ހުތުބާ

މާތް ﷲގެ ފޮތް ހިތުދަސްކުރާ މީހުންގެ ގަދަރާއި އިއްޒަތް މަތިވެރިކުރެއްވި: ހުތުބާ

މާތް ﷲގެ ފޮތް ހިތުދަސްކުރާ މީހުންގެ ގަދަރާއި އިއްޒަތް އެކަލާނގެ މަތިވެރިކުރެއްވި ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތް ﷲ މުއިމުނިންގެ ވަކި ގިންތިއެއްގެ މީހުންނަށް މަތިވެރި ނިއުމަތް ދެއްވާފައިވާ ކަމަށާއި އެއީ މާތް ﷲގެ ފޮތް ހިތުދަސްކުރުމުގެ ނިއުމަތް ކަމަށެވެ.

"އެ ނިއުމަތަކީ ވަރަށް މަތިވެރި ނިއުމަތެކެވެ. އެމީހުންގެ ގަދަރު ﷲ އުފުލެއްވިއެވެ. އެމީހުންގެ އިއްޒަތް މަތިވެރި ކުރެއްވިއެވެ. ގޭގައި ދަރިންނާއެކު ފޮތް ކިޔުމުގައި ވަގުތުކޮޅެއް ހޭދަކުރަން އާދަކުރާށެވެ. ފޮތުން ދަސްވާ ރީތި ޖުމްލަތަކާއި ކަލިމަތަށް ފަށްފަށްކުރައްވާ ދަސްކޮށް ދޭށެވެ. ދަރިންނަށް ކީރިތި ޤުރުއާން ކިޔެވުމަށް ބާރު އަޅާށެވެ.،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ ކީރިތި ޤުރުއާން ދަސްކުރުމަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި މާތް ﷲ އެކަމަށް ތައުފީގު ދެއްވި މީހާއަށް އެ ފެށުނީ މުޅިން އައު ހަޔާތެއް ކަމަށެވެ. އަދި އޭނާގެ ހަޔާތް މި އައު ހަޔާތާ އެއްގޮތް ނުވާނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އޭގެ ސިއްރާއި ފާޅު ތަފާތުވާނެއެވެ. ކީރިތި ޤުރުއާން އުފުލާ މީހަކަށް ވާތީ އޭނާގެ އަހްލާގަށާއި މުއާމަތާތުތަކަށް ބަދަލު އަންނަން ޖެހޭނެއެވެ. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ބޮޑު ހަޟާރަތެއް ދުނިޔޭގައި ގާއިމްކުރެވުނީ ކީރިތި ޤުރުއާނުގެ ސަބަބުންނެވެ. އޭގެ ސަބަބުން ފެށުނު ކިޔުމާއި ލިޔުމާއި ފިކުރާއި ވިސްނުމާއި އިޚްލާސްތެރި އަމަލާއި އުފެންދުންތެރިކަމުގެ ސަބަބުންނެވެ.،" ހުތުބާގައި ބުނެފައިވެއެވެ.