މުނިފޫހިފިލުވުން

އަހަރެންގެ ހަރަދުތައް ބަލަހައްޓަނީ މަންމަ، މަހުން މަހަށް ދެނީ އެލަވަންސެއް: ކާތިކް

ބޮލީވުޑް ތަރި ކާތިކް އާރްޔަން އިއްޔެ ވަނީ 33 ވަނަ އުފަންދުވަސް ފާހަގަކޮށްފައެވެ.

ފިލްމު ކޮމްޕެނިއަންއަށް އޭނާ ދިން އިންޓަވިއުގައި ބުނެފައިވާ ގޮތުގައި ބޭންކް ބެލެންސް ބަލަން އޭނާއަކަށް ނޭނގެއެވެ. އެއީ އޭނާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ މަންމަ ކަމަށްވާތީ ކަމަށާއި އެހެންވެ އެކަންޓުގައި ރުފިޔާ ހުރިކަމެއްވެސް ނޫނީ ހުރި ވަރެއްވެސް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

ކާތިކް ބުނީ، އޭނާގެ އުފަން ދުވަހަށް ކާރެއް ގަންނަން ބޭނުންވެގެން މަންމަ ގާތު ބުނި ކަމަށާއި ނަމަވެސް އޭނާގެ އެކައުންޓުގައި ރުފިޔާ ނެތް ކަމަށް ބުނެ އެކަމަށް މަންމަ އިންކާރު ކުރި ކަމަށެވެ.

ކާތިކް އިތުރަށް ބުނީ، ކުރިން ލިބޭ މިންވަރަށްވުރެ އިތުރަށް އޭނާއަށް ހަރަދު ކުރެވޭ ކަމަށެވެ. ނަމަވެސް އޭނާ ގޯސްމަގަކުން ދިއުމަށް ނޭދޭތީ މަންމަ އޭނާއަށް ކޮންމެ މަހަކު 'ޕޮކެޓް މަނީ' ދޭ ކަމަށް ބުންޏެވެ.

ކާތިކްގެ މި އިންޓަވިއު ވައިރަލްވުމާ ގުޅިގެން އޭނާއަށް ފާޑުކިޔުން ދަނީ އަމާޒުވެގެންނެވެ. އެއްބަޔަކު ބުނާގޮތުގައި 33 އަހަރުވާއިރު އަމިއްލައަށް ހަރަދުތައް ނުބެލޭކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެކަންކަން ޕްރޮމޯޓް ކުރާކަށްވެސް ނުވާނެ ކަމަށެވެ. އަދި ބައެއް މީހުން ވަނީ ކާތިކް އިންނަ މީހަކާ މަންމައާ ގިނަ މައްސަލަތަކެއް ޖެހޭނެ ކަމަށްވެސް ބުނެފައެވެ.

ކާތިކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ކަބީރު ޚާންގެ 'ޗަންދޫ ޗެމްޕިއަން' އިންނެވެ. މީގެ އިތުރުން 'ބޫލް ބުލައްޔާ 3' އަދި 'އާޝިގީ 3' ގެ މަސައްކަތްވެސް ކުރިއަށް އެބަހުއްޓެވެ.