ފުރާނަދަންދެން

ފުރާނަދަންދެން - 13

އާއިޝަތު ލިޔުޝާ

"އާނ... ކިހިނެއްވީ...؟ ދުރުކަމުންތަ...؟" ހީލާފައި ފަޒާ އަހާލިއެވެ. އަޒްކާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައެވެ. އޭނާ ވަރަށް ފުން ނަޒަރަކުން ފަޒާގެ މޫނަށް ބަލައިލިއެވެ. ފަޒާ އޭނާއަށް އޮޅުވާލައިގެން ކަންތައްގަނޑެއް ކުރަން އުޅެނީބާއޭ ހިތަށް އެރިއެވެ. އެހެންނޫންނަމަ ފަޒާގެ މަންޒިލަކަށް މިގެ ވާންވީ ކީއްވެ ހެއްޔެވެ؟

"ކިހިނެއްވީ...؟ އާދޭ އެތެރެއަށް ވަންނަން. މިއީ މަންމަމެންގެ. މިގެއަށް ނާދެވޭތާ ގިނަ ދުވަސްވީމަ މިއަދު މިއައީ" އަޒްކާގެ އަތުގައި ހިފާ ދަމާލަމުން ފަޒާ ބުނެލިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އަޒްކާ ހިނގައިގަތްއިރު އޭނާގެ ހިތުގައި ވަނީ ނުބައި ޝައްކުތަކެއް އުފެދިފައެވެ.

ގޭތެރެއަށް ވަތް ފަޒާއާއި އަޒްކާ ފެނުނީ ޓީވީ ކައިރީގައި ކޮޅަށް ހުއްޓިލައިގެން ހުރި އަމީޒާއަށެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ފަޒާ ކައިރީގައި ހުރި އަޒްކާއެވެ. މަޑުމަޑުން ފިޔަވަޅު އަޅަމުން އޭނާ ގޮސް ހުއްޓުނީ އަޒްކާ ކުރިމަތީގައެވެ. ހައިރާންވެފައި ހުއްޓަސް އަމީޒާ ފެނުމާއެކު އަޒްކާގެ ހިތުގައި ލޯބި އުތުރި އަރައިގަތެވެ. މިފަހަރު އަޒްކާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމުގެ ކުރިން އަމީޒާ ހީލައިފިއެވެ. އަޒްކާ ހީލަމުން އަމީޒާގެ އަތުގައި ހިފާލިއެވެ. ކޮޓަރިން ނިކުތް ފަރީޝާއަށް އެމަންޒަރު ފެނުނެވެ. ފަޒާ ގޮސް ފަރީޝާގެ ގައިގައި ބައްދާލިއެވެ. އަދި އަތުން އިޝާރާތްކޮށްލާފައި އަމީޒާއާއި އަޒްކާ ދައްކާލިއެވެ.

"މަންމައަށް ހީވަނީ އަޒްކާ ފެނުނީމަ އަމީ އޭނާގެ ދަރިފުޅުމަތިން ހަނދާންވަނީ ކަންނޭނގެ. ހުރޭ މަންމަ މިރޭ ކޮންމެސް ގަޑިއެއްގަ އަހާލާނަން އަމީ ކުރެން..." ފަރީޝާ ބުނެލިއެވެ. އަމީޒާ އަޒްކާގެ އަތުގައި ހިފައިގެން އައިސް ސިޓިންގްރޫމް ސޯފާގައި ބޭންދިއެވެ.

"ދަރިފުޅު އަޒްކާއާއި ކިހިނެއް އެކުވެރިވެގެން ތިއުޅެނީ. އިނގޭތަ އަޒްކާއެއީ ނަތާގެ ބެސްޓްފްރެންޑް. މިގެއަށް އަޒްކާ ވަރަށް އަންނާނެ" ފަރީޝާ ވާހަކަދެއްކިއެވެ.

"އަޒްކާ މިހާރު ހުންނަނީ އަޅުގަނޑުމެންގޭގަ. ވަރާށް އެކަނިވެރި ކުއްޖެއް އެއީ..." ފަރީޝާއާއި އެކީގައި ބަދިގެއާއި ދިމާލަށް ދަމުން ފަޒާ ވާހަކަދެއްކިއެވެ.

"މަންމައަށް އިނގޭ. އެމަންޖެގެ ފިރިމީހާ ކައިވެނިކޮށްފަ އެމަންޖެ ދޫކޮށްލާފައި ފިލައިގެން ރައްކާވީ. އޭނައަކަށް ނޭނގުނު އެއީ އަންހެންކުއްޖެއް ކަމެއް. އޭނައަކަށް ނޭނގުނު އެމަންޖެ ބަލިވެއިނދެ އުޅެނީ ކޮންފަދަ ހާލެއްގަ ކަމެއްވެސް" ކޮފީ ގިރަން ތައްޔާރުކުރަމުން ފަރީޝާ ވާހަކަދެއްކިއެވެ.

"ހަމަ ރަނގަޅަށްތަ މަންމާ.. އެކަމަކު އަޅުގަނޑާއި މާލްއަށް މައުލޫމާތު ލިބިފައި އިނީ ތިގޮތަކަށްނޫން. މާލް ކައިރީގައި އޭނާގެ އެކުވެރިޔާ ބުނީ އޭނަ އަތޮޅުތެރެއަށް ދާންވެގެން އެގޭގައި އަޒްކާ ބަހައްޓަދޭށޭ" ފަޒާ ވާހަކަދެއްކިއެވެ.

"އެހެންވިއްޔާ ތިބުނާ އެކުވެރިޔާވެސް މާހިލްއަށް އޮޅުވާލައިގެން އެއުޅެނީ. ޖެހިދާނެ ހާލަކަށް ވިސްނާފައި އަޒްކާވެސް ޙަޤީޤަތް ހާމަނުކުރަން ވެގެން ކަންނޭނގެ އެއުޅެނީ" ފަރީޝާ ވާހަކަދެއްކިއެވެ.

