ކްލަބު މޯލްޑިވްސް ކަޕް

އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލެއާއެކު އިތުރު ފަސް ޓީމެއް ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)އާއެކު އިތުރު ފަސް ޓީމެއް ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފިއެވެ.

އިއްޔެ ކުޅުނު މެޗުތަކަށް ފަހު، ގްރޭޓާ މާލެ އާއި ސްޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެސްޓީއޯ އާއި އޭވިއޭޝަން ސެކިއުރިޓީ އަދި ކްލަބު އިމިގްރޭޝަނުން ވަނީ ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައެވެ.

އިއްޔެ ހަވީރު ކުޅުނު 'ގްރޫޕު އީ'ގެ މެޗުގައި ގްރޭޓާ މާލެ އިން ވަނީ 16-0ގެ ނަތީޖާއަކުން ފެހި ފަހި ކްލަބު ބަލިކޮށްފައެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުގައި ސްޓެލްކޯ އިން ވަނީ 13-0ގެ ނަތީޖާއަކުން ޔޫތު މިނިސްޓްރީ ބަލިކޮށްފައެވެ.

އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ގްރޭޓާ މާލެ އިން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި ސްޓެލްކޯއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ފެހި ފަހި ކްލަބަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ޔޫތު މިނިސްޓްރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

އެމްއެމްއޭ ސޯޝަލް ކްލަބާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕު ސީ'ގެ މެޗުން އެމްޕީއެލް މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ އިން ވަނީ 5-3ގެ ނަތީޖާއަކުން ޓީމް ފެނަކަ ބަލިކޮށްފައެވެ.

އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި އެސްޓީއޯ އިން ވަނީ ހަތް ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި އެމްޕީއެލްއަށް ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ޓީމް ފެނަކައަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި އެމްއެމްއޭއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ޓީމް އެފްއެސްއެމްއާ ދެކޮޅަށް ރޭ ކުޅުނު 'ގްރޫޕު ޑީ'ގެ މެޗުން ކްލަބު އިމިގްރޭޝަން މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި އެލައިޑު އަތުން 7-0ގެ ނަތީޖާއަކުން ބަލިވި ނަމަވެސް، އެ ގްރޫޕުގެ ގަދަ 16ގެ ދެވަނަ ޖާގަ ލިބުނީ އޭވިއޭޝަން ސެކިއުރިޓީއަށެވެ.

އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި އިމިގްރޭޝަނުން ވަނީ ހަތް ޕޮއިންޓް ހޯދައިފައެވެ. ދެވަނައިގައި ނިންމާލި އޭވިއޭޝަން ސެކިއުރިޓީއަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، އެލައިޑް އަދި އެފްއެސްއެމްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

އެ ހަ ޓީމުގެ އިތުރުން ކްލަބު އެޗްޑީސީ އާއި ޔުނައިޓެޑް ބީއެމްއެލް އާއި ދިރާގާއި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވެސް ވަނީ މީގެ ކުރިން ގަދަ 16 އިން ޖާގަ ހޯދައިފައެވެ. ގަދަ 16 އިން ޖާގަ ހޯދާ ހުރިހާ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށްފަހުއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިރޭ 8:15ގައި އުރީދޫއާ ދެކޮޅަށް މީޑިއާނެޓް ނުކުންނަ އިރު، ހަމަ އެގަޑީގައި ޕްރިޒަން ކްލަބާ ދެކޮޅަށް ޓްރޭޑް ކްލަބު ނުކުންނާނެއެވެ. އަދި މިރޭ 9:30ގައި މޯލްޑިވިއަންއާ ދެކޮޅަށް ކޮމިއުނިކޭޝަން މިނިސްޓްރީ ނުކުންނަ އިރު، ހަމަ އެގަޑީގައި ކްލަބު ވެމްކޯއާ ދެކޮޅަށް ކްލަބު އާސަންދަ ނުކުންނާނެއެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.