އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (4 ވަނަ ބައި)

އާމިނަތު އަޒްލާ

(އޮކްޓޯބަރ 12 އާއި ގުޅޭ)

"މާމާ މާމާ ކީކޭ، އަވަހަށް މިއައިނު އަޅާބަލަ" ހާސްވެފައި ހުރެ ޒަކްވާން ގުޅީ މާލިކު އަށެވެ.

"އައިނު އެޅިޔަސް ނުފެނެޔޭ ދަރިފުޅާ މާމަ ބޭނުމެއްނޫން ދަރިފުޅުމެން ނުފެނި ނިމިގެންދާކަށް" އަމީނާގެ އަޑުގައިވީ ވޭނީ ރާގެކެވެ. ދާރިޔާގެ ތުންފަތުގައި ނަށާލީ ވިހަގަދަ ހިނިތުންވުމެކެވެ. އަދި އަވަހަށް މާލިކުއަށް ގުޅާ ނިކަން އަސަރާއިއެކު ވީގޮތް ކިޔާ ދިނެވެ. އޭރު ޒަކްވާން ގެނައި ޑޮކްޓަރު އައިސް އަމީނާގެ ކޮޓަރި ތެރެއަށް ވަންނަނީއެވެ. ކުޑައިރުކޮޅަކަށް ކޮޓަރިން ބޭރަށް ނިކުތް ދާރިޔާ އަށް އެރުނީ މާލިކު އާއި ޒައުލް ގެ ކުރި މައްޗަށެވެ.

"މި މުސީބާތް އަހަރެންގެ ހަޔާތުން ފިލާނީ ކޮން ދުވަހަކުންބާ" ދާރިޔާ ހިތާ ހިތާ ކިޔާލިއެވެ.

* * * * * * * * * * * * * * * * * * * * * * * * * *

ދުވަހަކީ އާރިޔާއަށް އުފާވެރި ދުވަހެކެވެ. އަރާމު ނިންޖަކުން އޭނާ ހޭލީ އެތައް ދުވަހަކު ނުނިދާ މީހަކަށް ހަމަ ނިދި ލިބުމުން ލިބޭ ކަހަލަ އިހްސާސްތަކެއް ކުރަމުންނެވެ. ފޮތިގަނޑުން ކެހިފައިވާ ތަންކޮޅުން ކޮޓަރި ތެރެއަށް ފޭދިފައިވާ އިރުގެ ރަން އަލިކޮޅު އާރިޔާގެ މޫނުގައި ބީހިލުމާއިއެކު އޭނާ އަށް ހީވީ ކޯތާފަތުގައި ކޮކާލެއް ފިޔަޖަހާލިހެންނެވެ.

އެއުފާވެރިކަން އޭނާގެ މޫނުމަތިން ދުށުމަށް އެތަނުގައި މީހަކު ހުރިނަމަ އާޝޯހުވީހެވެ. މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮށްލުމަށްފަހު ކުޑަދޮރު ހުޅުވާލީ އިރުގެ ހޫނުކަން ބޮޑަށް ލިބިގަންނަން ބޭނުންވާތީއެވެ. ހަގީގަތުގައިވެސް މިއަދު އާރިޔާ އަށް ލިބިފައި އެވަނީ ބަޔާންކުރަން ނޭނގޭފަދަ ހިތްހަމަ ޖެހުމެކެވެ.

ޖަމާލު ފުރީއެވެ. މިއަދު އޭނާ ވަޒީފާ އިން ވަކިވާނެއެވެ. ޖަމާލުގެ ޖާސޫސު މަސައްކަތް ހުއްޓާލައި ބަލި އެނދުގައި އޮތް ބައްޕަގެ އޮޕަރޭޝަން ވީހާ އަވަހަކަށް ކުރުމަށް މަސައްކަތް ފަށާނެއެވެ. އެ އަޒުމުގައި ހުރެ ކޮންމެ ދުވަހެކޭ އެއްގޮތަށް އޮފީހަށް ދިއުމުގެ ކުރިން އާރިޔާ ބެލީ ބައްޕަ ކައިރި އަށް ހޮސްޕިޓަލަށް ދެވޭތޯއެވެ.

ހީކުރި ވަރަށްވުރެ އަވަހަށް ޓެކްސީއެއް އަތު ޖެހިއްޖެއެވެ. ބާރު ހިނގުމެއްގައި ގޮސް ބައްޕަ އޮތް ވޯޑަށް ވަދެ އެތަނުގައި މަޑުކޮށްލިއެވެ. އޭރު ކުރީރޭގައި ބައްޕަ ކައިރީ އިން ބޮޑުބޭބެ ވީ ގެޔަށް ގޮހެވެ. ކައިރީގައި އިން ނަރުސް ކުއްޖާ އެތަނުން ދިޔުމުން ބައްޕަގެ އަތުގައި އާރިޔާ މަޑުމަޑުން ފިރުމާލިއެވެ. ބައްޕަގެ މޫނުމަތި ސާދާއެވެ. އާރިޔާގެ އަތުގެ ބީހުން އިހްސާސް ވުމާއި އެކު މަޑުމަޑުން ދެލޯ ހުޅުވާލިއެވެ.

"ދަރިފުޅާ މިއޮއް ހެނދުނާ ތިއައީ އަނެއްކާވެސް ބައްޕަ ބުނީމެއްނު އޮފީހަށް ދިއުމުގެ ކުރިން ނަޔަސް ހެވޭ ދަރިފުޅު ރޭގަވެސް ދިޔައީ ކިހާ ލަހުން. މެންދުރު ނުވަނީ ބޮޑުބެ އަންނާނެ ބައްޕަ އާ މެދު ފިކުރު ނުކުރޭ ދަރިފުޅާ ބައްޕަގެ ބައްޔަކީ ހިތާމަކުރާ ވަރަށް ވުރެ އަވަހަށް ފަސޭހަވާން އޮތް ބައްޔެއް، އިރާދަ ކުރެއްވިއްޔާ ދަރިފުޅު ވަޒީފާ އަށް ދާނީ ބައްޕަ ސައިކަލު ފަހަތުގަ އޭރުން" ކިތަންމެ ހިނިތުންވެ ހުރެ ބައްޕަ އެހެން ބުނިކަމުގައި ވިއަސް އެ ޖުމްލަތަކުން ބައްޕަ އޭނާ އާއި މެދު ފިކުރު ކުރާ ވަރު އާރިޔާ އަށް އިހްސާސް ކުރެވުނެވެ.

އެދެލޮލޮން ހިފެހެއްޓުމެއްނެތި ކަރުނައިގެ ބޮޑެތި ތިކިތަކެއް ކޯތާފަތް މައްޗަށް އޮހިގަތެވެ. އެމަންޒަރު ބަލަން ނިޒާރު އަކަށް ކެތެއް ނުވިއެވެ. އޭނާ ތެދުވާން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާ އަށް ކުރިމަތިވެފައި އޮތް ނުކުޅެދުންތެރިކަން ފެނި އެއަށްވުރެ ދެރަވިއެވެ.

އެމަންޒަރު ދާދިގާތުން ބަލަން އިން އާރިޔާ އިތުރަށް ހިތުގައި ޖެހުނެވެ. މަޑުގިސްލުމަކުން އޭނާގެ އަޑު ބެދުނެވެ. އެހެނަސް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ.

"ބައްޕާ އެވެ. ދެރަ ނުވާށެވެ. ތިޔަ ދުވަސް އިރާދަފުޅުން ލަސްތަކެއް ނުވެ ދައްކަވާނެއެވެ. އަހަންނަށް އިނގެއެވެ. ބައްޕަ ފިކުރު ނުކުރާށެވެ. ބައްޕަ އާއި ނުލާ އަހަންނަށް އެއްވެސް ކަމެއް ކުރުމުގެ ހިތްވަރެއް ނުލިބެއެވެ. ވީއިރު ކޮންމެ ދުވަހަކު ހެނދުނު މިތަނަށް އައުން އަހަންނަށް ބޮޑު ކަމަކަށް ވާނެ ހެއްޔެވެ؟"

ބައްޕަ ކައިރިން ނިކުމެގެން އާރިޔާ ދިޔައީ ބައްޕަ ސައިބޮއެ ނިމުމުންނެވެ. ވަކިވީ ފޮނި ސަލާމަކުންނެވެ.