"ވަރަށް ދެރަވެއްޖެ. އެހެންވީމަތާ ތިންމަސް ވީއިރުވެސް އަޒްކާގެ ފިރިމީހާއޭ އެކިޔާ މީހާ ނައިސްގެން އެއުޅެނީ. ދުވަހަކު ފޯނެއް ކުރިތަންވެސް ނުދެކެން" ފަޒާ ހައިރާންވެފައި ވާހަކަދެއްކިއެވެ.

"ދަރިފުޅާ މަންމަ ބުނަންތަ ވާހަކައެއް؟ ބަލާލައިފައި މަންމައަކަށް ހިއެއްނުވޭ އަޒްކާ އަކީ ނުރަނގަޅު ކުއްޖެއްހެނެއް. އެކުއްޖާގެ މޫނުމަތިން މައުސޫމްކަން ނޫން އެހެން އެއްޗެއް މަންމައަށް ނުފެނޭ. ކޮންމެގޮތެއް ވިޔަސް މިހާރު އޭނީ ވިހަން ތައްޔާރުވެފައި. ދަރިފުޅު އެމަންޖެއަށް ގޮތެއް ނަހަދައްޗެ" ފަރީޝާ ފަޒާއަށް ވިސްނާދިނެވެ.

"މީހަކު އަޅެ އަޒްކާ ދޫކޮށްލާފައި ދާނެތަ؟ ނުލާހިކު ލޯބިކޮށް ހުންނަ ކުއްޖެއް. ވަރަށް ދެރަވެއްޖެ" ފަޒާ ވާހަކަދެއްކިއެވެ.

********************************

ބޭރުން ވިޔަފާރިކޮށްގެން އައިސް ވަތް ނަތާޝާއާއި ނުޝައިބާއަށް ސޯފާގައި އިން އަޒްކާގެ މޫނުގައި އެއް އަތުން އަމީޒާ ފިރުމާލި މަންޒަރު ފެނުމުން ހީލިއެވެ. އަޒްކާއަށް އެދެމައިން ފެނުނީ އެތެރެއަށް ވަތް ފަހުންނެވެ.

"އަޒްކީ... ކޮންއިރަކު އައީ...؟؟" ނަތާޝާ އަޒްކާއާއި ޖެހިގެން އިށީންނަމުން ބުނެލިއެވެ. ބަދިގޭގައި އިން ފަޒާ ނިކުތީ ބޭރުން ނަތާޝާގެ އަޑު އިވުމުންނެވެ. ނަތާޝާއަށް ފަޒާ ފެނުމާއެކު ދުވެފައި އައިސް ބައްދާލިއެވެ.

"ނަތާ.....! ނުފެންނަތާ ހާދަ ދުވަހެއް ފަހުންނޭ މިފެނުނީ... އެންމެފަހުން މިގެއަށް އައި ދުވަހުވެސް ނަތާއާއި ބައްދަލެއްނުވި" ފަޒާ ވާހަކަދެއްކިއެވެ. އަޒްކާ އިނީ އެދެމެދުގައި އޮތް ލޯބި ފެނި ކިޔާނެބަހެއް ނޭނގިފައެވެ. ނުޝައިބާ ލޯތްބާއެކު ފަޒާގެ ބޮލުގައި ފިރުމާލިއެވެ.

"ތީ ދެ ބެސްޓްފްރެންޑްކަން މި އިނގުނީ ދެންމެގަ މަންމަ ބުނީމަ. އެއް ގެއެއްގައި އުޅޭ އިރުވެސް އަޒްކާ ނުބުނޭ ވިއްޔާ.." ހީލާފައި ސޯފާގައި އިށީންނަމުން ފަޒާ ވާހަކަދެއްކިއެވެ.

"އެއް ގެއަކުއޭ... ފަޒާދައްތަމެން ގޭގަތަ އަޒްކީ އިންނަނީ..." ހައިރާންވެފައި ނަތާޝާ އަހާލިއެވެ. ފަޒާއާއި އަޒްކާއަށް ވުރެ އުމުރުގެ ގޮތުން އަހަރެއްހާ ދުވަސް ނަތާޝާ ހަގެވެ.

"އާނ... އަޒްކާއަކީ އަހަރެމެންގެ މެހްމާނެއް. އިރާދަކުރެއްވިއްޔާ ދެން އަބަދުވެސް ހުންނާނީ އަހަރެމެން ކައިރީގައި. އަޒްކާގެ ހަޒްބެންޑަކީ މާލްގެ އެކުވެރިއެއް. އަޒްކާ އެހުރީ މަށަށް ވަރަށް ބޮޑު ކަމެއް ސިއްރުކޮށްފަ..." އަޒްކާއަށް ބަލާލަމުން ފަޒާ ވާހަކަދެއްކިއެވެ. ސޯފާގައި އިން އަޒްކާގެ ހިތް ތެޅިލިއެވެ. ފަޒާއަށް އެނގުނީ ކޯޗެއްބާއެވެ؟ ހައިރާންކަމާއެކު އަޒްކާއަށް ބަލަން އިން ނަތާޝާގެ ހިތުގެ ތެރޭގައި ޝައްކުގެ އޮއިވަރެއް ހިންގާލިއެވެ.

"ނޫން... އަހަ... އަހަރެން ސިއްރުނުކުރަން..." އުނދަގުލުން އަޒްކާ ވާހަކަދެއްކިއެވެ.

"އަޒްކާގެ ފިރިމީހާ ކައިވެނީގެ ފަހުން ފިލައިގެން ދިޔައީނު. މާލް ކައިރީގައި ވެސް އޭނާ ދޮގުހެދީ. އެކަން މާލްއަށްވެސް ނޭނގޭ" ފަޒާ ވާހަކަދެއްކިއެވެ. އަޒްކާ ދެލޯބޮޑުވިއެވެ. އޭނާ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ލިބުނެވެ. ފަޒާ ކައިރީގައި އެވާހަކަދެއްކީ ފަރީޝާކަން އަޒްކާއަށް އިނގުނެވެ. އަޒްކާ އިސްޖަހާލިއެވެ. އޭނާގެ ދެލޯ ފުރިގެން އައެވެ.

