަށްއަރާ މީހުންނަށެވެ. އެ ދަތުރުގެ ކޮންމެވެސް އެއް މަރްޙަލާއަކީ ގެންދާ މާލުގެ ފެންވަރު އެނގޭނެ މަރްޙަލާއެކެވެ. އެގޮތުން މުހާޖިރުން މަދީނާގައި ހޭދަކުރެއްވި އެންމެފުރަތަމަ ދުވަސްތަކަކީ ސުނާރެއްގެ އުނދުނެއްފަދަ ދުވަސްތަކެކެވެ. (އުސްވަތެ ޞަޙާބާ މައުލާނާ ޢަބްދުއްސަލާމް ނަދުވީ)

މުހާޖިރުން ފަޤީރުފުޅުކަމާއި ހައިހޫނުފުޅުކަމުގެ އިންތިހާގައި ތިއްބެވިއިރު އަނެއްކޮޅުން ޖެހިވަޑައިގެންފައިވަނީ އައު މާހޫލެއްގައި މަޢީޝީ ދިރިއުޅުއްވުމުގެ ބިންގާ އަޅުއްވާށެވެ. ޙަލާލު އާމްދަނީގެ ވަސީލަތްތަކެއް އަތްމަތިކުރެއްވޭތޯ ބައްލަވާށެވެ. އަނެއްކޮޅުން ޙައްޤު ދީން ޤާއިމުކުރެއްވުމުގެ ތަޙްރީކަކަށް ނިހާޔަތަށް ބޭނުންވެފައިވަނީ ތަޙްރީކަށްޓަކައި ހޭދަކުރުމެވެ. ޞަދަޤާތެވެ. އެކަމަށްއެދި ދިޔައީ މުރާފަޢާ ކުރެވެމުންނެވެ. އަބަދުވެސް ދިޔައީ ޞަދަޤާތްކުރާން އިލްތިމާސް ކުރެވެމުންނެވެ. އެފަދަ ޙާލަތެއްގައި ޙައްޤުގެ ދަޢުވަތުގެ ބައިވެރީންނަށް ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނެ ތުރާތައް ތަޞައްވުރުކޮށްލުމަކީވެސް ހިތަށްފަސޭހަ ކަމެއްނޫނެވެ. އެހެންކަމާއެކުވެސް އެހިތާމަވެރި އެވޭންދެނިވި ވާހަކަތަކުންވެސް ތާރީޚާއި ސީރަތުގެ ފޮތްތަކުގެ ޞަފްޙާތައްވަނީ ފުރައިލެވިފައެވެ. އޭގެތެރެއިން މަދު ޢަދަދެއްގެ ހާދިސާތަކުގެ ވާހަކަ މިތާނގައި ނަކަލުކޮށްލާނަމެވެ.

أبـــو طـلـحــة رضـــى اللّــــه عــنـــــه އެ ތުރާތަކާއި މުޞީބަތުގެ ވާހަކަ ބަޔާންކުރައްވަނީ އަންނަނިވި ޢިބާރަތުންނެވެ. "ހައިހޫނުކަމާއި ކާޑުބަލީގެ ސަބަބުން އަހަރެމެންގެ ހަށިތައްވަނީ ހިކި އަނަރޫފަވެފައެވެ. މަސްތައްވިރި ކަށިތަކުގައި ހަން ތަތްލައިފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އަހަރެން އެއްދުވަހަކު ހިނގައްޖައީމެވެ. ހައިހޫނުކަމާހުރެ ކެތްނުވެގެން ހާލުގެ ވާހަކަ ދަންނަވައި އެހީފުޅެއް ހޯދާންވެގެންނެވެ. އޭރު އަހަރެން ހުރީ ބަނޑުގައި ހިލައެއް ބަނދެގެންނެވެ. ހައިހޫނުކަމުގެ ސަބަބުން މައިދާއިން އަރާ ހޫނު ކުޑަކުރުމަށްޓަކައެވެ. އަހަރެން ހެދުން ކަޝްފުކޮށްފައި ބަނޑުގައި ބަނދެފައިއޮތް ހިލަ ދައްކައިލީމެވެ. އިންސާނީ ތާރީޚު ދުށް އެންމެ މަތިވެރި ޝަޚްޞިއްޔަތު ކަމުގައިވާ ސާހިބާވެސް އެމާތް ސާހިބާވެސް ހެދުންކޮޅު ކޮށިކުރައްވައިފައި އެ މާތް ސާހިބާގެ ބަނޑުފުޅު ދައްކަވައިލެއްވިއެވެ. އޭރު އެމާތް ސާހިބާގެ ބަނޑުފުޅުގައިވެސްވަނީ ހިލަ ބަންނަވައިފައެވެ. އެންމެ ހިލަފުޅެއް ނޫނެވެ. ދެ ހިލަފުޅު ބަންނަވައިފައި އޮތެވެ. އެތަން ފެނުމަކީ ބަނޑުހައިކަމުގެ ވާހަކަ ދަންނަވާން ދިޔަދިޔުމުން ވަރަށްބޮޑު ތަސައްލީއެއް ލިބުމުގެ ސަބަބެކެވެ." (ޝަމާއިލް ތިރުމިޒީ)

