މުނިފޫހިފިލުވުން

ކްރިތީއަށް އެންމެ ކަމުދާ ކަސްރަތުތަކަކީ ކޮބައިކަން އެނގޭތަ؟

ފިލްމު "މިމީ" ކުޅުމަށް 15 ކިލޯ ބަރުވާން ޖެހުމުން ބަތަލާ ކްރިތީ ސާނޮންގެ ފިޓްނަސް ދަތުރަށް ބޮޑުތި ބަދަލުތަކެއް ވަނީ އައިސްފައެވެ.

ފިލްމު ނިމުމާއެކު އޭނާ ވަނީ ބަރުދަން ލުއިކޮށް ކުރިން ހުންނަ ގޮތަށް ހަށިގަނޑު ބައްޓަންކޮށްފައެވެ. އޭނާގެ މީސްމީޑިއާ އެކައުންޓް ތަކުގައި ކަސްރަތާ ގުޅޭ އެކި ޕޯސްޓްތައް ކުރި ނަމަވެސް އޭނާގެ ހަށިގަނޑާ އެންމެ ގުޅޭ، އެންމެ ކަމުދާ ކަސްރަތުތަކަކީ ކޮބައިކަން އޭނާ މިވަނީ ހާމަކޮށްފައެވެ.

ކްރިތީ ބުނިގޮތުގައި އެންމެ މުހިންމީ ވެއިޓް ޓްރެއިން ހެދުމެވެ. އެއާއެކު 30 ސިކުންތުގެ ހައި އިންޓެންސިޓީ ކަސްތަރުތައް ކުރުން ވެސް މުހިންމެވެ. އެއީ ހައި އިންޓެންސިޓީ އިންޓަވަލް ޓްރެއިން ސްޓައިލުގައެވެ.

އޭނާ ބުނިގޮތުގައި އެހާ ފަސޭހައިން އަވަހަށް ބަރުދަން ލުއި ކުރުމަށް ކާޑިއޯއާ އެކު އެ ކަންކަން ގަވައިދުން ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޔޯގާ، ފްލެކްސިބިލިޓީ ކަސްރަތު އަދި މެޑިޓޭޝަންވެސް އޭނާގެ ރޫޓިންގައި ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

ކްރިތީގެ މިދަތުރަކީ ގޮންޖެހުތަކާއެކު ކޮށްފައިވާ ދަތުރެކެވެ. ފިލްމު މިމީ ނިމި ބަރުދަން ލުއި ކުރަން އޭނާއަށް ޖެހުނީ ކޮވިޑުގެ ދުވަސްވަރެވެ. އެހެންކަމުން އެމަސައްކަތް އޭނާ ފެށީ ގޭގައެވެ. އޭރު އޭނާއާ ދިމާވި ތިން ޓްރެއިނަރުންނާ މެދު ހިތްހަމަ ޖެހި ފިޓްނަސްއަށް އުފެދުނު ލޯތްބެއްގެ ސަބަބުން އެމީހުނާ އެކު އޭނާ ވަނީ ވިޔަފާރިއެއްވެސް ފަށައިފައެވެ. ވާޗުއަލްއަށް ކަސްރަތު ވޯކްޝޮޕްތައް ހިންގުމާއި ޑައިޓް ޕްލޭންތައް ހަދައިދިނުމަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބްރޭންޑަށް ކިޔާ ނަމަކީ "ދަ ޓްރައިބް" އެވެ.

ޗީޓް މީލްސް ގަބޫލު ނުކުރާކަން ހާމަކުރަމުން ކްރިތީ ބުނިގޮތުގައި އޭނާ ގަބޫލު ކުރަނީ ހަށިގަނޑަށް ބޭނުންވާ ކެއުންތައް ބެލެންސްކޮށް ކެއުމަށް ކަމަށެވެ.

މިއަހަރު އެންމެ ފަހުން ކްރިތީގެ ފެނިފައިވަނީ ވަނީ ޓައިގާ ޝްރޮފްއާއެކު ކުޅުނު ފިލްމު "ގަނަޕަތް" އެވެ. "ހައުސްފުލް 5" އާއި ކަރީނާ ކަޕޫރު ޚާނާއެކު ކުޅޭ ފިލްމު "ދަ ކްރޫ" އަދި "ކިލް ބިލް" ގެ ހިންދީ ރީމޭކުން މިއަންނަ އަހަރު ކްރިތީ ފެނިގެންދާނެއެވެ.

ކްރިތީއަށް މިއަހަރު ވަނީ ފިލްމު މިމީގައި އޭނާ ކުޅެފައިވާ ރޯލަށް ގައުމީ އިނާމުވެސް ލިބިފައެވެ.