"އަޒްކާ އެއްވެސް ކަމަކާއި ދެރަ ނުވައްޗެ. އަހަރެންވެސް އަދި މާލްވެސް ހުންނާނީ އަޒްކާއާއި އެއްކޮށް. ބައްޕައާއި ވާހަކަދައްކައިގެން އަހަރެމެން ކޮންމެސް ގޮތެއްވޭތޯ ބަލާނަން" އަޒްކާގެ ބޮލުގައި ފިރުމާލަމުން ފަޒާ ބުނެލިއެވެ.

"މަންމާ...! އަޅުގަނޑު ވާހަކައެއް ދައްކަންވެގެން އަޒްކީ ކޮޓަރިއަށް މިގެންދަނީ..." އިސްޖެހިފައި އިން އަޒްކާގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ.

"އޭރަށް ސައި ހިހޫވާނެ. ނިންމައިގެންދޭ.... މަންމައަށް އިނގޭ ދެކުދިން ވާހަކައިގައި ޖެހުނީމަ ދެންވާނެގޮތް" ހީލަމުން ނުޝައިބާ ވާހަކަދެއްކިއެވެ. ނަތާޝާ އެގޮތާއި އެއްބަސްވިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު ނަތާޝާ ދޮރު ލައްޕާ ތަލުލިއެވެ. އަޒްކާއަށް ބަލައިލީ ފާޑަކަށެވެ. އަޒްކާ ފުރަގަސްދިނެވެ. އަދި އެއް އަތުން ބަނޑުގައި ހިފަހައްޓާލައިގެން ހުރެ އެނދުގައި އިށީނެވެ. އޭނާ ނަތާޝާއަށް ބަލައިލިއިރު އަދިވެސް ނަތާޝާ ހުރީ ބަލަހައްޓައިގެންނެވެ. އަޒްކާ ހީލިއެވެ.

"ނަތާއަށް ހީވަނީ އަޒްކީއަށް އިނގޭނެހެން ނަތާ ދައްކަން މިއުޅޭ ވާހަކައެއް" ނަތާޝާ ބުނެލިއެވެ.

"ނޭނގޭ... ދައްކަބަލަ ތިވާހަކައެއް" އަޒްކާ ގަސްދުގައި ނޭނގޭކަމަށް ހެދުނެވެ.

"އެހެންވިއްޔާ ބުނެބަލަ؟ ފަޒާދައްތަގެ ފިރިމީހާ މާލްބެއަކީ ކާކު...؟" އަޒްކާ ކައިރީގައި އިށީންނަމުން ނަތާޝާ އަހާލިއެވެ.

"އެއީ.. އެއީ ފަޒާގެ ފިރިމީހާއެއްނު...." މޫނުމައްޗަށް ހަމަޖެހުން ގެންނަމުން އަޒްކާ ބުނެލިއެވެ.

"ދެން އެހެންވިއްޔާ އަޒްކީގެ ބޭބީގެ ބައްޕަ މާލް އަކީ ކާކު...؟ އެއީ އެއް ނަން ކިޔާ ދެމީހުންތަ...؟" ނަތާޝާ އަހާލިއެވެ.

"ކީކޭތަ ނަތާ މިއަދު ތިކިޔަނީ...؟" އެވާހަކަދައްކަން އަޒްކާއަށް ފަސޭހައެއްނުވިއެވެ. އޭނާއަށް ބުނެވޭ ބަހެއްގެ ސަބަބުން ފަޒާގެ ދިރިއުޅުން ރޫޅިގެންދާކަށް ބޭނުމެއްނުވެއެވެ.

"ޕްލީޒް އަޒްކީ. ނަތާއަށް ހުރިހާ އެއްޗެއް އިނގުނީމަވެސް ކީއްވެތަ ސިއްރުކުރަން ތިއުޅެނީ. އަޒްކީ ނުބުނަންޏާ ނަތާ ހަމަ މިހާރު ގޮސް މަންމަ ކައިރީގައި މިބުނަނީ އަޒްކީގެ ދަރިފުޅުގެ ބައްޕައަށް ވެސް ކިޔަނީ މާލްއޭ... އެއީ އެކަކުތޯ ބަލާށޭ...." ނަތާޝާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

"ނޫން...ނޫން ނަތާ... އަހަރެން ބުނެފާނަން...." އަވަސް އަވަހަށް ނަތާޝާގެ އަތުގައި ހިފާ ހުއްޓުވަމުން އަޒްކާ ބުނެލިއެވެ. ނަތާޝާ އަޒްކާގެ މޫނަށް ބަލައިލިއެވެ. ނަތާޝާ ހުއްޓުވަން ކުއްލިއަކަށް އެނދުން ތެދުވަން އުޅުނު ގޮތުން ބަނޑަށް ތަދެއްވެސް އެރިއެވެ.

"ފަޒާގެ ފިރިމީހާއަކީ އަހަރެންގެ މިދަރިފުޅުގެ ބައްޕަ. އެކަމަކު އޭނަ އެކަން ޤަބޫލުނުކުރޭ. އަހަރެންނާއި އެކު މާހިލް ކުރި ކަމެއް ކުރީ ފަޒާއާއި ކައިވެނި ކުރުމުގެ ކުރިން. އެހެންވީމަ މިހާރު ފަޒާ ކައިރީގައި މިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެއްނު" އެނދުގައި އިށީންނަމުން އަޒްކާ ވާހަކަދެއްކިއެވެ. ނަތާޝާ އަޒްކާ ކައިރީގައި އިށީންނަމުން އަޒްކާގެ ކޮނޑުގައި އަތް ވަށާލިއެވެ.

"މާލްބެ... ބުނީމެއްނު މާހިލް އަދިވެސް އަޒްކީއަށް އުނދަގުކުރެއޭ. އޭނަ ނުބައި ކަންތައްކުރަން އެދެޔޭ... އެހެންވީމަ އޭގެ މާނައަކީ އޭނަ ފަޒާދައްތައަށް ރަނގަޅެއްނޫނޭ. އެހެއްނު" އަޒްކާ ވާހަކަދެއްކިއެވެ.

