(8 ޑިސެމްބަރުގެ އަދަދާ ގުޅޭ)
"محـمّــد ގެފާނަކީ (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ނަބީބޭކަލެއްގެ ހައިސިއްޔަތުން އަހަރެމެންނަށް އެކަލޭގެފާނު ދެނެގަނެވޭފަދަ އެއްވެސް ނިޝާނެއް ނުވަތަ ހެއްކެއް އެކަލޭގެފާނު ވަޑައިގެންނެވިއިރު ގެންނަވައިފައެއް ނުވެއެވެ. އެހެންކަމުން މިއީ އެބޭކަލެއްގެ ވާހަކަ އަހަރެމެން ތިޔަބައިމީހުންގާތު ދެއްކި ނަބިއްޔާއެއް ނޫނެވެ." ޔަހޫދީންގެ ބޮޑުންކުރެ إبــــن صـلــــوبــــا ވެސް ވަނީ ހަމަ މިމޭރުމުން ވާހަކަ ދައްކައިފައެވެ. އޭނާ ވަނީ އިންސާނިއްޔަތުގެ މުޙްސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައިވެސް އެވާހަކަ ދައްކައިފައެވެ. އޭނާ ދެންނެވިއެވެ. "ނިޔާއެއް ކަނޑައެޅޭފަދަ ޞަރީޙު ނިޝާނެއް އަޅުގަނޑުމެން ބޭނުމެވެ. އެ ނިޝާނެއްގެ ބާވަތް ކަނޑައެޅުމަކީ ޔަހޫދީންގެ ކަމެކެވެ. އެމީހުން ބޭނުންވާ ކޮންމެ ނިޝާނަކަށްވެސް ޔަހޫދީންނަށް އެދެވިދާނެއެވެ."
އަންޞާރުންގެ ފުރަދާނައިން ވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބެހޭގޮތުން އިސްވެދިޔަ ނަބީބޭކަލުންގެ ކިބައިން އަރަހުށި މާތް اللّــــه ހިއްޕަވައިފައިވާ ޢަހްދާ ބެހޭގޮތުންވެސް ޔަހޫދީންނާ ސުވާލު ކުރައްވައިފައެވެ. އެ ސުވާލުތަކުގެ ޖަވާބުގައިވެސް ޔަހޫދީން ދެއްކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެވެ. مــالـك بــــن الـضّـيــف ސާފުބަހުން ޖަވާބުދީފައިވެއެވެ. "މާތްކަލާނގެ ގަންދެމުއެވެ. محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އާ ބެހޭގޮތުން އަހަރެމެންގެ ކިބައިން އެއްވެސް ޢަހްދެއް ހިއްޕަވައިފައެއް ނުވެއެވެ. (އިބްނު ހުޝާމު، ޖިލްދު: 2، ޞަފުޙާ: 4-173)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ބެހޭގޮތުން އެއްވެސް ޢަހްދެއް ނުވަތަ މީޘާޤެއް ހިއްޕަވައިފައި ނުވާކަމުގައި ޔަހޫދީން ބުނިކަމުގައިވިޔަސް އެއީ ކަނޑައެޅިގެންހުރި ދޮގެކެވެ. ޔަހޫދީންނާއި ނަޞާރާއިން ވަނީ އެބައިމީހުންގެ ފޮތްތައް ތަޙްރީފުކޮށްފައެވެ. އެބައިމީހުން ބޭނުން ގޮތްގޮތަށް އެފޮތްތައް ކޮށައި ބުރިކޮށް ބަދަލުކޮށްފައެވެ. މިގޮތުން އެންމެބޮޑަށް ބަދަލުގެނެސްފައިވަނީ ފަހުޒަމާނުގައި ފޮނުއްވާނެކަން ބަޔާންކުރައްވައިފައިވާ އިސްމާޢިލީ ނަބިއްޔާއާބެހޭ ބަޔާންތަކަށާއި ޚަބަރުތަކަށެވެ. ފޮތުގެ އަހުލުވެރީން ނުހަނު ބޮޑަށް ތަޙްރީފުކޮށްފައިވާއިރުވެސް އިސްލާމްދީނުގެ ނަބިއްޔާ ފިޔަވައި އެހެން އެއްވެސް ނަބީބޭކަލަކާމެދު ތަޠުބީޤު ނުކުރެވޭނެ އެތަކެއް ބަޔާންތަކަކާއި ޚަބަރުތަކެއް މިހާރުވެސް ތައުރާތާއި އިންޖީލުގައި އެބަހުއްޓެވެ. އެހެންކަމުން ޔަހޫދީން އެއުރެންގެ އުފަން ދަރީން ދަންނަފަދައިން ފަހުޒަމާނުގެ ނަބިއްޔާ ދަނެއެވެ. އިސްވެދިޔަ ފޮތްތަކާއި ޞުޙުފުތައް ތަޞްދީޤުކުރައްވާ ގޮތުގައި މާތް اللّــــه ބާވައިލެއްވި ކީރިތި ޤުރްއާނުގައި ނަބީބޭކަލުންގެ މީޘާޤާ ބެހޭގޮތުން ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.
"ނަބިއްޔުންގެ ކިބައިން اللّــــه ކަށަވަރުވެގެންވާ ޢަހްދު ހިއްޕެވިހިނދު (ކަންހިނގިގޮތް ހަނދުމަކުރައްވާށެވެ! އެހިނދު اللّــــه އެންގެވިއެވެ.) ތިމަންރަސްކަލާނގެ ތިޔަބޭކަލުންނަށް ފޮތާއި ޙިކުމަތް ދެއްވީމާ ދެން ތިޔަބޭކަލުންގެ އަރިހުގައިވާ އެއްޗެއް ތެދުކުރައްވާ ރަސޫލަކު ތިޔަބޭކަލުންގެ އަރިހަށް ވަޑައިގަތުމުން، ހަމަކަށަވަރުން ތިޔަބޭކަލުން އެބޭކަލަކަށް އީމާންވެވަޑައިގަންނަވާހުށިކަމެވެ! އަދި، ހަމަކަށަވަރުން، އެބޭކަލަކަށް ތިޔަބޭކަލުން ނަޞުރު ދެއްވާހުށިކަމެވެ! (އަދި އެބޭކަލުންނަށް) އެކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބޭކަލުން އިޤްރާރުވެވަޑައިގެން އެކަމުގެ މައްޗަށް ތިމަންރަސްކަލާނގެއަށް ކަށަވަރުވެގެންވާ ޢަހްދު ހިއްޕަވައިފީމުހެއްޔެވެ؟ އެބޭކަލުން ދެންނެވޫއެވެ. އަޅަމެން އިޤްރާރުވެއްޖައީމުއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ފަހެ، ތިޔަބޭކަލުން (އެކަމަށް) ހެކިވެވަޑައިގަންނަވާށެވެ! ހެކިވާ މީހުންގެ ތެރެއިން ތިޔަބޭކަލުންނާ އެކުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ." (آل عـمـــــران: 81)
ކީރިތި ޤުރްއާނުގެ ޠާހިރު އަދި ސާފު ބަސްފުޅުތަކުން މަދީނާގެ ޖައްވުގައި ރާޅުބާނީތަކެއް އުފެދުނުކަހަލައެވެ. އެކަމަކު ޔަހޫދީންނަކީ ހެއްކަކަށް ދަލީލަކަށް ބަލައިލައި ބޯލަނބާ ބައެއް ނޫނެވެ. އެހެންނޫންނަމަ އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދިލައެއް މިލައެއްނެތް ޝަޚްޞިއްޔަތާއި ރީތި މުޢާމަލާތަކަކީވެސް އެމާތް ސާހިބާގެ ބަސްފުޅު ތެދުކަމާއި ދަޢުވާ ސާބިތުކަމުގެ ދަލީލަކަށް ނުވޭބާވައެވެ؟ އެ ތަޙްރީކަށްޓަކައި ފުރާނަފުޅު ޤުރްބާންކުރައްވަމުން ގެންދެވި ބަޚޫލަތްތެރި ޤާއިދުގެ ޙަޔާތްޕުޅަކީ ނިޝާނަކަށް ނުވޭބާވައެވެ؟ އެ ތަޙްރީކަށްޓަކައި ފުރާނަފުޅު ޤުރްބާންކުރައްވަމުން ގެންދެވި ބަޠޫލަތްތެރި ހެވީންގެ ކަށަދާނަކަމާއި އެބޭކަލުންގެ ޙަޔާތްޕުޅަކީ ނިޝާނަކަށް ނުވޭބާވައެވެ؟ އެބޭކަލުންގެ ޢަދަދު މަދުކަމާއެކުވެސް އަނިޔާވެރިކަމާއި ގަދަބަދަވިކަމުގެ ހަތިޔާރު އަޅައިގެންތިބި ނުފޫޒުހުރި ބާރަކާ ދެކޮޅަށް ދައްކަވަމުން ގެންދެވި އާރާއި ބާރާއި ވަރުގަދަ އުރައްޕަކީ އިންސާނީ ބުއްދިތައް އަންތަރީސްކޮށްލި ނިޝާނެއް ނޫންބާއެވެ.
