ދުނިޔޭގައި އެންމެ ގިނަމީހުން ބޭނުންކުރާ ޕާސްވޯޑަކީ 123456 ކަމަށް ސާވޭއަކުން ދައްކައިފިއެވެ.
އިނގިރޭސި ވިލާތުގެ ނެޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން ކުރި ސާވޭއަކުން ދައްކާގޮތުން ދުނިޔޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ ޕާސްވޯޑަކީ 123456 އެވެ. މިސާވޭގައި ވަނީ ހެކް ކޮށްފައިވާ އެކައުންޓު ތަކުގެ ތަހުގީގީ ރިޕޯޓު ތަކާއި އާންމުންގެ ފަރާތުންވެސް މައުލޫމާތު އެއްކޮށްފައެވެ.
ނުރައްކާތެރި ސައިބަރ އެޓޭކް އައިސްފައިވާ އެކައުންޓުތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ސަބަބުން އެ އެކައުންޓްތައް ހެކްކުރުމަށް މަގުފަހިވާކަން މި ސާވޭއިން ވަނީ ހާމަވެފަ އެވެ.
ނެޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން ކުރި ސާރވޭއިން އެނގުނު ގޮތުގައި 123456 ބޭނުންކުރާ 23 މިލިޔަނަށްވުރެން ގިނަ މީހުން އެ ސާވޭގައި އެކަނި ވެސް ފާހަގަ ކުރެވިފައި ވެއެވެ. ދެވަނައަށް އެންމެ ގިނަމީހުން ބޭނުންކުރާ ޕާސްވޯޑަކަށް ފާހަގަކުރެވިފައިވަނީ 132456789 އެވެ. އެންމެ ގިނަ މީހުން ބޭނުންކުރާ ޕާސްވޯޑުތަކުގެ ގަދަ ފަހެއްގައި ހިމެނޭ އެހެން ޕާސްވޯޑުތަކަކީ "qwerty" އާއި "password" އަދި 1111111 އެވެ.
ނެޝަނަލް ސައިބަރ ސެކިއުރިޓީ ސެންޓަރުން ބުނި ގޮތުގައި ފަސޭހައިން ހޯދައިގަނެވޭ ޕާސްވޯޑުތަކުގެ ސަބަބުން ގިނަބައެއްގެ ބޭންކު އެކައުންޓްތަކުން ވެސް ފައިސާ ގެއްލިފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ.