ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތްތަކުގައި ފުލުހުންގެ ހާއްސަ ޓީމަކަށް ހަތިޔާރު ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ މައްސަލަތަކަށް އެންމެ ފުރަތަމަ އެޓެންޑުވާ ބަޔަކީ ފުލުހުން ކަމަށްވާތީ އެހެން ގައުމުތަކުގައި ވެސް ފުލުހުން ލީތަލް ވެޕަން ބޭނުންކުރަމުން އަންނަ ކަމަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި އަޅުގަނޑު ދަންނަ ހުރިހާ ފުލުހެއް އަތުގައި ލީތަލް ވެޕަން ހުންނާނެ. އެމީހުންނަކީ ޓްރެއިންވާ ބައެއް. އެއީ އިންޓާނަލް ހުރިހާ މައްސަލަތަކަކަށް ހައްލު، އެ މައްސަލަތަކަކަށް އެންމެ ފުރަތަމަ އެޓެންޑު ކުރާ ބަޔަކީ ފުލުހުން ކަމުގައިވާތީ، ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް. ދެން ބައެއް ގައުމުތަކުގައި ޕެރަ މިލިޓަރީ މީހުން ތިބޭ. ފުލުހުންގެ ހާއްސަ ޓީމަކަށް ހަތިޔާރު އަޅައިގެން، ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތްތަކުގައި ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެހިފައި އޮންނަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންގެ ގާނޫނުގައި ފުލުހުންނަށް ލީތަލް ވެޕަން ބޭނުންކުރެވޭނެ ކަމަށް ބުނެފައިވާ ކަމަށާއި ރާއްޖޭގައި ގާނޫނު ހެދި އިރުގައި، ފުލުހުންނަށް އެކަން ކުރެވެން ވާނެ ކަމަށް އެ ގާނޫނު ހެދި މީހުން ގަބޫލުކުރި ކަމަށެވެ. އަދި މުހިންމު ވާނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތު ކަމަށާއި ސިފައިންގެ ދައުރާ މެދު ވެސް ބަހުސް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަ ގައުމެއް. އަޅުގަނޑުމެން އެންމެ ފުރަތަމަ އެބަ ކުރަންޖެހޭ ސުވާލެއް، އަޅުގަނޑުމެންގެ ރާއްޖޭގައި ސިފައިންނަކީ ކޮން ބައެއްތޯ. ސިފައިންނަކީ އާމީއެއް ގޮތަށް މަސައްކަތްކުރާނެ ބައެއްތޯ. ނޫނިއްޔާ ސެކިއުރިޓީ ފޯސްއެއްގެ ގޮތުގައިތޯ މަސައްކަތްކުރާނީ. އެ ބަހުސް ވެސް އެބަ ކުރަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި ހުރި އިރު، އޭނާގެ ވިސްނުން ހުރީ ފުލުހުންގެ ސްޕެޝަލް ޓެކްޓިކަލް، ޓެކްޓިކްސް އެންޑް ވެޕަންސް ކިޔާފައި ސްވަޓް ޓީމެއް އޮންނަންވާނެ ކަމަށާއި އެމީހުންނަކީ ޑިއުޓީ ގަޑީގައި، އެމީހުންނަށް ފަޔާ އާމްސް ބޭނުންކުރެވޭ ގޮތަށް ކަންކަން ތަރުތީބުވެފައި އޮންނަން ވާނެ ކަމަށް ވިސްނުމުގައި ހުރި ކަމަށެވެ.
"އެ އުސޫލުން އަޅުގަނޑުމެން ތަމްރީނު ވެސް ކުރިން. އަދި ސިފައިންގެ އެހީގައި ވެސް ތަމްރީނު ކުރިން. ރާއްޖެއިން ބޭރަށް ފޮނުވައިގެން ވެސް ފުލުހުން ތަމްރީނު ކުރިން، ހާއްސަކޮށް ސްވަޓް ޓީމު. އެއީ ސަރުކާރުގެ ސިޔާސަތަކަށް ވާންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަޅުގަނޑު ގަބޫލުކުރަން ފުލުހުންގެ ހާއްސަ ޓީމަކަށް ހަތިޔާރު އަޅައިގެން، ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތްތަކުގައި ބޭނުންކުރެވޭނެ ގޮތްތައް ހަމަޖެހިފައި އޮންނަން ޖެހޭނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންނަށް ހަތިޔާރު ބޭނުންކުރުމަށް ވަރަށް ވަރުގަދަ ޓްރެއިނިންތަކެއް ދެވިފައިވާ ކަމަށާއި ސްރީލަންކާއާއި ބެންކޮކުން ތަމްރީން ހަދާފައި ތިބި ވަރަށް ގާބިލު ފުލުހުން މިހާރު ވެސް ފުލުހުންގެ އިދާރާގައި ތިބޭނެ ކަމަށެވެ.