ޔަހޫދީން އެދުނީ ކޮންކަހަލަ ނިޝާންތަކެއްތޯވެސް ނިކަން ބަލައިލަމާ ހިންގަވާށެވެ.
رافـــع بـــن حُــــريمـــلـــة އާއި وهـب بـــن زيـــد އާ ދެމީހުންނަކީ މަދީނާގެ އަފޫރުއްބަ ޙިބްރުންކުރެ ނަންހުރި ދެމީހުންނެވެ. އެދެމީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށްގޮސް އެމާތް ސާހިބާގެ އަރިހުގައިވެސް ދެންނެވިއެވެ. "އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) އަޅުގަނޑުމެންގެ ކުރިމައްޗަށް ލިޔެވިފައިވާ ފޮތެއް ނިކަން ގެންނަވަ ބައްލަވާށެވެ. އެފޮތް އުޑުން ބާވައިލައްވުވާށެވެ! އަޅުގަނޑުމެން އަމިއްލަޔަށް އެފޮތް ކިޔެވުމަށްޓަކައެވެ. އަޅުގަނޑުމެންގެ ކުރިމަތީން ފެންއާރެއް ހިންގުވައި ދެއްވާށެވެ! އޭރުން އަޅުގަނޑުމެން ކަލޭގެފާނާ ތަބާވެގެން ފަހަތްޕުޅުން ހިނގާނޫއެވެ. ކަލޭގެފާނަކީ ތެދުވެރިޔެއްކަމުގައި ހެކިދޭނޫއެވެ."
رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި رافـــع بـــن حُــــريمـــلـــة، އެއްދުވަހަކު ދެންނެވިއެވެ. "އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ކަލޭގެފާނު އަމިއްލަފުޅަށް ތިޔަ ވިދާޅުވާ ފަދައިން ކަލޭގެފާނަކީ ޙަޤީޤަތުގައިވެސް މާތް اللّــــه ގެ ރަސޫލަކު ކަމުގައިވާނަމަ އެކަލާނގެ ޙަޟުރަތުގައި ވިދާޅުވާށެވެ. އަޅުގަނޑުމެންނާ ވާހަކަ ދައްކަވާށެވެ. (އަޅުގަނޑުމެންނާ ބަސް ވަޙީކުރައްވާށެވެ.) އަޅުގަނޑުމެންނަށް އެކަލާނގެ ބަސްފުޅު އަޑުއިވިއްޖައުމަށް ދާންދެންނެވެ."
