ރިޕޯޓް

އުމުރުން އެންމެ 7 އަހަރުގެ އީނާ ކެންސަރާ ހަނގުރާމަކުރަނީ، އާއިލާއިން އެދެނީ އެހީތެރިކަމަށް

ފާތިމަތު ލިޔުޝާ

ފުވައްމުލަކު، (ނަސީމީވިލާ) ވަފާ ހަސަން އާއި ނ. ހޮޅުދޫ (ދިލްބަހާރުގެ) އާދަމް ވަހީދުގެ 3 ކުދީންގެ ތެރެއިން 2 ވަނައަށް ލިބުނު އީނާ ބިންތް އާދަމް އަންނަނީ (ރަބްޑޯމަޔޯސާކޯމާ) ކެންސަރަށް ފަރުވާ ކުރަމުންނެވެ. އީނާ މި ބައްޔަށް ފަރުވާ ފަށަން ޖެހުނީ އުމުރުން އެންމެ 4 އަހަރުގައެވެ. ފުރަތަމަ ރިއްސަން ފެށީ ބުރަކަށީގަ އެވެ. ނަމަވެސް އޭރު ހެދި އެއްވެސް ޓެސްޓަކުން، އެމްއާރު އައި ނުވަތަ ސްކޭނަކުންވެސް ބައްޔެއް ހުރި ކަމުގެ ނިޝާނެއް ނުދެއްކިއެވެ.

އީނާގެ މަންމަ ބުނީ ތުއްތު އިރުވެސް އެހެން ކުދީންނާއި ވަކި ތަފާތެއް ނެތް ގޮތަކަށް ހެދިބޮޑުވަމުން އައި ކަމުގައެވެ. ނަމަވެސް ބުރަކަށީގެ ރިހުން ތަކުރާރުވެ، ކުޑަކުޑަ އީނާގެ އުނަގަނޑުން ތިރި ވާގި ނެތުމުން އައްޑޫއަށްގޮސް، އައްޑޫގައި 4 ވަރަކަށް ދުވަސް މަޑުކޮށްގެން ތިބުމަށް ފަހު އެމްއާރުއައިއެއް ހަދަން އުޅުނު ކަމަށެވެ.

ނަމަވެސް އައްޑޫގައި ކުޑަކުދީންގެ އެމްއާރުއައި ހެދޭ ސިއްހީ ނިޒާމު ނެތުމުން މާލެ އައިސް ޓްރީޓޮޕުން ހެދި އެމްއާރުއައިއިން އީނާ ކެންސަރަށް ޕޮޒިޓިވް ވެފައި ހުރިކަން ޔަގީން ވިއެވެ. އެ ހިސާބުން ފެށިގެން އީނާގެ ނާރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ނާރުތައް ރިލީޒް ކުރާށެވެ. މި އޮޕަރޭޝަންގެ ކަންތައް ފުރިހަމަ ކުރުމަށް ފަހު ދެން ފުރައިގެން ދިޔައީ އިންޑިޔާއަށެވެ.

ރާއްޖެއިން ބޭރުން ފަރުވާ ކުރަން ޖެހުމުން އަތުން ގިނަ ހަރަދުތަކެއް ކުރަން ޖެހުނެވެ. އަތުގައި ހުރި ހުރިހާ ފައިސާ އެކަމަށް ހަރަދުކުރިއެވެ. ކެންސަރު ބަލި މީހުންނާއި ކުދީންނަކީ ވަކީން ހާއްސަކޮށް ޖަރާސީމުތަކުން ރައްކަތެރިކޮށް ވަކި ކޮޓަރިއެއްގައި ފަރުވާ ދޭން ޖެހޭ ބަލި ކުދީންކަމުން އަބަދުވެސް އީނާއަށް ޕްރިވެޓް ރޫމެއް ނަގަން ޖެހުނެވެ. ކުރީން ޕްރިވެޓް ރޫމް ނުލިބިގެން އެހެން ބަލި މީހުންނާ އެކު އެއް ތަނެއްގައި ބާއްވަން ޖެހުމުން އިންފެޓްވެގެން އީނާގެ ބަލިހާލަތު އިތުރަށް ގޯސްވިކަމަށްވެސް އީނާ މަންމަ ފާހަގަކުރިއެވެ.

