މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލި ރިޔާސީ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހާޒިރުކުރުމަށް ނިންމައިފިއެވެ.
މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަނަށް ރިޔާޒު ހާޒިރުކުރާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވަނީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ރިޔާޒު ހާޒިރުކުރިތޯ ބެލުމަށް މީހަކު ކުރި ޓުވީޓަކަށް ޖަވާބުދެމުންނެވެ.
އެ ޓުވީޓަށް ޖަވާބުދެމުން އެ ކޮމިޝަނުން ބުނީ ރިޔާޒް އަދި ހާޒިރުނުކުރާ ކަމަށާއި އެކަމަކު އޭނާ އަދި ހާޒިރުކުރާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަނުން މައުލޫމާތެއް ސާފުކުރުމަށް އެދެފިނަމަ މައުލޫމާތު ހިއްސާކުރާނެ ކަމަށާއި އަމިއްލައަށް އިސްނަގައިގެން ކޮމިޝަނަށް މައުލޫމާތު ހިއްސާ ކުރެއްވުމުގެ ހިޔާލެއް ނުގެންގުޅުއްވާ ކަމަށް މިދިޔަ ހުކުރު ދުވަހު ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރިޔާޒް ވަނީ ވިދާޅުވެފައެވެ.
ޑރ. އަފްރާޝީމް މަރާލާފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ރެއެވެ. އަފްރާޝީމް އަވަހާރަކޮށްލި އިރު ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވީ ރިޔާޒެވެ.