ޔަހޫދީންގެ މާތް މީހުންކަމުގައިވާ فخــاص އާއި عــبــد اللّـــه بـــن صبـــوريــا އާއި إبـــن صـلـــوبــا އާއި كـنـــاتـــه بـــن أبـــى الحـقــيـــق އާއި، أشــيـــع އާއި كــعب بـــن أســد އާއި شمــــويـــل بـــن زيـــد އާއި جـبـــل بـــن عــمـــروبـــن سكـيــنـــة ފަދަ ބަޔަކު އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަރިހަށްގޮސް އެއްދުވަހަކު ދެންނެވިއެވެ. "އޭ محـمّــد އެވެ! (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ތިޔަ ކިޔަވައިވިދާޅުވާ ޤުރްއާނަކީ ޖިންނިއަކު ނުވަތަ އިންސިޔަކު ކަލޭގެފާނަށް ދަސްފުޅުކޮށްއަރުވާ އެއްޗެއް ނޫންތޯއެވެ؟" މާތް اللّــــه ގެ ރަސޫލާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘުކުރެއްވިއެވެ. "މި ޤުރްއާން ބާވައިލައްވަނީ އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى އެވެ. އެކަން ތިޔަބައިމީހުން ރަނގަޅަށް ދަންނާނޫއެވެ. އަހުރެންނަކީ އެކަލާނގެ ފޮނުއްވި ރަސޫލެއްކަންވެސް ތިޔަބައިމީހުންނަށް އެނގޭނެއެވެ. މިކަންކަންވަނީ ތައުރާތުގައި ލިޔެވިފައިވަނިކޮށް ތިޔަބައިމީހުން ދެކެފައެވެ. ކިޔަވައިފައެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މިފަދައިން ޙަދީޘްކުރެއްވުމުން ޔަހޫދީންގެ ބޮޑުން ދަންނަވައިފިއެވެ. "އޭ محـمّــد އެވެ! ޙަޤީޤަތުގައި މާތް اللّــــه ރަސޫލަކު ފޮނުއްވައިފި ކަމުގައިވާނަމަ އެރަސޫލަކު ބޭނުންފުޅު ކޮންމެކަމެއް އެކަލާނގެ ކޮށްދެއްވާނެއެވެ. އަދި އެ ރަސޫލާ ބޭނުންފުޅު ކޮންމެކަމެއް ކުރެއްވުމުގެ އިޚްތިޔާރު އެކަލާނގެ ޙަޟުރަތުން އެރަސޫލަކަށް ލިބިވަޑައިގެންފައި ވާނެއެވެ. އެހެންވީއިރު ކަލޭގެފާނު ލިޔެވިގެންވާ ފޮތެއް އުޑުން އަޅުގަނޑުމެންގެ މައްޗަށް ބާވައިލައްވުވާށެވެ. އަޅުގަނޑުމެން އެފޮތް ކިޔައި ދެނެގަތުމަށްޓަކައެވެ."
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މިވާހަކަތަކާމެދު ދެއްވީ ނަބީބޭކަލަކު ދެއްވާނެ ޖަވާބެވެ. ޔަހޫދީންނަށް ހަނދާންކޮށްދެއްވީ އެމާތް ސާހިބާއަކީ އިންސާނީ ރަސޫލެއްކަމެވެ. އެ ޖަވާބުފުޅު އަޑުއިވުމުން އެއުރެން ހީކުރީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެއްވާނެ ޖަވާބު ހުސްވީކަމުގައެވެ. ތިމަންމެންނަށް ވަރަށް ވަރުގަދަ ދިފާޢީ އައްޑަނައެއް ހޯދައިގަނެވިއްޖެ ކަމުގައެވެ. ޙައްޤު ދީނަށް ދަޢުވަތުދެއްވާ ދާޢީއަށް ދެން އިތުރަށް ދެއްކެވޭނެ ވާހަކަފުޅެއް ނޯންނާނެ ކަމުގައެވެ. މާތް اللّــــه ގެ ދީނުގެ ދާޢީއަށް އިތުރަށް އަރައިވަޑައިގެންނެވޭނެ "ގެއެއް" ނުހުންނާނެ ކަމުގައެވެ. ޙައިރާންވާފަދަ ކަމަކީ އަރަހުށި މާތް اللّــــه އެކި ނަބީބޭކަލުންނަށް ދެއްވައިފައިވަނީ އެކި މުޢުޖިޒާކަން އެނގިތިބި ބަޔަކު ޖާހިލުކަމުގެ ނިހާޔަތަށް ވެއްޓިގަނެ މިބާވަތުގެ ޙުއްޖަތަކަށްނުވާ ވާހަކަތަކެއް ދައްކަން ލަދުނުގަތްކަމެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދަޢުވަތުގެ އަސަރުން ބިނާވަމުން ބައްޓަންވަމުންއައި ނަމޫނާ މުޖުތަމަޢާއި އިންސާނީ ޙަޔާތުގެ މައްޗަށް ކުޑަކޮށްވެސް އެއުރެންގެ ވިސްނުން ނުފޯރިކަމެވެ. އިސްލާމްދީނުގެ ނަބިއްޔާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދެއްވަމުން ގެންދެވި ތަޢުލީމާއި ތަރުބިޔަތުން މީސްތަކުންގެ ސީރަތު ބިނާވަމުންއައި ހަރުދަނާކަމާއި ފުރިހަމަކަން އެއުރެންނަށް ރޭކާނުލިކަމެވެ. އެނަބިއްޔާގެ ބިނާކުރެއްވުމުގެ މަސައްކަތްޕުޅުން އާރާސްތުވަމުންއައި ވަރުގަދަ އިންސާނީ ތަމައްދުނުގެ ހުވަންހިލަންވެސް ނުވިކަމެވެ.
