ޑިންގީ ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާ ނާފިޒުގެ ތަހުގީގާއި ބެހޭ މައުލޫމާތު ހާމަކުރަން މިއަދު އޮންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ޝިމާ ހޯދުމަށް ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާ ހިއްސާ ކުރުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު 14:30ގައި ކަމަށެވެ.
ޝިމާ ގެއްލިގެން ހޯދަމުން ގެންދަނީ ފެބްރުއަރީ 22 ވަނަ ދުވަހުގެ ރޭ އިރާކޮޅު ލ. ފޮނަދޫން ފުރައިގެން މާމެންދުއަށް ދަތުރު ކުރަމުން ދަނިކޮށް ޑިންގީ ބަންޑުން ޖަހާލި ކަމަށް ބުނާ ހާދިސާއާ ގުޅިގެންނެވެ. ޑިންގީ ބަންޑުން ޖަހާލުމުން ޝިމާއާ އެކު ދަތުރުކުރި ފަޒީލް ވަނީ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރައިފައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ފުލުހުންވަނީ ވަގުތުން ޝިމާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް އަދި މިހާތަނަށް ޝިމާ ވެސް އަދި އެދެމީހުން ދަތުރުކުރި ޑިންގީ އާއި ޑިންގީގައި ހުރި އެއްވެސް އެއްޗެއް ވެސް ފެނިފައެއް ނުވެއެވެ. މި މައްސަލާގައި ގިނަ ބައެއްގެ ތުހުމަތުތައްވަނީ ފަޒީލަށް އަމާޒުވެފައެވެ.