މުނިފޫހިފިލުވުން

ސާރާގެ ފިލްމު "އޭ މެރީ ވަތަން"ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި

ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް ސާރާ އަލީ ޚާން ލީޑުން ފެނިގެންދާ ފިލްމު 'އޭ ވަތަން މޭރާ' ގެ މޯޝަން ޕޯސްޓަރު ދައްކާލައިފިއެވެ. އެކަން އެދެމީހުން އެކުގައި ކުރީ ގޯއާގައި ބޭއްވި އިންޑިއާގެ 54 ވަނަ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައެވެ.

މީގެ އިތުރުން އެ މީހުން ވަނީ މީސްމީޑިއާގައިވެސް އެ ޕޯސްޓަރު ހިއްސާކޮށްފައެވެ.

ޕޯސްޓަރުން ފެންނަނީ ޒުވާން އަންހެން ކުއްޖަކު (ސާރާ) ކުޑަކޮށް އަނދިރިކޮށް ހުރި ކޮޓަރިއެއްގައި ރޭޑިއޯއެއް ކަހަލަ ޑިވައިސަކާއެކު އިންނަތަނެވެ. އޭނާގެ މޫނުމަތީން ހާސްކަން ފެންނަން ހުރެއެވެ. މި ޕޯސްޓަރު ވައިރަލްވުމާއެކު އެކި ފޭނުންގެ ފަރާތުން އެކިކަހަލަ ކޮމެންޓުތައް ދަނީ ކުރަމުންނެވެ.

މި ފިލްމަކީ 1942ގައި އިންޑިއާގައި ކުރިއަށް ދިޔަ ކުއިޓް އިންޑިއާ މޫވްމަންޓާ ގުޅޭގޮތުން އުފައްދާ ފިލްމެކެވެ. އެއީ ޒުވާނުންތަކެއް އިންޑިއާގެ މިނިވަންކަމަށް ކުރި ދަތުރެކެވެ.

ފިލްމުގައި ސާރާ ކުޅެނީ މިނިވަންކަމަށް މަސައްކަތްކުރި އެކަކު ކަމަށްވާ އުޝާ މެހެތާގެ ރޯލެވެ. ފިލްމު ރިލީސް ކުރާނީ އެމެޒޮން ޕްރައިމްގައެވެ.