ފެނަކައިގެ ދަރަނީގެ ތަފުސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.
ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފުސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް ފެނަކައިން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރިއެވެ.
ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރި ސަބަބެއްކަމުގައި ފެނަކައިން ބުނެފައިވަނީ އެ މައުލޫމާތުތައް ހާމަކޮށްފިނަމަ ފެނަކަ އާއެކުގައި އެއްބަސްވުންތައް ހަދާފައިވާ މީހުންގެ މައުލޫމާތުވެސް ހާމަވާނެތީ ކަމަށެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ފެނަކައިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދުތަކާއި އޭގެ ތަފުސީލުތައް ހާމަކުރުމަކީ ސިއްރު ހިފެހެއްޓުމުގެ އުސޫލާ ހިލާފު ކަމަކަށް ވާނެކަން ފެނަކައަށް ބުނެ ނުދެވޭ ކަމަށާއި އެ މައުލޫމާތު ހާމަކުރުމުގެ ސަބަބުން ތިންވަނަ ފަރާތެއްގެ ވިޔަފާރިއަށް ގެއްލުންތަކެއް ވެދާނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.
އެހެންވެ ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފެނަކައިިގެ ދަރަނީގެ މައުލޫމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފައިސަލެވެ.