ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށް ރަންބީރު ކަޕޫރު ލީޑްރޯލުން ފެނިގެންދާ ފިލްމު 'އެނިމަލް' ރިލީސްކުރިތާ އެއްދުވަސްތެރޭގައި އޮންލައިންކޮށް ލީކްކޮށްލައިފިއެވެ.
ބޮކްސް އޮފީހުގައި ފިލްމު އެޅުވިއިރުވެސް އިންޑިއާގެ 61 ކްރޯޑް ރުޕީސް މި ފިލްމަށް ލިބިފައިވެއެވެ. ނަމަވެސް ފިލްމު ލީކްކޮށްލައިފައިވަތީ މިހާރު އެކި ވެބްސައިޓްތަކުންނާއި ޓެލެގްރާމް ޗެނަލްތައް އަދި ވަޓްސްއަޕް ގްރޫޕުތަކުންވެސް ފިލްމުގެ ލިންކުތައް ދަނީ ހިއްސާކުރަމުންނެވެ.
އެނިމަލް އަކީ އިއްޔެ ރިލީސްކުރި ހަމައެކަނި ފިލްމެއްނޫނެވެ. އިއްޔެ ވަނީ ވިކީ ކުޝާލް އަދި މެގްނާ ގުލްޒާރުގު ފިލްމު 'ސޭމް ބަހާދުރު' ވެސް ރިލީސްކޮށްފައެވެ، ނަމަވެސް އެފިލްމުގެ ފުރަތަމަ ޝޯ ދެއްކިތާ ހަގަޑިއިރު ތެރޭގައި ވަނީ ލީކްކޮށްލައިފައެވެ.
މި ދެފިލްމު ލީކްކޮށްލުމުން ފިލްމަށް ލިބިގެންދާނެ ގެއްލުން ބޮޑުވެދާނެކަމަށް ކަމާ ގުޅޭ މާހިރުން އަންނަނީ ބުނަމުންނެވެ.
ފިލްމު އެނިމަލް އަކީ ބައްޕައަކާއި ދަރިއެއްގެ ދިރިއުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. ފިލްމު ތަފާތު ވެގެންދަނީ ރަންބީރުގެ މުޅީން ތަފާތު ރޯލެއް ފެނިގެންދާތީ އެވެ. މި ފިލްމުގައި އަނިލް ކަޕޫރު، ރަޝްމިކާ މަންދާނާ، ތްރިޕްޓީ ދިމްރީ އަދި ބޮބީ ޑިއޯލްވެސް މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.