މަޝްހޫރު ލަވަކިޔުންތެރިޔާ ހައްވާ އަޝްރާ އާއި އޭނާގެ ލޯބިވެރިޔާ ހަސަން ނަޒީހުގެ މައްޗަށް ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު "ވަން އޮންލައިނަށް" ވިދާޅުވީ އެ މައްސަލައިގެ ހުކުމް އިއްވީ މިމަހުގެ ތެރޭގައި ކަމަށެވެ. އެ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ސާބިތުނުވާކަމަށް ހުކުމް ކޮށްފައިވާ އިރު، ކުއްލިގޮތަކަށް މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ހުކުމް އިއްވީ ގާޒީ އިސްމާއީލް ރަޝީދެވެ. އަދި އެ މައްސަލައިގެ ހުކުމް އިއްވީ ކްރިމިނަލް ކޯޓުގެ ތާވަލުގައި ވެސް ނުހިމަނައި ވަރަށް ސިއްރުން ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
އަޝްރާ އާއި އޭނާގެ ލޯބިވެރިޔާގެ މައްޗަށް އެ ދައުވާ އުފުލީ 2016 ވަނަ އަހަރުގެ އޮގަސްޓު އަށް ވަނަ ދުވަހު އެ ދެ މީހުން ތިބި ކޮޓަރި ތެރެއިން މަސްތުވާތަކެތި ފެނުމާ ގުޅިގެންނެވެ. އެ ދުވަހު މެންދުރުފަހު 3:30 ގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ކޮޓަރި ވެސް ބަލައި ފާސްކޮށްފައެވެ. ފުލުހުން ކޮޓަރިއަށް ވަން އިރު އަޝްރާ އާއި އޭނާގެ ލޯބިވެރިޔާ ވެސް ކޮޓަރީގައި ތިއްބެވެ.
އަދި އެ ކޮޓަރި ތެރެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ އިރު، އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ކަނޑައެޅުމަށް ވެސް ދައުލަތުން ކުރި ދައުވާގައި އެދުނެވެ.