މާދަމާ ރިލީސްކުރަން ހަމަޖައްސާފައިވާ ފިލްމު "ދަ އާޗީސް" އަކީ ގިނަ ތަރިންތަކެއްގެ ޑެބިއު ފިލްމެވެ. މިއީ އިންޓަސްޓްރީއަށް އަލަށް އެތައް ޒުވާން ތަރިންތަކެއް ނެރޭ ފިލްމެކެވެ. އޭގެ ތެރެއިން އެއް ތަރި އަކީ މަގްބޫލު ބަތަލާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ހަގު އަންހެން ދަރި ކުޝީ ކަޕޫރެވެ.
ފިލްމުގެ ހާއްސަ ސްކްރީނިންއެއް އިއްޔެ މުމްބާއީގައި ހުންނަ ނިތާ މުކޭޝް އަމްބާނީ ކަލްޗަރަލް ސެންޓަރު (އެންއެމްއޭސީސީ) ގައި ވަނީ ދައްކާލައިފައެވެ.
އެ ހަފުލާއަށް ފިލްމުގެ ހުރިހާ ތަރިން އެމީހުންގެ އާއިލާއާ އެކު ގޮސްފައިވާ އިރު، ގިނަ ބައެއްގެ ނަޒަރު ހުއްޓުނީ ކުޝީ ލައިގެން ހުރި ހެދުމަށެވެ. ރަންކުލައިގެ އެ ގައުނަކީ 2013 ވަނަ އަހަރު އޭނާގެ މަންމަ ސްރީދޭވީ ލާފައިވާ ހެދުމެކެވެ. އެއާއެކު ގަހަނާއަކަށް ކުޝީ ބޭނުންކޮށްފައި ވަނީ ޑައިމަންޑެވެ.
ފޭނުންނަށް އެކަންވީ ވަރަށް އިމޯޝަނަލް ކަމަކަށެވެ. ސްރީދޭވީ އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ތަރިއެއް ކަމުން އޭނާގެ ހެދުންތަކާއި ގަހަނާ އަލުން ބޭނުން ކުރާތަން ފެނުމުން ފޭނުންގެ ތައުރީފު ވަނީ ކުޝީއަށް ލިބިފައެވެ.
ޒޯޔާ އަކްތަރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ދަ އާޗީސް" ގައި ކުޝީ ފެނިގެންދާނީ ބެޓީ ކޫޕާގެ ރޯލުންނެވެ. އެފިލްމުގައި ޝާހުރުކް ހާންގެ ދަރި ސުހާނާ ހާނާއި އަމީތާބު ބަޗަންގެ ކާފަދަރި އަގަސްތިޔަ ނަންދާވެސް ލީޑްރޯލުން ފެނިގެންދާނެއެވެ. ފިލްމު މާދަމާ ނެޓްފްލިކްސްގައި ރިލީސް ކުރާނެއެވެ.