ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ފޯނަށް މެސެޖު ލިބޭނެ އެޕްލިކޭޝަނެއް އަމިއްލަ ކުންފުންޏަކުން ތައާރަފުކޮށްފިއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން ''ޓެކްނޯސިސް ޕްރައިވެޓް ލިމިޓެޑް''ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ވިދާޅުވީ ރާއްޖޭގައި އޮންލައިން ޚިދުމަތް ބޭނުންކުރާ ވަރަށް ގިނަ ކުންފުނި އެބަހުރި ކަމަށެވެ.
އެކުންފުނިތަކުން ވަޒީފާއަށް މީހުން ހޯދުމަށް އިއުލާން ކުރުމުން އެކަން ފަސޭހައިން އެނގޭނެ ވަސީލަތެއް ހޯދަން އެކުންފުނިން ނިންމީ ވަޒީފާ ބޭނުންވާ ފަރާތްތަކަށާއި ވަޒީފާ ދޭ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ކަމަށް ސަމާހު ވިދާޅުވިއެވެ.
ސަމާހު ވިދާޅުވީ އެކުންފުނިންވެސް ވެބްސައިޓް ބޭނުންކުރާތާ މިހާރު ތިން އަހަރު ވެއްޖެ ކަމަށާއި ނަމަވެސް ވެބްސައިޓް އަލުން ފަށައިގަތީ އާ ފީޗާސްތަކާއެކު ކަމަށެވެ.
އެގޮތުން ކުންފުނިތަކުން ވަޒީފާތަކަށް އިއުލާން ކުރުމުން ''ޖޮބްސިކަލް.އެމްވީ''އިން އެނގެން ހުންނައިރު ފޯނަށް އެޕްލިކޭޝަން އެޅުމުން ފޯނަށް ވަގުތުން މެސެޖެއް ލިބިގެންދާނެ ކަމަށް ސަމާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަޒީފާ ބޭނުންވާ ފަރާތްތަކަށް އަދި ހާއްސަކޮށް ވަޒީފާ ހޯދާ ޒުވާނުންނަށް ވެސް އެކަމުގެ ސަބަބުން ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.