މިހާރު ގާތްގަނޑަކަށް 7 ވައްތަރުގެ ތެރަޕީތައް ދެވިފައި ހުންނާނެ ކަމަށް އީނާގެ މަންމަ "ވަން" އަށް ބުންޏެވެ. އިންޑިއާގައި އީނާ ގޮވައިން ހޭދަ ކުރަން ޖެހުނު ދުވަސް ތަކަކީ ބުރަ އަދި އަތްމަތި ހުސްވެ، ގޮތްހުސްވެވެގެންދާ ދުވަސްތަކެއް ނަމަވެސް އުންމީދު އޮތީ އީނާ ރަނގަޅު ކުރުމަށް ކަމުން ބޭނުންވަނީ ކޮންމެ ފަދަ ހާލެއްގައިވެސް އީނާގެ ބައްޔަށް ލުޔެއް ހޯދައިދިނުމަށެވެ. ކޮންމެ ފަދަ ގުރުބާނީއެއް ވާން ޖެހުނަސް މަސައްކަތް ކުރަނީ އެ މަގަށެވެ.

އިންޑިޔާއިން ކީމޯތެރަޕީ ރޭޑިއޯތެރަޕީ އަދި ޕިޒިއޯތެރަޕީވެސް ހެދި ކަމަށާއި މިހާރު އީނާއަށް ކުޑަކޮށް ހިނގޭކަމަށްވެސް އީނާގެ މަންމަ ބުނެޏެވެ. ނަމަވެސް ތަނެއްގައި އަމިއްލަޔަށް އިށީންދެ ހެދުމަކީ އެ ކުއްޖާއަށް އަދިވެސް ފަސޭހަކަމަކަށް ނުވެއެވެ. އަހަރެން ވާންދެން ކީމޯތެރަޕީ ކުރިއަށް ގެންދިޔައެވެ. ހުޅުމާލޭ ހޮސްޕިޓަލުން ދެއްކި ޑޮކްޓަރުގެ ލަފާގެ މަތީން އީނާ މިހާރުވެސް ކޮންމެ 3 މަހުން 3 މަހުން ކީމޯތެރަޕީ ހަދަން އިންޑިޔާއަށް ދާންޖެހެއެވެ.

ކީމޯ ދޭ ވަގުތަކީ އެކަމުން ގިނަ ސައިޑް އިފެކްޓް ތަކެއް އަންނަ ވަވުތެއްކަމުން، މަދުވެގެން 3 ދުވަހު އެޑްމިޓް ކުރަން ޖެހެއެވެ. އެކަމުން ނުކުންނަ ނަތީޖާ ގޯސްވެއްޖެ ނަމަ އެއަށްވުރެވެސް ގިނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާގެ ކަންތައް ކުރިއަށް ގެންދަން ޖެހިދާނެއެވެ.

"އިންޑިޔާގެ އެސްޓާ މެޑްސިޓީ ހޮސްޕިޓަލުން އީނާއަށް ފަރުވާ ކުރި ޑޮކްޓަރުން ބުނަނީ އެކީ ރަނގަޅު ނުވާނެ ކަމަށް. ބުނަނީ ކީމޯ ދީގެން ހަށިގަނޑަށް ލުޔެއް ލިބޭނެ ކަމަށް. އެއީ ހަށިގަނޑުގެ ބޮޑު ބައެއްގައި ކެންސަރު އަށަގެންފައި ވާތީ. އަދި މިހާރު ކީމޯއަށްވެސް ރެސްޕޮންޑް ނުކުރާތީ." އީނާގެ ބައްފަ ބުންޏެވެ.

ކީމޯ ހެދުމަށްފަހު 5 ދުވަސް ވަންދެން ޖަހަން ޖެހޭ އިންޖެކްޝަން ޖަހައިން ސްކޫލަށް ކިޔަވަން ގެންދެއެވެ. އީނާ އަކީ ހިތް އަލި ކިޔެވުމަށް މޮޅު ކުއްޖެއް ކަމަށް އީނާގެ މަންމަ ބުންޏެވެ. ބަލާ ބެލުމަށް އީނާއަކީ ކެންސަރު ބައްޔާއި ހަނގުރާމަކުރާ ކުއްޖެއްކަން ފާހަގަ ނުވާނެ ކަމަށްވެސް މަންމަ ފަހަގަ ކުރިއެވެ. އަދި އީނާއަކީ އެ ބަލީގައި ހިތްވަރު އެލުވައިނުލައި އަބަދުވެސް އެ ބައްޔާ އެކީ ދިރިއުޅެ އެ ބައްޔާ ހަނގުރާމަކުރާ ކުއްޖެއްކަން އީނާގެ މަންމަ ފާހަގަކުރިއެވެ.