أبـــو طـلـحــة رضـــى اللّــــه عــنـــــه ވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް ވަޑައިގެންނެވި ޙާލުކޮޅުގައި أبــوبــكــر الصّـدّيــق رضـــى اللّــــه عــنـــــه ވެސް އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އެއްދުވަހަކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނުވެސް ވަޑައިގެންނެވީ ކައުސާހިބާގެ ފަރާތްޕުޅުން ހިތްވަރުފުޅު ލިބިވަޑައިގެންނެވުމަށާއި ތަސައްލީ ލިބިވަޑައިގެންނެވުން އެދިވަޑައިގެންނެވެ. އެކަމަކު އިސްލާމީ ތަޙްރީކުގެ ޤާއިދުގެ އަރިހުގައި އެވާހަކަ ވިދާޅުވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އެމާތް ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ފިކުރުފުޅު ބޮޑުވެދާނެތީއެވެ. ވާހަކަފުޅުގައި ތިއްބަވަނިކޮށް عــمـــــر رضـــى اللّــــه عــنـــــه ވެސް ވަޑައިގެންފިއެވެ. عــمـــــر ގެފާނުވެސް ހުންނެވީ އެ އިމްތިޙާނާ ކުރިމަތިލައްވާން ޖެހިވަޑައިގެންފައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم عــمـــــر ގެފާނު ވަޑައިގެންނެވީ ކޮންބޭނުންފުޅަކުތޯ ސުވާލު ކުރެއްވިއެވެ. عــمـــــر ގެފާނު އެކަލޭގެފާނަށް ވަޑައިގެންނެވުނީ ކީއްވެގެންކަން ސާފުސާފުކޮށް ވިދާޅުވެދެއްވިއެވެ. ބަނޑުހައިފުޅުކަމާހުރެ ނިވެއްތައިގަނެގެން ވަޑައިގެންނެވުނީ ކަމުގައި ވިދާޅުވިއެވެ. އިތުރު صـلّـــــى اللّــــه عــلـيــــه وسـلّـــــم އެމާތް ސާހިބާވެސް ހުންނެވީ ހަމަ އެ ޙާލުކޮޅުގައި ކަމުގައި ވިދާޅުވިއެވެ.

ތިންބޭކަލުންނަށް އެއްބަސްވެވަޑައިގެންނެވުނީ އެބޭކަލުން އެކުވެރި أبـــو الـهـيثــــم رضـــى اللّــــه عــنـــــه ގެ އަރިހަށް ތިންބޭކަލުންގެ މަޤްޞަދުގައި ވަޑައިގެންނެވުމަށެވެ. أبـــو الـهـيثــــم އަކީ މަދީނާގެ މުއްސަނދިފުޅު ބޭކަލެކެވެ. އެކަލޭގެފާނުގެ ވަރަށްގިނަ ބަގީޗާތައްވެސް ހުއްޓެވެ. ތިން މިތުރުން އެބޭކަލުންގެ ރަޙްމަތްތެރިޔާގެ ގެޔަށް ވަޑައިގެންނެވިއިރު أبـــو الـهـيثــــم ގެޔަކު ވަޑައިގެންނެއް ނުއުޅުއްވައެވެ. ވަޑައިގެންވީ ފެންބައްލަވައެވެ. ގޭގައި ޚާދިމަކު ނެތުމުންނެވެ. ތިން މިތުރުން އެގޭގައި މަޑުކޮށްލެއްވިއެވެ. أبـــو الـهـيثــــم ގެޔަށް ވަޑައިގެން އެބޭކަލުން ފެނިވަޑައިގެންނެވުމުން ވަރަށް އުފާކުރެއްވިއެވެ. އެބޭކަލުންނާ ބަޣަލްޤީރު ކުރައްވައި ސަލާމްކުރައްވައިފައި ގޮވައިގެން ވަޑައިގެންނެވީ އެކަލޭގެފާނުގެ ބަގީޗާއަކަށެވެ. ބަގީޗާގައި ފަރީއްކޮޅުގެ ސުފުރާ ތައްޔާރުކުރެއްވިއެވެ. ދޮންކަދުރު ބިންނަވައިގެން ގެނެސްދެއްވިއެވެ. މާތް اللّــــه އަށްޓަކައި ހައިހޫނުކަން ބަރުދާސްތު ކުރައްވަމުން ގެންދެވި ތިން މިތުރުން ފަރީއްކުޅުއްވައި ނިމިވަޑައިގެން ފިނިފެންފަރީއްކޮޅު ހިއްޕަވައި މާތް اللّــــه އަށް ޝުކުރު އަދާކުރެއްވިއެވެ. އެބޭކަލުންގެ އެކުވެރިޔާ أبـــو الـهـيثــــم އަށް ހެޔޮދުޢާ ކުރައްވައިފައި އެނބުރި ވަޑައިގެންފިއެވެ.

