އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ ބަހުސްގެ މަރުހަލާ ކުރިއަށްދާއިރު ބިލާ ބެހޭގޮތުން މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް، ބަހުސްގެ މަރުހަލާ ނިމި ބިލަށް ފަހުބަސް އިއްވަން، ބިލު ހުށަހަޅުއްވާ މެންބަރުން މަޖިލިސް ތަޅުމުގައި ތިއްބެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައި، ބައެއް ބިލްތަކަށް ތަޅުމުގައި ބަހުސްކުރަން ފުރުސަތު ހުޅުއްވައިލެއްވި ބިލްތަކުގެ ބަހުސް ނިމި ފަހުބަސް ވިދާޅުވުމުގެ ވަގުތުގައި، ބިލް ހުށަހަޅުއްވި މެންބަރަށް ފުރުސަތު ދެއްވަން ބެއްލެވިއިރު، ތަޅުމުގައި މެންބަރު ވަޑައިގެން ނެތުމުން ކަންބޮޑުވުން ފާޅު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވީ، ކުރީއްސުރެ ވެސް މަޖިލީހުގެ ގަވާއިދުގެ ދަށުން އަމަލު ކުރަމުން އަންނަނީ، ބިލު ހުށަހެޅުއްވުމަށްފަހު، ބިލަށް ފަހުބަސް ވިދާޅުވުމަށް ބިލު ހުށަހެޅުއްވި މެންމަރު މަޖިލީހުގެ ތަޅުމުގައި އިންނަވަން ޖެހޭގޮތަށް ކަމަށެވެ.
އަދި މަޖިލީހުގައި ދެކެވޭ ވާހަކަ ތަކަކީ، އެއަށް ޖަވާބުދާރީވާން ބިލު ހުށަހަޅުއްވާ ފަރާތަށް، މަޖިލިސް ގަވާއިދު ލާޒިކުރާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރަކަށް އައިސް ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިއްތަވައި މަޖިލިސް ތަޅުން ދޫކުރައްވައި މެންބަރުން ވަޑައިގަންނަވަމުން ގެންދަވާކަަމަށް މޫސަ ވިދާޅުވިއެވެ.
"މަޖިލީހުގައި ދެކެވޭ ވާހަކަ ތަކަކީ، އެއަށް ޖަވާބުދާރީވާން ބިލު ހުށަހެޅި ފަރާތަށް ލާޒިމު ކުރާ ކަހަލަ ގޮތަކަށް ގަވާއިދުގައި އޮންނަކަމެއް. މިހާރަކަށް އައިސް މަޖިލީހުގައި އެގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތްތަވައި ބިލު ހުށަހަޅުއްވާ ބޭފުޅުން މަޖިލީހުގެ ތަޅުން ދޫކުރައްވައި ވަޑައިގަންނަވާ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ، ބަހުސްގެ މަރުހަލާގައި ބިލާ ބެހޭގޮތުން މެންބަރުން ދައްކަވާ ވާހަކަތައް ޔައުމިއްޔާކުރެވި ނޯޓު ކުރެވިގެން ބިލު ދިރާސާ ކުރާ ކޮމިޓީއަށްވެސް ހުށަހެޅިގެންދާއިރު، ކޮމިޓީގައިވެސް އެ ސުވާލުތަކަށް ބިލު ހުށަހަޅުއްވާ މެންބަރު ޖަވާބުދާރީވާން ޖެހޭތީ، ބިލުގެ ބަހުސްގެ މަރުހަލާގައި މެންބަރުން މަޖލިސް ތަޅުމުގައި ތިއްބެވުމަކީ މުހިއްމުކަމެއް ކަމަށެވެ.