"އާނ. އޭނައަކީ ރަނގަޅު މީހެއްނޫން. އެކަމަކު ފަޒާއަކީ ހަމަ ހޮވާލެވޭވަރުގެ ރަނގަޅު ކުއްޖެއް. މާހިލް ދެކެ ވަރަށް ލޯބިވޭ. އަހަރެންގެ އަމިއްލަ އުފަލަށްޓަކައި ފަޒާގެ ހިނިތުންވުން ކަރުނައިގެ ކޯރަކަށް ހަދަން ބޭނުމެއްނޫން" އަޒްކާ ވާހަކަދެއްކިއެވެ.

"ތިއީ ވަރަށް ބޮޑު މައްސަލައެއް. ދޮންދައްތައަށް އިނގިއްޖިއްޔާ ވަރަށް ދެރަވާނެ. ދުވަހަކުވެސް ފަޒާދައްތަ ކަމަކާއި ދެރަވެ ރުއިތަނެއް ނުދެކެން. މާހިލް ހާދަ ގޯހޭ ދޯ...." ނަތާޝާ ބުނެލިއެވެ.

"އެގެއަށް އަހަރެން ދިޔައިރު ނޭނގޭ ފަޒާއަކީ މި ފެމިލީއާއި އެއްވެސް ގުޅުމެއް އޮންނަ މީހެއް ކަމަކަށް. ކުޑަކޮށްވެސް އެކަން އިގުނުނަމަ އަހަރެންގެ މި ނިންމުން ބަދަލުކުރީމުސް. ނަތާ ބުނެބަލަ؟ އަހަރެން ކިހިނެއް ހަދަންވީ...؟ ނިކުންނަންވީތަ އެގެއިން...؟" އަޒްކާ ރޮވިފައި އަހާލިއެވެ.

"އަޒްކީ އެގެއިން ނިކުތަސް ޙަޤީޤަތް ބަދަލުވާނެތަ...؟ އަޒްކީގެ ތި ދަރިފުޅުގެ ބައްޕައަކީ އެހެން މީހަކަށްވާނެތަ...؟ ނޫނީ މާހިލްގެ ދިރިއުޅުމަށް ބަދަލު އަންނާނެތަ...؟ ނަތާޝާ ބުނެލިއެވެ.

"ނާންނާނެ. އެކަމަކު މިހާރު އަހަރެންނަށް ގޭތެރެއިން ދިމައެއްނުކުރޭ.. އޭނަގެ ހަމަލައަކަށް އަދިވެސް އަހަރެން ހުންނަނީ ތައްޔާރުވެގެން. އަހަރެންގެ ފަރާތުން އޭރުވެސް މިހާރުވެސް އޭނަ ބޭނުންވަނީ އެންމެ ކަމެއް. އެއީ ކަރުހިއްކުން ފިލުވާލުން" އަޒްކާ ވާހަކަދެއްކިއެވެ.

"އެކަމަކު އެއްވެސް ކުށެއްނެތި ފަޒާދައްތަގެ ޒުވާން އުމުރު ބަރުބާދުވެގެން ދާ މަންޒަރު ބަލަން ނަތާމެން ޙަޤީޤަތް އިނގޭ މީހުން މިހެން ތިބެންވެދާނެތަ...؟ ކޮބާ އިންސާފަކީ...؟ އަޒްކީއަށް ފެންނަނީ ކިހިނެއް...؟ ބުނަންވީތަ މަންމަ ކައިރީގަ؟" ނަތާޝާ ވާހަކަދެއްކިއެވެ.

"ނޭނގެ.... ޔަޤީނުންވެސް އަހަރެންގެ ހިތްވަރެއްނެތް" މޫނުމަތީގައި ދެއަތް އަޅަމުން އަޒްކާ ބުނެލިއެވެ. ހަދާނެގޮތެއް ވިސްނާލަމުން ނަތާޝާ ތުންފަތުގައި ދަތް އަޅާލިއެވެ.

********************************

ފެންވަރައިގެން ގައިގައި ތުވާލި އޮޅާލައިގެން ނިކުތް އަޒްކާ ކުއްލިއަކަށް ސިހުނީ ކޮޓަރި ދޮރުހުޅުވާލާފައި އެތެރެއަށް ވަތް މާހިލް ފެނުމުންނެވެ. އޭނާ ދެލޯބޮޑުވިއެވެ. މާހިލްގެ އުނދަގުޖެހިދާނެ ކަމަށް އޭނާ ފަޒާލައްވާ މީހަކު ގެނެސްގެން ކޮޓަރީގެ ތަޅުވެސް ބަދަލުކޮށްފިއެވެ. މާހިލްއަށް ތަޅުދަނޑި ލިބުނީ ކިހިނެއް ހެއްޔެވެ....؟ އަޒްކާ ނުވިސްނާހުއްޓާ މާހިލް އެދިޔަގޮތަށް ގޮސް އަޒްކާގެ ހަށިގަނޑުގައި އޮޅާލާފައި ހުރި ތުވާލި ނައްޓުވާ ދުރަށް އެއްލާލިއެވެ. މާހިލްގެ ކުރިމަތީގައި އަޒްކާގެ ހަށިގަނޑު ކަޝްފުވެގެން ދިޔުމާއެކު ދެއަތުން ހަށިގަނޑުގައި ވަށާލިއެވެ. އެދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ.

"އަހަރެންގެ ދަރިއެއް ތިބަނޑަށް ލައިގެން އުޅޭކަމަށްވަންޏާ ކޮންމެސް ޙައްޤެއް އަހަންނަށް ލިބެންޖެހޭނެއްނު..." މާހިލް އަޒްކާއަށް ނުލަފާ ވައްތަރަކަށް ބަލާލަމުން ބުނެލިއެވެ.

"ނޫން...ނޫން...." އަޒްކާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ.