އުންމަތުގެ އެންމެ މަޖްދުވެރި ތިން ސާހިބުންނާ ބެހޭގޮތުންވެސް ތާރީޚުގައި ވަނީ މިބާވަތުގެ އެތައް ހާދިސާތަކެއް ރެކޯޑުކުރެވިފައެވެ. އެކަމަކުވެސް އަޅުގަނޑުގެ ޤަޞްދަކީ އިތުރު އެއް ހާދިސާގެ ވާހަކަ ބަޔާންކުރުމުގެ މައްޗަށް ފުއްދައިލުމެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެއްދުވަހެއްގެ ކުޑަމެންދުރާ ކައިރި ވަގުތެއްގައި ގެކޮޅުން ނުކުމެވަޑައިގެންނެވީ ބަނޑުހައިފުޅުކަމުގައި ހުންނަވައެވެ. أبــوبــكــر الصّـدّيــق رضـــى اللّــــه عــنـــــه އާއި عــمـــــر الــفــاروق رضـــى اللّــــه عــنـــــه އާ މަގުމަތީން ބައްދަލުވެވަޑައިގެންފިއެވެ. ތިން ސާހިބުންވެސް ތިއްބެވީ އެއްޙާލުކޮޅެއްގައެވެ. އެ ތިންބޭކަލުން އެދުވަހުގެ މަންޒިލަކަށް ހެއްދެވީ أبــــو أيّـــوب الأنـصــارى رضـــى اللّــــه عــنـــــه ގެ ކަދުރު ބަގީޗާއެކެވެ. أبــــو أيّـــوب رضـــى اللّــــه عــنـــــه އަކީ އިސްލާމީ ތަޙްރީކުގެ ފިދާއީއެކެވެ. ކައުސާހިބާގެ ކުރީގެ މޭޒުބާނެވެ. أبــــو أيّـــوب رضـــى اللّــــه عــنـــــه އެ ތިންބޭކަލުންނަށް ވިދާޅުވީ ވަރަށްވެސް އުފާވެރި މަރްޙަބާއެކެވެ. އެ ތިންބޭކަލުންނަށް އިށީނދެވަޑައިގަންނަވާން ދަޢުވަތު އެރުއްވިއެވެ. އެއަށްފަހު ދޮންކަދުރު އިހަލެއް ކަނޑުއްވައިގެން ގެންނަވައި ބަގީޗާގެ މޭޒުބާނީއަށިކޮޅުމަތީގައި ބޭއްވެވިއެވެ. އެއަށްފަހު ބަކަރިޔެއް ކަތިލައްވައި އެއްބައިމަހުން ރިހަކައްކަވައި އަނެއްބައިމަސް ފިއްސެވިއެވެ. ރޮށިފިއްސަވައި ސުފުރާކޮޅު ތައްޔާރު ކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތަނުން ރޮށްޓަކަށް މަސްކޮޅެއް ލައްވައިފައި ޙަދީޘުކުރެއްވިއެވެ. "މިއެތިކޮޅު فــاطــمــــة އަށް (فــاطــمــــة الـــــزّهـــــــراء رضـــــى اللّــــه عــنـــهـــا) ފޮނުވައިދޭށެވެ. އޭނާ ބަނޑުހައިކަމުގައި އިންނަތާ އެތައްދުވަހެއް ވެއްޖެއެވެ.

سـعــد بــــن أبــــى وقّـــاص رضـــــى اللّــــه عــنــــه ރިވާކުރައްވައިފައިވެއެވެ. އަހަންނަކީ محـمّــدى ތަޙްރީކަށްޓަކައި އެންމެފުރަތަމަ ދުޝްމިނެއްގެލޭ އޮހޮރުވައިލި މީހާއެވެ. އެ ތަޙްރީކުގެ ޢަސްކަރީ މަރްޙަލާ ފެށުމުން ހަނގުރާމައެއްގައި އެންމެފުރަތަމަ ދުންޏެއް ދޫކޮށްލި މީހާއެވެ. އަހަރެމެން ޖިހާދުކުރީ ފަތްޕިލާވެއްޔާއި އަކޭސިޔާ ގަހުގެ ވަކި ކައިގެންނެވެ. އެތަކެތި ކެއުމުން އަނގައިގެ ދެމިޔަކަން ފާރުވެއެވެ. (އަނގަފާރު އަޅައެވެ.) އަހަރެމެންގެ މާގެފިލި ނަޢަމުސޫފީގެ ބޮޑުކަމުޙާޖަތާ އެއްގޮތްވެއެވެ." (ޝަމާއިލު ތިރުމިޒީ)

(ނުނިމޭ)