މަގްބޫލު ފްރެންޗައިޒް ފިލްމު ސިންގަމްގެ ތިންވަނަ ބައި 'ސިންގަމް އަގެއިން'ގައި ފިލްމުގެ ބަތަލު އަޖޭ ދޭވްގަންގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.
ފިލްމުގެ ޑައިރެކްޓަރު ރޯހިތް ޝެޓީ އޭނާގެ އިންސްޓަގްރާމުގައި އެ ޕޯސްޓަރު ހިއްސާކޮށް ޅެންބައިތަކާއެކު، އެންމެންގެ ފޭވަރިޓް ފުލުސް ސިންގަމްގެ އެނބުރި އައުން ކަމުގައި ބުނެފައިވެއެވެ.
ޕޯސްޓަރުގައި އަޖޭ ފެނިގެންދަނީ ރުޅިއައިސްފައި ހުއްޓައެވެ. އަދި އޭނާގެ ފަހަތުން ރުޅިގަދަ ސިންގާއެއްވެސް ފެނެއެވެ.
ފިލްމުގެ އިތުރު ތަރިންގެ ތެރޭގައި ކަރީނާ ކަޕޫރު ޚާން، ދީޕިކާ ޕަޑުކޯން، އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް އަދި ރަންވީރު ސިންގު ފެނިގެންދާނެއެވެ.
2011 ގައި ރިލީސްކުރި ސިންގަމްގެ ފުރަތަމަ ފިލްމުގައި ލީޑް ރޯލުން ފެނިފައިވަނީ ކާޖަލް އަގަރްވާލާއި ޕްރަކާޝް ރާޖެވެ. އެއަށް ފަހު 2014ގައި އޭގެ ދެވަނަ ބައި 'ސިންގަމް ރިޓާންސް' ނެރުނެވެ. މި ދެ ފިލްމުވެސް ވަނީ ބޮކްސް އޮފީހުގައި ހިޓް ފިލްމުތަކަށްވެފައެވެ.
ސިންގަމް އަގެއިން ރިލީސްކުރަން ހަމަޖައްސާފައި ވަނީ 2024ގެ އިންޑިއާގެ މިނިވަން ދުވަހުއެވެ.