އިބްރާހިމް ޒަކީ
އިއްޔެ ސްރީލަންކާގެ އެކި ސަރަހައްދު ތަކުގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކޮށްފިއެވެ.
މިއަދު 9:30ގައި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ބޮންތަކެއް ގޮއްވާލައިގެން ސްރީލަންކާގެ އެކި ހިސާބަށް އިއްޔެ ދިން ހަމަލާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ނަމުގައި ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި އަދި އެކަމުގެ ހިތާމާގައި ބައިވެރިވަޑައިގަންނަވާކަމަށެވެ.
ގާސިމް ވިދާޅުވީ، ސްރީލަންކާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނަކީ، ގާތް ގުޅުމެއްގައި ދިރިއުޅޭ ބައެއް ކަމަށާއި ސްރީލަންކާ އަކީ އެތައް ގޮތަކުން ރާއްޖެއަށް އެހީތެރި ކަމާއި މަދަދު ދެމުން އަންނަ ގައުމެއް ކަމަށެވެ.
މަޖިލިސް ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ އެ މެންބަރެއްގެ ދާއިރާގެ ނަމުގައިވެސް އެ ހަމަލާ ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފައެވެ.
އިއްޔެ ސްރީލަންކާގެ އަށް ތަނެއްގައި ބޮން ތަކެއް ގޮއްވާަލއިގެން ދިން ހަމަލާ ތަކުގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 300 އާ ގާތްވެފައެވެ.
ޖާނުން ފިދާވެގެން ބައެއް ހިސާބުތަކުގައި މި ހަމަލާ ދީފައިވާއިރު، އޮފިޝަލުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް އައި އިރު، މި ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބައެއްކަން ވަނީ ޔަގީން ނުކުރެވި އެވެ. އެހެން ނަމަވެސް އިއްޔެއާ ހަމަޔަށް 24 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.