"އަޒްކާގެ ތި ވިސްނުން ބަދަލުވޭތޯ އަހަރެން ވަރަށް ގިނަދުވަހު މަޑުކޮށްގެން ހުރެފިން. އަހަރެންނަށް އެއްވެސް ރަހުމެއް ތިހިތުގައި ނެތީ ކީއްވެތަ؟ އަޒްކާއަށް ނުވިސްނޭތަ އަހަރެން ތިހަށިގަނޑަށް އެދޭވަރެއް" ފިޔަވަޅަކަށް ފަހު ފިޔަވަޅެއް މާހިލް އައީ އަޒްކާއާއި ގާތްވަމުންނެވެ. އަޒްކާ ދިޔައީ ފަހަތަށް ޖެހެމުންނެވެ.

"ނޫން... މާހިލް މިތަނުންދޭ. އެހެންފަހަރަކުން އާދޭ... ޕްލީޒް ދޭ...." އަޒްކާ ބުނަމުން ދިޔައެވެ. އިސާހިތަކު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ކޯޗެއް ތިފޮރުވަނީ.... އަހަރެންނަށް ނުފެންނަ އެއްޗެއް އަހަރެން ތިހަށިގަނޑަށް ނަހަދާ ގޮތެއް ނޯންނާނެ... އާދޭ މަޖާކޮށްލަން. ބަނޑުބޮޑުވެފައި ހުންނައިރު ކުރެވޭ އިހުސާސް ތަފާތުވާނެ... އާދެބަލަ...." ގަދަކަމުން އަޒްކާގެ ދެއަތް ނައްޓުވާލަމުން މާހިލް ވާހަކަދެއްކިއެވެ.

"ނޫން... މާހިލް ތިހެންނަހަދާ.. މިވަގުތު މާހިލްއާއި ތަޅާފޮޅާނެހާ ހިތްވަރެއް އަހަރެންގެ ނުހުންނާނެ. ހުރިހާ އެއްޗަކަށް ވުރެ ވެސް ބޮޑަށް އަހަރެންނަށް އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅު މުހިންމު..." އަޒްކާ ރޮވިފައި ބުނެލިއެވެ.

"އެހެންވެގެނޭ މިބުނީ ބަސްއަހައިގެން އަންނާށޭ..." މާހިލް ބުނެލިއެވެ.

"ތިހެން ނަހަދާ... އަހަރެންނާއިމެދު ތި ހިތުގައި ރަހުމެއް ނެތަސް އަހަރެންގެ ބަނޑުގައިމިވާ މާހިލްގެ ދަރިފުޅާމެދު ވިސްނާލަބަލަ. އެކުޑަކުޑަ ފުރާނަ ދުނިޔެއަށް ނޭވާ ނުލަނީސް މަރާލަން މަސައްކަތްނުކުރޭ..." އޭނާ މަސައްކަތްކުރީ މާހިލް ކޮށްޕާލުމަށްފަހު ހަށިގަނޑު ފޮރުވާލާނެ ފޮތިކޮޅެއް އަތުގައި ޖެހޭތޯއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ.

"ބޭކާރު ވާހަކަ ގިނަނުކުރޭ... އަހަރެން ބޭނުންވެގެނެއްނޫން ކަލޭ މިގޭގައި ތިހުންނަނީ. އަރާމު ދިރިއުޅުމެއް ކަލޭ ބޭނުންވާވަރުން. އަހަންނަށް އޭރުވެސް އިނގުނު ކަލޭ ދުލުން ނުބުންޏަސް އަހަރެންނަށް ބޭނުންވާ މިންވަރު. އެހެންވެ މިގޭގައި މަޑުކުރީ. އަހަރެންނަށް މިހާރު ވިސްނިއްޖެ ބަނޑުގައި ތިވަނީ އަހަރެންގެވެސް އަދި ނާހިދްގެވެސް ދަރިއެއް ނޫންކަން" އޭނާ އަޒްކާ ދައްކާ ވާހަކައަކަށް ނުބެލިއެވެ. އަތުގައި ހިފާ ބޮޑު ބަނޑާއެކު އަޒްކާ އެނދުމައްޗަށް ވައްޓާލިއެވެ. އޭނާ އަޒްކާގެ ގައި މައްޗަށް ޖެހިގަތީ މިނިކާވަގެއް ފަދައިންނެވެ. ރަހުމެއްނެތި އޭނާ އަޒްކާގެ ފުށުން ބޭނުންވާ ހުރިހާ އަރާމެއް ހޯދަމުން ދިޔައެވެ. ވިހަން ގާތްވެފައި ހުރުމުން މާހިލްގެ ކިބައިން ސަލާމަތްވުމަށް އޭނާއަށް އެއްވެސް ބާރެއް ނުދެއްކުނެވެ. މާހިލް އޭނާގެ ހަށިގަނޑުން ދޫކޮށްލިއިރު އޭނާގެ ހަށިގަނޑުގައި ވޭންނާޅާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ރޮއެރޮއެ އޭނާ ވަނީ މަރުވާން ކައިރިވެފައެވެ. ނޭވާ ހީވަނީ އުފުރިދާނެ ހެންނެވެ.

"މިވަރުގެ ކަމެކޭ މީ. އޭރުވެސް ހެޔޮހިތުން އަހަރެންނަށް ދިންނަމަ ތިބޭކާރު ރުއިމެއް ރޯކަށް ނުޖެހުނީހެއްނު" އެނދު ކައިރީގައި ހުރެ އަންނައުނު ލަމުން މާހިލް ވާހަކަދެއްކިއެވެ. ރައްދު ދޭން ބޭނުންވިޔަސް އަޒްކާއަށް އެންމެ ލަފްޒެއްވެސް ބޭރު ނުކުރެވުނެވެ. މާހިލް ކޮޓަރިން ނިކުމެގެން ދިޔުމުން އޭނާ ހިތްވަރުން ތެދުވިއެވެ. ކޮޓަރީ ދޮރާއި ދިމާލަށް ދެވުނީ ބަނޑުކޮޅުގައި ރިއްސާވަރުން ފާޑަކަށް ގުދަށް އޮވެއެވެ. އޭނާ ދޮރު ތަޅުލާފައި ގޮސް އުނދަގުލުން އެނދުގައި އިށީނެވެ. ހަށިގަނޑުގައި ތުވާލި އޮޅާލިވަގުތު އާދަޔާހިލާފަށް ބާރަށް ބަނޑުން ތޮޅެން ފެށިއެވެ. އަޒްކާގެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. އޭނާއަށް ގިސްލެވެން ފެށުނެވެ. އޭނާގެ ދަރިފުޅު ރަނގަޅު ބާއެވެ؟ އެހާލުގައި މިވަގުތު އޭނާއަށް އެހީވާނީ ކާކު ހެއްޔެވެ؟