އެހެން ކަމުން އޭނަ އަބަދުވެސް ކިޔަވަންދާން ބޭނުންވެއެވެ. އެހެނަސް މި ދުވަސްކޮޅު އެއްގަޑިއިރު ނުވަތަ ދެގަޑިއިރުކޮށްފައި އީނާ ބަލައި ސްކޫލަށް ދާން ޖެހެއެެވެ. ވަރުބަލިވާތީއެވެ. ސްކޫލުގައި އިށީނގެދެން އިންނަން އުނދަގޫވާތީއެވެ.

"ޑރ. އަމްރުވެސް ވިދާޅުވީ އެކަހަލަ ކެންސަރުގެ ބަލިތަކަށް ތައިލެންޑް ހިސާބުގައި ދޭ ފަރުވާ އިންޑިޔާއިން ދޭ ފަރުވާއަށްވުރެ ރަނގަޅު ކަމަށް. ކެންސަރަކީ ބައެއް ފަހަރު ކީމޯއިން ރެސްޕޮންޑު ނުކުރާ ފަރުވާއެއް ކަމަށް. އެހެންވެ މިހާރު މަސައްކަތް މި ކުރަނީ ތައިލެންޑަށް ދިއުމަށް" އީނާގެ މަންމަ ބުންޏެވެ.

އީނާގެ ބައްޔަށް ބޭސްކުރަން ލައިލެންޑް ކަހަލަ ގައުމަކުން މަދުވެގެން 34،000 (ތިރީސް ހަތަރުހާސް) ޑޮލަރުވަރު ބޭނުންވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އީނާގެ އާއިލާއިން ބުނެއެވެ. މިހާރުވެސް ކޮންމެ 3 މަހުން 3 މަހުން އިންޑިޔާއަށް ދެވެނީ ފަރުވާއަށް ބޭނުންވާ ހުރިހާކަމެއް އާސަންދައިން ހަމަޖެހޭތީ އެވެ. އަދި ރާއްޖެއިން ބޭރު ތައިލެންޑު ފަދަ ގައުމެއްގައި ހުރުމާއި ކެއިން ބުއިމުގެ ހަރަދުތައްވެސް އަގު ބޮޑުވާނެތީ، އާއިލާއިން ވަނީ ގޮތްހުސްވެފަ އެވެ.

އީނާގެ ހިތްވަރަކީ އީނާގެ ބެލެނިވެރިންގެވެސް ހިތްވަރެވެ. މީގެ ކުރީން މީހެއްގެ އެހީއަށް އެދިފައި ނުވިނަމަވެސް މިފަހަރު އެހީ ވަރަށް ބޮޑަށް ބޭނުންވާކަން އީނާގެ ބެލެނިވެރިން ބުންޏެވެ. އީނާގެ މުސްތަގުބަލަށްޓަކައި، ދެން ތިބި 2 ކުދީން މާމަ ކައިރީ ބޭތިއްބުމަށްފަހު، ވީހާވެސް އަވަހަކަށް ބޭސްފަރުވާއަށް ތައިލެންޑަށް ފުރުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރީން އާންމުންގެ އެހީއަށް ނޭދުނު ނަމަވެސް، މި ފަހަރު އާއިލާއިން މި ވަނީ އީނާގެ ފަރުވާއަށް ޓަކައި، އެހީއަށް އެދިފައެވެ. ވެދެވެން އޮތް ކިތަންމެ ކުޑަ ނަމަވެސް އެހީތެރިކަމެއް ވެދެއްވުމަކީ އާއިލާގެ އެދުމެވެ. އެއްވެސް އެހީއެއް ވެދެއްވެން ނެތް ނަމަވެސް، ހެޔޮ ދުއާ ކޮށްދިނުމަކީ އާއިލާގެ އެދުމެކެވެ.

ވަން އިން އެދެނީ އީނާ އަށް އަވަސް ޝިފާ އެވެ.

ނޯޓް؛ މި ރިޕޯޓަކީ އީނާއަށް އެހީވުމުގެ ބޭނުގައި ލިޔެފައިވާ ރިޕޯޓްއެކެވެ. އެހީވެދެއްވަން ބޭނުންވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުމަކީ އާއިލާއިން އެދޭ ގޮތެވެ. ބީއެމްއެލް އެކައުންޓް ނަމްބަރު: 7711435073101 ( ވަފާ ހަސަން ) ޑޮލަރު އެކައުންޓް ނަމްބަރު: 7730000348980 ( ވަފާ ހަސަން ) އިތުރު މައުލޫމާތު ހޯއްދެވުމަށް : 7999724 ވަފާ ހަސަން ( އީނާ މަންމަ)