ޝައްކެއްނެތްގޮތުގައި ހައްތާވެސް އެއީ ނިޝާންތަކެވެ. މުޢުޖިޒާތަކެވެ. އެކަމަކު އެބައިމީހުން ހީކުރީ އެބައިމީހުނާ ކުރިމަތިކުރެވުނު ހުރިހައި ސުވާލުތަކެއް ފަހަތަށް ޖައްސައިލެވިއްޖެ ކަމުގައެވެ. މިހާރު ހަމައެކަނި އޮތީ އެބައިމީހުން ހުށަހަޅައިފައިވާ "އުޑުން ފޮތެއް ބާވައިގެންނެވުމުގެ" މައްސަލަ އެކަނިކަމުގައެވެ. މީސްތަކުންގެ ދޫތައް ބަންދުކުރާނެ ވަސީލަތެއް އެބައިމީހުނަށް ހޯދައިގަނެވިއްޖެކަމުގައެވެ. އެބައިމީހުންގެ ބަހަކީ "އަހަރެމެން މިތިބީ ޤަބޫލުކުރާން ތައްޔާރަށެވެ. އެކަމަކު ތިޔަބައިމީހުން އެ ނަބީކަމުގެ ދާޢީގެ އަރިހަށްގޮސް ދަންނަވާށެވެ. މާތް اللّــــه އަށް ދަންނަވައިގެން ވަރުގަދަ ނިޝާނެއް ގެނެސްދެއްވާށެވެ. ރައްބާނީންގެ ނިޝާނެއް ކަމުގައި އެއުރެން ދެކެނީ އެއުރެން ބޭނުންވާ ކޮންމެކަމެއް اللّــــه ގެ ޙަޟުރަތުން ލިބިލިބި ހުރުމެވެ. އެއުރެންގެ ސުވާލަކީ "އެއްވެސް އިޚްތިޔާރެއް ލިބިވަޑައިގެންފައިނުވާނަމަ އެއީ ކޮންކަހަލަ ރަސޫލެއް ހެއްޔެވެ؟ މަތީފަރާތުގެ ތާއީދެއްނެތް ރަސޫލެއްގެ ބޭނުމަކީ ކޮބައިހެއްޔެވެ؟" މި ސުވާލެވެ. ޔަހޫދީން ބުންޏެވެ. "އޭ މީސްތަކުންނޭވެ! ޖަމާޢަތުގެ ތެރޭގައި ބައިބައިވުން އުފައްދާ ވާހަކަތައް ދޫކޮށްލާށެވެ. ކޮންމެވެސް ރައްބާނީ ޝަޚްޞިއްޔަތެއްގެ ދާވަނީގައި ހިފަހައްޓާށެވެ. އެދައްކަވާ ކެހިވެރިކަމުގެ ވާހަކަތަކަށް ނުހެއްލޭށެވެ. (نــعـــــوذ بــالـلّـــه) ޔަހޫދީން މިފަދަ ވާހަކަތައް ދެއްކީ އެންމެ ނިޝާންތަކާއި މުޢުޖިޒާތައް ގިނަ ރަސޫލަކީ އިސްލާމްދީނުގެ ނަބިއްޔާކަން ރަނގަޅަށް ދެނެތިބެއެވެ. އެމާތް ސާހިބާގެ އެންމެ ޚާއްޞަ މުޢުޖިޒާއަކީ ކީރިތި ޤުރްއާންކަމާއި ކިޔެވޭ ވަޙީ (ދެބޭރުގަނޑުގެ ދެމެދަށް އެއްކޮށްލެވޭ ކީރިތި ޤުރްއާން) ގެ އިތުރަށް މަދީނާގެ މަގުތަކުގައި ހިންގަވައި އެއުޅުއްވަނީވެސް ކީރިތި ޤުރްއާނުގެ "އެޑިޝަނެއް" ކަން ރަނގަޅަށް ދެނެތިބެއެވެ.
