1440 ވަނަ އަހަރުގެ ހދ. އަތޮޅު ގުރުއާން މުބާރާތުން ވަނަ ވަނައަށް އައި ދަރިވަރުންނަށް ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ތަށި ހަވާލުކޮށްދެއްވައިފި އެވެ.
މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ނެއްލައިދޫގައެވެ.
ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު ނެއްލައިދޫގައި ބޭއްވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މުޅި މުބާރާތުން ވަނަވަނައަށް އައި ރަށްތަކަށާއި ދަރިވަރުންނަށް އިނާމް ހަވާލުކޮށްދެއްވާފައެވެ. އަދި އެކި އުމުރުފުރާތަކުން ވަނައަށް އައި ދަރިވަރުންނަށް ވެސް އިނާމް ހަވާލުކޮށްދެއްވިއެވެ. އަތޮޅުގެ 11 ރަށަކުން 132 ދަރިވަރަކު ބައިވެރިވި މި މުބާރާތުގައި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރު އިމްރާނެވެ.
މިއަހަރު މުޅި މުބާރާތުން އެއްވަނަ ހޯދީ ނޮޅިވަރަމެވެ. މިއީ މިމުބަރާތުން ނޮޅިވަރަމް އެއްވަނަ ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން ވިދިވިދިގެން ފަސް އަހަރު މުބާރާތުން އެއްވަނަ ހޯދާފައިވަނީ ވައިކަރަދޫއެވެ. މިފަހަރު ވައިކަރަދޫއަށް ލިބިފައިވަނީ މުޅި މުބާރާތުން ތިންވަނަ އެވެ. ދެވަނައަށް ދިޔައީ މަކުނުދޫއެވެ.
މުޅި މުބާރާތުން ދެ ގޮފި ވަކިން އެއްވަނަ ހޯދި ދަރިވަރުންގެ ތެރެއިން އެންމެ ޝަރަފްވެރި އެ ދެ މަގާމު ހޯދި ދަރިވަރުންނަށް ވަނީ ޓްރޮފީގެ އިތުރުން ނެއްލައިދޫ، އޭއައިއޭ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އައި ސެވަން ކޮންސްޓްރަކްޝަނުން ދޭ އުމްރާ ދަތުރު ދީފައެވެ.
އުމްރާ ދަތުރު ލިބިފައިވަނީ، ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރި މަކުނުދޫ ސްކޫލުގެ ދަރިވަރު ރާޔާ އަންވަރު، ގ.ނިޔާމަ މާލެ އެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ކާމިޔާބުކުރީ ހަނިމާދޫ ސްކޫލުގެ ދަރިވަރު އާޔާ އަލީ، މިޔުރެކްސް އެވެ.
އެކި އުމުރު ފުރަތަކުން ވަނަ ހޮވިއިރު މުބާރާތުން އެންމެ މޮޅު 16 ދަރިވަރުން ހޮވާފައިވެއެވެ.