ރައްޔިތުންގެ މަޖިލިސް

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު އިގްތިސާދީ ކޮމެޓީއަށް

އިބްރާހިމް ޒަކީ

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލު މަޖިލީހަށް ބަލައިގަނެ އިގްތިސާދީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ މަޖިލީހަށް ހުށައެޅުއްވި، އެ ބިލް މަޖިލީހަށް ބަލައިގެންފައިވަނީ، ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

މިބިލު މަޖިލީހަށް ހުށަހަޅުއްވަމުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ، މިއީ ރާއްޖޭގައި ވިޔަފާރީގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު، ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމުގެ މަގުސަތުދުގައި ހުށަޅުއްވި ބިލެއް ކަމަށެވެ.

ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަމަށް ހުރަސް އަޅާ އެއްބަސްވުންތައް އަދި އަމަލުތައް މަނާކޮށް އަދި މާކެޓުގައި ނުފޫޒު ފޯރުވާނެ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކުރުން ހުއްޓުވުންވެސް މި ބިލުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

އެއްވިޔަފާރިއެއް އަނެއް ވިޔަފާރިއާއި މާޖާއެއް ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާ ދިއުން ކޮންޓްރޯލް ކުރުމުގެ ގޮތުން އުސޫލެއްް އެކުލަވައިލުންވެސް މި ބިލްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި ބިލުގައި ކަނޑައަޅާފައިވާ ކަންތައްތަކާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް އަދަބުތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.