********************************

ޖެހިގެން އައި ރޭގެ ދަންވަރުގައި ވެސް މާހިލް އެކޮޓަރިއަށް ވަނެވެ. އެތައް އިރަކު އަމިއްލަ ތަޤްދީރާއިމެދު ވިސްނާ ފިކުރުކުރަން އޮވެފައި އަޒްކާއަށް ނިދުނުތަނާ އޭނާއަށް ހޭލެވުނީ އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭހެން ހީވުމުންނެވެ. ސިހިފައި ދެލޯ ހުޅުވާލިއިރު ނުލަފާ ވައްތަރަކަށް ހެވިފައި އިނީ މާހިލްއެވެ. ވަގުތުން ބާލީހަކުން ބަނޑާއި މޭ ނިވާކޮށް އަޒްކާ ފަހަތަށް ޖެހުނެވެ.

"ކީއްވެ ތިދުރަށް ދަނީ.. މިރޭވެސް ގަދަކަމުންތަ....؟" މާހިލް ބުނެލިއެވެ.

"މިރޭ މިއުޅެނީ ވަރަށް ބޮޑަށް ބަނޑަށް ތަދުވާތީ. މާދަމާ ޑޮކްޓަރަށް ދައްކަން ދާނަން. ބޭސްކެއީމަ މާދަމާ ރެއަށް ރަނގަޅުވާނެއްނު. މާދަމާ ރޭ އާދޭ... އަހަރެން ހުރިހާކަމެއް މާހިލްއަށް ކޮށްދޭނަން" އަޒްކާ މަޑުމަޑުން އިނދެ ބުނެލިއެވެ. މާހިލް އިރުކޮޅަކު ވިސްނާލަން އިނެވެ. އޭނާ އަޒްކާގެ މޫނަށް ބަލައިލީ ފާޑަކަށެވެ.

"ޕްރޮމިސް. މިރޭ އަހަރެންނަށް ރަހުމުކުރޭ... މިރޭ އަހަރެން ވަރަށް ބަލިވެފައި މިއޮތީ ރޭގައި މާހިލް އެގޮތަށް ކަންތައްކުރީމަ" އަޒްކާ އިސްޖަހާލަމުން ބުނެލިއެވެ.

"އެހެންއެވީ އަޒް ދެކޮޅުވީމައެއްނު. ލޯބިން ދިންނަމަ ހުރިހާކަމެއްވެސް ލޯބިކޮށެއްނު ދާނީ... މިރޭ އަޒްއަށް ރެސްޓް އިނގޭ.... މާދަމާ ރޭ އަހަރެން އަންނާނަން" އަޒްކާގެ މޫނުގައި ފިރުމާލަމުން މާހިލް ބުނެލިއެވެ. އެހާ އަވަހަށް މާހިލް އެއްބަސް ވުމުން އަޒްކާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ.

"އެކަމަކު ދިޔުމުގެ ކުރިން ކިސްއެއް ބޭނުން. އެވަރުވާނެއްނު..." އެނދުން ތެދުވަން އުޅެފައި މާހިލް ބުނެލިއެވެ. ވަގުތުން އަޒްކާގެ ހިތުގައި ހާސްކަން ވަށާލިއެވެ.

"ނޫން. މިހާރަކުނޫން...."

އަޒްކާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް މާހިލް ގަދަކަމުން އަޒްކާގެ ކަނދުރާގައި އަތް އަޅުވާލާފައި ގެނެސް އޭނާ ބޭނުންވެގެން އުޅުނު ކަންތައް ކުރަން ފެށިއެވެ. މާހިލްގޭ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލަން ހިފާ ކޮންމެ ވަގުތަކު މާހިލް އަޒްކާގެ ތުންފަތަށް ތަދުކޮށްލައެވެ.

"ކޮންމެކަމެއް ގަދަކަމުން ކުރުވަން ނަހަދަބަލަ" އަޒްކާ ދޫކޮށްލަމުން މާހިލް ބުނެލިއެވެ. އަޒްކާގެ ތުންފަތުގައި މާހިލް ހަފާލި ތަންކޮޅުގައި ހުރީ ލޭފޭދިފައެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި އަޒްކާގެ ދެލޮލުން ފައިބަމުންދާ ވޭނީ ކަރުނަ މާހިލްއަށް ނުފެނެއެވެ.

"މާދަމާރޭ. ހަނދާންކުރާތި ދެކޮޅަށް އެންމެ އެއްޗެއް ބުންޏަސް އަހަރެން އަޒްގެ ފޮޓޯއާއި ވީޑިޔޯ ނަގާނަން. އިނގެއެއްނު އަހަރެން ނަގާނީ ކޮންކަހަލަ ފޮޓޯއާއި ވީޑިޔޯތަކެއްކަން" މާހިލް އިންޒާރު ދިނެވެ. އޭނާ ކޮޓަރިން ނިކުތުމާއެކު އަޒްކާ އެނދުގައި އޮށޯވެ މޫނުމަތީގައި ބާލީސް އެޅިއެވެ. އޭނާއަށް ބާރަށް ރޯން ފެށުނެވެ. ނަމަވެސް މިދަންވަރު އޭނާގެ ކަރުނަތައް ފޮހެދެން ނުވަތަ ރުއިމުގެ އަޑު އަހަން ހުރީ ކާކު ހެއްޔެވެ؟ އޭނާދެލޮލުން ވެއްޓޭ ކޮންމެ ކަރުނަތިއްކަކާއެކު ދިޔައީ ހެއްދެވި ފަރާތްމަތިން ހަނދުމަ ކުރަމުންނެވެ. އެހެނީ އެކަލާނގެ ފިޔަވައި އޭނާގެ ހާލަތު އިނގޭނެ އެއްވެސް ފަރާތެއް ނެތެވެ.