* * * * * * * * * * * * * * * * * * * * * *

އުޅަނބޮށީގައި އަތް ވިއްދައިގެން މޮޅިން އިން މާލިކު ގެ ކުރިމަތީގައި ހުރި ސޯފާގައި ދާރިޔާ އައިސް އިށީނދެލިއެވެ.

"ކޮން އިރަކުން ފުރަނީ" އަމީނާގެ ލޮލަށް ފަރުވާ ކުރަން މާލިކު ދާން ބޭނުންވާތީ ދާރިޔާ އަހާލިއެވެ.

"ހީވަނީ ދެދުވަހެއްގެ ތެރޭގައި ހަމަޖެހޭނެހެން، އިޜާދަ ކުރެއްވިއްޔާ މަންމަގެ ލޯ ރަނގަޅު ކުރެވޭނެ ޑޮކްޓަރުވެސް ވަރަށް ޔަގީންކަން ދެއްވި އެއީ މަންމަ އަކީ އެއުމުރަށް އައި އިރުވެސް ސިއްހަތަށް ވަރަށް ސަމާލުވާ މީހެއް އިތުރު ބައްޔެއް ހުރީކީ ނޫން" މާލިކު ގެ މޫނުމަތިން ފެންނަން ހުރި ވަރުބަލިކަން ދާރިޔާ ދެނެގަތެވެ.

މާލިކުގެ ލޮލަށް އަސަރުގަދަ ގޮތަކަށް ބަލަހައްޓައިގެން އިނުމަށްފަހު ދާރިޔާ ހިނިތުންވެލިއެވެ. ލަސްލަހުން ސޯފާއިން ތެދުވެ މާލިކުގެ ލޮލުން އޭނާގެ ކަޅި ވަކިކޮށްނުލައި ވަރަށް މަޑު ފަރި ހިނގުމެއްގައި އައިސް މާލިކުގެ ކުރިމަތީގައި ދެކަކޫ ޖަހައިގެން އިށީންދެއްޖެއެވެ.

ކޮޓަރީގައި ދިއްލާފައިހުރި ބޮކީގެ މަޑުއަލި ދާރިޔާގެ ހަށިގަނޑަށް އެޅިފައި ހުރިއިރު މާލިކުއަށް ދާރިޔާ ފެންނަނީ ވަރަށްވެސް ހުވަފެނީ ގޮތަކަށެވެ. ނޫކުލައިގެ ދިގުހެދުމުގައި ދާރިޔާ ހުރިއިރު މާލިކުއަށް ދާރިޔާ ސިފަވަނީ ފޮޅެމުންދާ ފިނިމަލެއްގެ ގޮތުގައެވެ. ކިތަންމެ ވަރަކަށް ދާރިޔާ އަށް ބެލިޔަސް މާލިކު ފޫއްސެއް ނުވާނެއެވެ. އޭނާ އަށްވުރެ ދާރިޔާ އެތައް ތަނެއް ހަގުއިރު ދާރިޔާ ފެންނަ ކޮންމެ ފަހަރަކު މާލިކުއަށް ހީވަނީ ބަގީޗާއެއްގެ ތެރެއިން ޕަރީއެއް ފެންނަހެނެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު މާލިކު ދެއަތް ދާރިޔާގެ ކަނދުރާ ވަށާލިއެވެ. ދާރިޔާގެ ދެއަތް މާލިކުގެ ފުރަގަހުން ގުޅުވާލިއެވެ.

"އަހަރެން މާލިކު ދެކެ ވަރަށް ލޯބިވޭ" ޖަޒްބާތީ އަޑަކުން ދާރިޔާ ބުނެލިއެވެ.

މިރޭ އޭނާގެ މަޅީގައި މާލިކު ކިތަންމެ ރަނގަޅަށް ޖައްސަންވެސް އޭނާ ބޭނުންވެއެވެ. އެކަން އެދަނީ ކާމިޔާބު ވަމުންނެވެ.

މާލިކުގެ ކޮޓަރީގެ އަލި އެއްކޮށް ފަނޑުވަންދެން ހަކީމް ހުރީ ސިޓިންގްރޫމު ތެރޭގައި ބަލަހައްޓައިގެންނެވެ. އަވަހަށް އަމީނާ ކޮޓަރިން ކަރަންޓު ދުއްވާލުމަށްފަހު ގޭގެ މައިދޮރު ހުޅުވާލިއެވެ. (ނުނިމޭ)