ބޮލީވުޑްގެ ސުޕާސްޓާރު ސަލްމާން ޚާން އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެ އުމުރު ފުރައިގައި މިހާރު ހުރި ހަމައެކަނި ބެޗަލާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އުމުރުން 53 އަހަރު ވެފައިވާ އިރު ސަލްމާން އަދިވެސް ހުންނަނީ ވަރަށް ޒުވާންކޮށެވެ.
ސަލްމާން އަދި މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާއިރު މިހާރުވެސް ހުރީ ހުސްކޮށް މީހަކާ ރައްޓެހިވެސް ނުވެއެވެ. އެހާ ގިނަދުވަސް ވެފައިވާއިރުވެސް ސަލްމާން ކައިވެނި ކޮށްފައި ނުވާތީ ގިނަ ބަޔަކު އެކަމާ ސުވާލު އުފައްދައެވެ.
ސަލްމާންގެ އާއިލާއާއި ގުޅުން އޮންނަ މީހަކު ދިން އިންޓަވިއުއެއްގައި ބުނީ ސަލްމާން އަކީ ވަރަށް އާއިލާ މީހެއް ކަމަށެވެ. އާއިލާއަށްޓަަކައި އޭނާ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނެ ކަމަށް އެމީހާ ވަނީ ބުނެފައެވެ. އެތައް ފަހަރު ކައިވެންޏަކާ ހަމައަށްގޮސް އާއިލާއަށް ދޭ މުހިއްމުކަން ބައިވެރިޔާއަށް ނުދެވިގެން މައްސަލަ ޖެހި ވަކިވާން ޖެހެނީ ކަމަށްވެއެވެ.
ސަލްމާންގެ އާއިލާއާ ގާތް މީހާ ބުނި ގޮތުގައި ސަލްމާން ގަބޫލު ކުރާގޮތުގައި ބައިވެރިއެއްގެ ސަބަބުން އާއިލާއާ ވަކިވާން ޖެހިގެން ނުވާނެ އެވެ. އާއިލާއާ އެކު ހޭދަ ކުރާ ވަގުތާ ދޭ ސަމާލުކަންވެސް ކުޑަ ކުރަން އޭނާ ބޭނުމެއް ނުވެއެވެ. އަދި އޭނާގެ އާއިލާއަށް އޭނާ ދޭހާ ސަމާލުކަން ދެވޭނެ ވަރުގެ މީހެއްވެސް މިހާތަނަށް އޭނާއަށް ދިމާވެފައި ނުވުމަކީ މިވަގުތުވެސް ސަލްމާން ސިންގަލްކޮށް ހުރުމުގެ އެއް ސިއްރެވެ.
ސަލްމާން ދިރިއުޅެނީ ބަންޑްރާ ގެލެކްސީ އެޕާޓްމަންޓެއްގައި އޭނާގެ މައިންބަފައިންނާ އެކުއެވެ. އޭނާގެ ހަތަރު ކޮއްކޮ ތިބޭއިރު އެއިން ކޮންމެ މީހަކަށްވެސް ސަލްމާން ދޭ ސަމާލުކަން ކުޑައެއް ނޫނެވެ. ސަލްމާންގެ ކޮއްކޮމެންގެ ތެރޭގައި އަރްބާޒް ޚާން، އަލްވިރާ ޚާން، ސޮހައިލް ޚާން އަދި އަރްޕިތާ ޚާން ހިމެނެއެވެ.