ރައްޔިތުންގެ މަޖިލިސް

ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީއެއް އުފެއްދުމަށް ހުށަހެޅި ތަރިކައިގެ ބިލް ކޮމިޓީއަށް ފޮނުުވައިފި

އިބްރާހިމް ޒަކީ

ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ޒިންމާ އުފުލުމަށްޓަކައި "ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީ"ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް ހުށަހަޅާފައިވާ، ދިވެހި ރާއްޖޭގެ ސަގާފީ ތަރިކައިގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް އިޖްތިމާއީ ކޮމިޓީއަށް ފޮނުުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ދިވެހި ރާއްޖޭގެ ސގާފީތަރިކަ އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދީ، ސަގާފީ ތަރިކަ ދެނެގަތުމުގެ މަގުސަދުގައި އީވާ ހުށަހަޅުއްވި މި ބިލުގެ 12 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރި ކުރުމުގެ ޒިންމާ އުފުލުމަށްޓަކައި "ދިވެހި ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރާ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަންވާނެ ކަމަށެވެ.

އަދި ގައުމީ ތަރިކައިގެ ހާލަތާއި، ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާގުޅޭ ގޮތުން މިނިސިްޓަރަށް ލަފާދިނުމަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ އެޖެންސީ ބޯޑެއް ރއީސުލް ޖުމްހޫރިއްޔާ އެކުލަވައިލަން ވާނެ ކަމަށްވެސް މި ބިލުގައި ބުނެފައިވެއެވެ.

ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތަކަށް ދޭނެ އަދަބުތަކެއްވެސް މި ބިލުގައި ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ސަގާފީ ތަރިކައަށް ގެއްލުންދޭ ފަރާތްތައް އެއްލައްކަ ރުފިޔާ އާއި އެއްމިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއި، ފަސް އަހަރާއި ވިހި އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލުމަށް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.