އެންމެންނަށްވެސް އެނގިފައި އޮންނަ ފާޅުކަންބޮޑު ޙަޤީޤަތެކެވެ. މަދީނާއަކީ ދަނޑުވެރި ރަށެކެވެ. މަދީނާގެ އާމްދަނީގެ ވަސީލަތްތައް މަދެވެ. އުފެއްދުންތެރިކަން އޮންނަނީ ވަރަށްވެސް ހަނި ދާއިރާއެއްގައެވެ. އެހެންކަމުން ދުވަހުން ދުވަހަށް މަދީނާއަށް ހިޖުރަކުރައްވަމުން ގެންދެވި ގިނަ ޢަދަދެއްގެ މުހާޖިރުން ވެވަޑައިގެންފައިވަނީ މަދީނާގެ ކުޑަކުޑަ އިޤްތިޞާދަށް ކުރިމަތިވި ނުހަމަ ނުލާހިކު ބޮޑު ބުރައަކަށެވެ. ވަރަށްބޮޑު ގޮންޖެހުމަކަށެވެ. ހުސްއަތްޕުޅާ މަދީނާއަށް ހިޖްރަކުރައްވާ މުހާޖިރުން އެންމެ އިސްކަމަކަށް ހައްދަވަނީ އެބޭކަލުންގެ ދުވަހުގެ ފުރާގު ލިބިވަޑައިގަންނަވާވަރުގެ މަޢީޝީ ދިރިއުޅުއްވުން އާރާސްތުކުރެއްވުމުގެ މަސައްކަތްޕުޅެކެވެ. އެހެންކަމާއެކުވެސް މުހާޖިރުންކުރެ ގިނަބޭކަލުން ހައްޔަރުވެވަޑައިގެންފައިވަނީ ފަޤީރުފުޅު ކަމުގައެވެ. ހައިހޫނުފުޅު ކަމުގައެވެ. ތަޙްރީކުގެ ޤާއިދާއި އެމާތް ސާހިބާގެ އަހްލުބައިތުންނާ ޢާންމު މެންބަރުން އެކަމުގައި ތަފާތެއް ނެތެވެ. ޢާންމުވެފައިއޮތް ހައިކަމާއި ތުރާތަކުގައި އެބޭކަލުން ބަރާބަރަށް ބައިވެރިވެވަޑައިގަންނަވަމުން ގެންދެވިއެވެ. އަދި ކީއްތޯއެވެ؟ އެ އުނދަގޫތަކާއި މުސީބަތުގެ އިމްތިޙާނުގައި އެންމެބޮޑު ހިއްސާއެއް އަދާކުރެއްވީ ޚުދު އިންސާނިއްޔަތުގެ މުޙުސިން صـلّـــــى اللّــــه عــلـيــــه وسـلّـــــم އެވެ. ބޭރުން މަދީނާއަށް އަންނަ މީހުން އެރަށުގެ ވައިފެނާ ވަރަށް ނުގުޅެއެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ޙަބީބު އެ ވަބާއިން ރައްކައުތެރިކުރެއްވި ކަމުގައިވިޔަސް ޙައްޤާއި ހެޔޮކަމުގެ ތަޙްރީކުގެ މުޖާހިދުންކުރެ ގިނަބޭކަލުން އާލާސްކަންފުޅާ ވެވަޑައިގެންފިއެވެ. ކެތްނުކުރެއްވޭވަރުގެ ފަޤީރުފުޅު ދިރިއުޅުއްވުމާއި ހައިހޫނުފުޅުކަން އެބޭކަލުންގެ އާލާސްކަންފުޅުވަނީ ދެގުނަ އިތުރުކޮށްފައެވެ. މަދީނާގައިވަނީ ގަދަ ހުމުގެ ވަބާއެއް ފެތުރޭން ފަށައިފައެވެ. ހަށިހެޔޮކަމަށްޓަކައި ކޮންމެހެން ބޭނުންފުޅު މިންވަރަށްވެސް ފަރީއްކޮޅު ލިބިވަޑައިނުގެންނެވުމާއި ގަދަ ހުންފުޅުގެ ސަބަބުން ޢާންމުކޮށް މުހާޖިރުންވަނީ ހިނގައިބިނގައިވާ ކަށީގެ އޮނިގަނޑުތަކަކަށް ހަދައިފައެވެ. އެހެންކަމުން މުހާޖިރުންވަނީ ދިރިއުޅުއްވުމަށްޓަކައި މަސައްކަތް ކުރައްވަންވެސް ޢުޒުރުވެރިވެވަޑައިގެންފައެވެ. އަނެއްކޮޅުން އިސްލާމީ ތަޙްރީކުގެ ނައު ވަނީ އުނދަގޫތަކާއި ދެކޮޅުވެރިކަމުގެ ފަކޫގަނޑެއްގައި ހައްޔަރުވެފައެވެ.
އައު އިސްލާމީ ދައުލަތް އޮތީ ހުރިހައި ދާއިރާތަކަކުންވެސް ބިނާކުރާން ޖެހިފައެވެ. އެތެރޭގެ މުނާފިޤުންނާއި ބޭރުގެ ދުޝްމިނުންގެ ނުރައްކަލުން ދިފާޢުކުރާން ޖެހިފައެވެ. އަނެއްކޮޅުން ތަޙްރީކުގެ މެންބަރުން ދިޔައީ ކުރީންވެސް ދެންނެވި ފަދައިން ތަންމަތިވަމުންނެވެ. ކާބޯތަކެއްޗާއި އުނުފޭރާމުގެ ކަންތައްވެސް ފުދޭވަރާ ގާތަކަށްވެސް އިންތިޒާމު ކުރެވިފައެއްނެތެވެ. މަސްރަޙުގެ ނުސިޔާނުކަމާ އެކުވެސް އެބޭކަލުން ބާރު ހޯއްދަވަމުން ގެންދެވީ ވަރުގަދަ އީމާންކަމެއްގެ ބާރުންނެވެ. މަޤްޞަދު ދެކެ އިންތިހާޔަށް ވެވަޑައިގަންނަވާ ލޯބިފުޅުންނެވެ. މެންބަރުންގެ މެދުގައި ދެމެހެއްޓެވި އުޚުއްވަތުގެ ޖަޒުބާތުގެ ބާރުންނެވެ. އާދޭހެވެ. އިސްލާމީ ތަޙްރީކުގެ މެމްބަރުން ހަކަތަ ހޯއްދަވާ ވަސީލަތަކީ އީމާނާއި ޢަމަލާއި އުޚުއްވަތެވެ. އެ ވަރުގަދަ ރޫޙާނީ ބާރުވަނީ ނޭކަ ބަލިބުރަ ބަޔަކު އާރާއި ބާރާއި ބުންވަރުހުރި ބަޔަކަށް ހަދައިފައެވެ. ބޮޑެތި ބޮޑެތި ތާރީޚީ މުހިންމަތުތައް ފުރިހަމަކޮށްލައްވާ އަފްރާދުންނާއި ޖަމާޢަތްތަކުގެ މަރުކަޒީ ބާރަކީ އީމާންކަމާއި އުޚުއްވަތެވެ. އިސްލާމީ ތަޙްރީކުގެ މެންބަރުންގެ ކިބައިގައި އެބާރު ހުއްޓެވެ. ނަތީޖާއެއްގެގޮތުން ވަސީލަތްތައް މަދުކަމުގެ އުނިކަން ދިޔައީ ފޫބެދެމުންނެވެ.
(ނުނިމޭ)