ރީކޯ މޫސާ މަނިކް

ނޮވެމްބަރު 11 ގައި ހުވާ ނުކުރެވެންވީ ގާނޫނީ ސަބަބެއް ނެތް: ރީކޯ މޫސަ

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ނުކުރެވެންވީ ގާނޫނީ ސަބަބެއް އޮތް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި ހުންނަވައިގެން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބީ ރައީސް ހުވާ ކުރެއްވުން އޭރުގެ ހާލަތާ ގުޅިގެން އެހެން ގޮތަކަށް ދިޔަ ނަމަވެސް، އެއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ހުވާ ކުރުން ފަސް ކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ގާނޫނީ އެއްވެސް ހުރަހެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޒަމާނުއްސުރެ އެކަން އޮންނަ ގޮތަށް އަޅުގަނޑުމެންގެ ފަޚުރުވެރި ޖުމުހޫރީ ދުވަހު އެކަން ކުރެވެން ޖެހޭނެ." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އިންތިޚާބީ ރައީސް، ސޯލިހުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުވާކުރެއްވޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށެވެ. އެހެންކަމުން އެ ތާރީޚުގައި ރަސްމިއްޔާތު ބޭއްވުމަށް އެދި މަޖިލީހުގެ ރައީސް އަށް ދަންނަވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ އިންތިޚާބީ ރައީސް ހުވާކުރެއްވުމަށް ޓަކައި ބޭނުންވާ އިންތިޒާމުތައް ފުރިހަމަ ކުރުމުގެ ކަންކަން ބާރަށް ކުރިޔަށް އެބަދާ ކަމަށެވެ. އެގޮތުން ގަލޮޅު ދަނޑުގައި ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ޓަކައި ވާން ޖެހޭ ތައްޔާރުތައް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރިޔަށް އެބަ ގެންދަވާ ކަމަށް ވިދާޅުވި އެވެ.