********************************

އިރުއެރި އިރުވެސް އަޒްކާ އޮތީ ނުނިދިފައެވެ. އޭނާއަށް މާހިލް އައިސްދާނޭ ހީވަނީއެވެ. އޭނާގެ ދެލޮލުން ވަނީ ނިދި ފިލައިގެން ގޮސްފައެވެ. ވިސްނާ ފިކުރުކޮށްކޮށް އޭނާގެ ބޮލުގައި ވަނީ ރިހުމެއް އުފެދިފައެވެ. އޭނާ ގޮތެއް ނިންމައިފިއެވެ. އޭނާގެ ހަށިގަނޑަކީ އޭނާގެ މިލްކެކެވެ. އެހަށިގަނޑަށް އެއްވެސް މީހަކަށް ބާރެއް ނުދެއްކޭނެއެވެ. އޭނާ އެގޭގައި އެހުންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ދަރިފުޅުގެ ބައްޕަ އެކަމަށް އިންކާރު ކުރާއިރު އޭނާ އެތަނުގައި ހުންނަނީ ކީއްކުރަން ހެއްޔެވެ؟ އޭނާގެ ހަށިގަނޑާއި ހަމައަށް އަންނަން ދެވަނަ ފަހަރަށްވެސް މާހިލްއަށް ފުރުސަތު ދިނީ ހުދު އޭނާއެވެ. އޭނާގެ ބަނޑުގައި އެވާ ނިޔަނެތި ދަރިފުޅަށް ގެއްލުމެއް ލިބިއްޖެނަމަ ޒިންމާ ނަގަންޖެހޭނީ އޭނާ އަމިއްލައަށެވެ. ދަރިފުޅުގެ ޒިންމާނަގަން މާހިލް އިންކާރު ކުރި ހިސާބުން ފެށިގެން އޭނާ އެގެއިން ދިޔަނަމަ އެވޭންތަކެއް އޭނާއަށާއި ދަރިފުޅަށް ތަޙައްމަލްކުރަން ނުޖެހުނީހެވެ. ހުރިހާގޮތަކަށް ވިސްނުމަށްފަހު އޭނާ ފޮށްޓަށް ހެދުންތައް އަޅަން ފެށިއެވެ. އެގެއިން ދިޔުމުގެ ކުރިން އޭނާ ބޭނުންވީ މާހިލްއާއި ބައްދަލުކުރާށެވެ. އޭނާ ފިސާރި އަންހެނަކަށް ވެގެން ނޫނީ މާހިލް ކަހަލަ ޖަނަވާރެއްގެ އަތް ދަށުން ސަލާމަތްވެގެން ދާކަށް ބޭނުމެއް ނުވިއެވެ.

ހެނދުނު ދިހައެއް ޖަހަން ގާތްވެފައި ވަނިކޮށް އޭނާ ބޭނުންވި ފުރުސަތު ލިބުނެވެ. އޮފީހުގައި އިނދެފައި ބޮލުގައި ރިއްސާކަމަށް ބުނެފައި މާހިލް ގެއަށް އައެވެ. ފަޒާ ކައިރީގައި ކޮފީތައްޓަކަށް އެދުމަށްފަހު އޭނާ އެރީ ލެޕްޓޮޕް ހިފައިގެން ޓެރަސްއަށެވެ. ފަޒާ ކޮފީތަށި ހިފައިގެން އައުމުގެ ކުރިން އަޒްކާ މާހިލްއާއި ބައްދަލުކުރަން ޓެރަސްއަށް އެރިއެވެ.

ކުރިމަތިން އަޒްކާ ފެނުމާއެކު ލެޕްޓޮޕް ބަހައްޓާފައި މާހިލް ކޮޅަށް ތެދުވިއެވެ. މިވަގުތު އަޒްކާގެ މޫނުމަތިން ފެންނަމުންދާ ކުލަވަރުގެ މާނަ ނަގަން މާހިލްއަށް ނޭނގުނެވެ.

"މިވަގުތުތަ ބޭނުންވީ..." ނުލަފާ ގޮތަކަށް ހީލަމުން މާހިލް އަހާލިއެވެ.

"މިރެއަށް ކެތްނުވީތަ...؟" މޫނުގައި ތުނިތުނިކޮށް ފަޅަން ފަށާފައި ހުރި ތުނބުޅީގައި އަތް ހާކާލަމުން މާހިލް ބުނެލިއެވެ.

އަޒްކާ މަޑުމަޑުން މާހިލްއާއި ގާތަށް ޖެހިލިއެވެ. އަދި ފުރަގަހަށް ލާފައިވާ އަތް ނެރެލުމަށްފަހު މާހިލްގެ މޫނުމަތީގައި ބާރަށް އަޅުވާލިއެވެ. މާހިލްގެ މޫނުމަތިން ދިޔައީ ތަރި ބުރައިގެންނެވެ.

"ޔޫ......" ވީތަދާއެކު އަޒްކާއަށް ބަދަލުދޭން މާހިލް އުޅުނެވެ. ނަމަވެސް ހުޝިޔާރު ކަމާއެކު އަޒްކާ ރެކިގަތެވެ.

