އިބްރާހިމް ޒަކީ
ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް)ގެ ތިމާވެއްޓާއި ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ "ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް، (ސީ.އެމް.އެސް)" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
އެ މުއާހަދާގައި ބައިވެރިވުމާ މެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކޮށްފައިވަނީ، 44 މެންބަރުންގެ ވޯޓުންނެވެ.
"ކޮންވެންޝަން އޮން ދަ ކޮންޒަވޭޝަން އޮފް މައިގްރޭޓަރީ ސްޕީސިސް އޮފް ވައިލްޑް އެނިމަލްސް (ސީ.އެމް.އެސް)" އަކީ ކަނޑާއި އެއްގަމާއި ވައިގެމަގުން އެއްތަނުން އަނެއް ތަނަށް ހިޖުރަކުރާ ދިރުންތަކާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށް 127 ގައުމަކުން ބައިވެރިވެ އަމަލުކުރަމުން އަންނަ މުހިއްމު މުއާހަދާއެކެވެ.
ބައިނަލްއަގުވާމީ ގޮތުންނާއި ދިވެހިރާއްޖޭގެ ގައުމީ ފެންވަރުގައިވެސް ރައްކާތެރިކޮށް ހިމާޔަތްކުރުން މުހިއްމު، ސީ.އެމް.އެސް ގެ ދަށުން ބަލަހައްޓާ ދިރުންތަކުގެ ތެރޭގައި އެކި ބާވަތްތަކުގެ މިޔަރާއި، ވެލާކަހަނބާއި، ދޫންޏާއި، ކޯމަހާއި، ބޮޑުމަހާއި، މަޑީގެ ބާވަތްތަކެއްވެސް ހިމެނެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ސީ.އެމް.އެސް ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.
މީގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ގޯލް 14(ފެނުއަޑީގެ ދިރުން)، 15(އެއްގަމުގެ ދިރުން) އަދި 17(ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެންމެންގެ ބައިވެރިވުން) ހާސިލްވުމަށް މަގުފަހިވެގެންދިއުމާއި، ނޭޝަނަލް ބައޯޑައިވާސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭން 2016 – 2025 ގެ ދަށުން އެކުލަވާލައިފައިއިވާ ބައެއް އަމާޒުތައް ހާސިލްވެގެންދިޔުން ހިމެނެއެވެ.
މީގެއިތުރުން މި ދިރުންތައް ހިމާޔަތްކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ މައިގަނޑު އިގުތިސޯދީ ސިނާއަތްތައް ކަމަށްވާ ފަތުރުވެރިކަމަށާއި މަސްވެރިކަމަށް ވެސް ގިނަގުނަ ފައިދާ ތަކެއް ކުރާނެއެވެ.