"އަހަންނަށް އިނގޭ މި ހަދިޔާ ކަލެއަށް ދޭން އަހަރެން ޖެހެނީ މިއަދަކު ނޫންކަން. ކަލޭ ހީނުކުރާތި އަޒްކާގެ ހަށިގަނޑަކީ ކަލޭ ބޭނުންގޮތެއް ހަދަންއޮތް މުދާގަނޑެކޭ. ކަލެއަށް ވުރެ ނުލަފާ ރަހުމެއްނެތް ޖަނަވާރެއް އަހަރެން އަދި ދުވަހަކުވެސް ނުދެކެން. ހެއްދެވި ފަރާތެއް ވާކަން ކަލޭ ހަނދާނެއްވެސްނެތް. ކަލޭ ތިހެރީ ދެދުނިޔެއިން ގެއްލި ހަލާކުވެފަ. ދުވަހަކުވެސް ކަލޭ އިސްލާހެއްނުވާނެ. ހެޔޮލަފާ ރަނގަޅު އަންތްބަކު ލިބުނީމަވެސް ކަލެއަށް އިސްލާހުވާކަށް ނޭނގުނު. ކީކޭ ކަލޭ ބުނީ. މިރޭ ކަލެއަށް އަހަރެންގެ ހަށިގަނޑުން އުފާދޭން އަހަރެން އިންކާރުކޮށްފިނަމަ ފޮޓޯތަކާއި ވީޑިޔޯ ނަގާނަމޭ... ހަނދާންކުރާތި ނުބައި ނިޔަތެއްގަ ދެން ކަލޭ އަހަރެންގެ ހަށިގަނޑުގައި އިނގިލި ކުރި ޖައްސާލިޔަސް މި އިނގިލިތައް ބުޑުން ބުރިކޮށްލާނަން....... ދިޔުމުގެ ކުރިން އަދި އެއްވާހަކަ. އަހަރެން މިގެއަށް އައީ އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅުގެ ހަށިގަނޑުގައި މިވަނީ ކަލޭގެ ލޭ ކަމަށްވާތީ. ރީތިގޮތުގައި ކަލެއާއި އެކީގައި އުޅެންވެގެން. މިހާރު އަހަރެން އުފާކުރަން ކަލޭ މިކަމަށް އިންކާރު ކުރީމަ. ތިކަހަލަ ނުލަފާ ޖަނަވާރަކަށް އަހަރެންގެ ދަރިފުޅު ބައްޕަ ކިޔާކަށް އަހަރެން ބޭނުމެއްނޫން. ޒަމާނެއްގެ ކޮޅުންވެސް މިދަރިފުޅު ހޯދަން ނާންނާތި...." ކިޔަން ބޭނުންވި ހުރިހާ އެއްޗެއް ކިޔާފައި އަޒްކާ ދިޔައިރުވެސް މާހިލްއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އެފަދަ ހިތްވަރެއް އަޒްކާއަށް ލިބުނު ގޮތަކާއިމެދު މާހިލް ހުރީ ހައިރާންވެފައެވެ. އަޒްކާއަށް އޭގެ އަދަބުދޭން އޭނާގެ ހިތް ނިންމިއެވެ. އެއްވެސް އަންހެނަކަށް އޭނާގެ އަގު އެގޮތަށް ވައްޓާލުން އެއީ އޭނާއަށް ރުހެވޭނެ ކަމެއް ނޫނެވެ. އަޒްކާ އެގޮތަށް ކަންތައްކުރީތީ ވަގުތުން ފިޔަވަޅު އަޅަން ބޭނުންވިއެވެ. ކައިރީގައި ހުރި ގޮނޑީގައި ފައިންޖަހާ ބުރުވާލެވުނީ އެތެރެހަށީގައި ރޯވެ އަނދަމުންދާ އަލިފާންގަނޑަށް ކެތްނުވުމުންނެވެ. އަޒްކާ ޖެހޭނީ އޭނާ ބޭނުންހާ ގޮތަކަށް ކަންތައް ކުރާށެވެ. އަޒްކާގެ ހަށިގަނޑަކީ އޭނާގެ މިލްކެކެވެ. އަޒްކާގެ ހަށިގަނޑު ބޭނުންވާވަރަށް ވުރެ ބޮޑަށް އޭނާ މިދުނިޔެއިން ބޭނުން އެއްވެސް އެއްޗެއް ނެތެވެ.

********************************

ޓެކްސީ މަޑުކޮށްލުމާއެކު ޑްރައިވަރަށް ފައިސާ ދީފައި އަޒްކާ ފޭބިއެވެ. ކާރުގެ ޑިކީއަށް އަރުވާފައި ހުރި ފޮށި ޑްރައިވަރ ނަގައިދިނުމުން ފޮށި ދަމާލާފައި ހިފައިގެން ގޮސް ޕޭވްމަންޓު މަތިން އެއްފަރާތުގައި މަޑުކޮށްލިއެވެ. ފޯނު ނަގާފައި ނަތާޝާގެ ނަންބަރަށް ގުޅާލިއެވެ. ގޭތެރެއަށް ވަންނަން އޭނާ ބޭނުންނުވިއެވެ. އޭނާ އެތަނުގައި ހުއްޓާ އެގޭ މީހަކަށް ފެނިދާނެތީ ފޮށި ދަމަމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެތިން ގޯޅި ކަޑައްތުކޮށް ބޭރުމަގަށް ނިކުމެވުމުން ޖެޓީމަތީގައި ޖައްސާލިއެވެ. މަގުމައްޗަށް ދިއްލާފައިވާ އަލިން ދެލޮލަށް އުނދަގުވެފައި ހުރުމުން އެއް އަތުން ނިވާކޮށްލިއެވެ. އަދި ފޮށީގެ އަރިމަތީ ޖީބަށް ޖަހާލާފައި އިން ފިނި ފެންފުޅި ނަގާ ފެން ކޯވަރެއް ބޯލިއެވެ. އިރުކޮޅެއްވީތަނާ އެތަނާއި ތަންކޮޅެއް ދުރުގައި ޓެކްސީއެއް މަޑުކޮށްލިއެވެ. ނަރުހުންގެ ޔުނީފޯމުގައި ފޭބި ނަތާޝާއަށް އެސަރަހައްދުން އަޒްކާ ފެންނަން ނެތުމުން ފޯނު ނަގާފައި ގުޅާލިއެވެ. އޭނާ ކުރިއަށް ހިނގައިގަތްތަނާ ޖެޓީމަތީގައި ފޯނަށް ބަލަހައްޓައިގެން އިން އަޒްކާ ފެނުނެވެ. އޭނާ އެދިމާލަށް ހިނގައިގަންނަމުން ޔުނިފޯމުގެ ކުރިމަތީގައި އިން ޖީބަށް ފޯނު ލިއެވެ.

(ނުނިމޭ)