ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 9

އަބްދުﷲ ފާރޫގް ހަސަން

(14 ނޮވެމްބަރުގެ އަދަދާ ގުޅޭ)

އެކަމަކު ޔަހޫދީންގެ ނުބައި ޠަބީޢަތަކީ އަރައިގެން އަންނަ އިރުގެ ފާން އަލިކަން ނުދެކޭންވެގެން ދެލޯމަރައި ތަގުޅިކުރުމެވެ. މާތް اللّــــه ގެ ނަބީބޭކަލުންނަކީ އިޢުޖާޒުގެ މަޤާމަށް ވާސިލުވެވަޑައިގެން ތިއްބަވާ ބޭކަލުންނެވެ. އެބޭކަލުން ނުހަނު އަފޫރުއްބަ ޢިލްމުވެރިކަމާއި ލާމަސީލު ފުރިހަމަ ޝަޚްޞިއްޔަތާއެކު ފާޅުކުރެއްވުމުން އެބޭކަލުން ފާހަގަނުކުރެވޭވަރަށް ލޯފަންވުމަކީ އިންސާނުންނާ އެކަށީގެންވާ ކަމެއްނޫނެވެ. އިންސާނުންނަށް އެބޭކަލުން ފެނެއެވެ. ފާހަގަކުރެވެއެވެ. އެނގެއެވެ. އެހެންކަމާއެކުވެސް ފާސިދުން ދެލޯ މަރައިލަނީއެވެ. އެބޭކަލުންގެ ނޫރާނީ އަލިކަން ލޮލުގެ ރަވަ ފަހަނަޅައި އެތެރެޔަށް ވާސިލުވާން ފެށުމުން ލޯމަތީގައި ފޮތި ބަންނަނީއެވެ. ދެއަތްތިލައިން ބާރުކުރަނީއެވެ. އަލި ވަނަނުދިނުމަށްޓަކައި ތިމާމެންގެ ކޮޓަރިތަކުގެ ކުޑަދޮރުތައް ލައްޕައި ކަޅު ފަރުދާ ދަމަނީއެވެ. ނިދައިފައި ތިބޭބަޔަކަށް ހެދިގަންނަނީއެވެ. ނިދައިފައި ތިބޭއިރުކަމެއް މޭރުމެއް ނުވާނެކަމުގައި ބަލައިގެންނެވެ. ހޭލައިތިބި ބަޔަކު އިތުރުން ހޭލެއްވޭނީ ކިހިނަކުންތޯއެވެ؟ އެފަދައިން ނުދެނެތިބިކަމުގައި ހެދެނީއެވެ. ދެނެތިބި ބަޔަކު ނުދެނެތިބިކަމުގައި ހެދިގަތުމުން އެބަޔަކު ޖާހިލުކަމުގެ ދުނިޔެއިން ބޭރަކަށް ނުނެރެވޭނެއެވެ. ޔަހޫދީންގެ ޢާލިމުން ތިބީ އެގޮތުގައެވެ. ޚާއްޞަކޮށް އެބައިމީހުންގެ ބޮޑެތި ޙިބުރުން ތިބީ އެދަރަޖައިގައެވެ. އެބައިމީހުން ފަހުޒަމާނުގެ ނަބިއްޔާ ރަނގަޅަށް ދަނެއެވެ. އެބައިމީހުންނަށް އެބައިމީހުންގެ ދަރީން އެނގޭފަދައިންނެވެ. (الأنــعـــام: 20) ނަމަވެސް އެނަބިއްޔާގެ ދަރަޖަމަތިވެރި މަޤާމާމެދު އެބައިމީހުންނަށް ޙަސަދަވެރި ވެވެނީއެވެ. ޔަހޫދީންގެ ޢާންމުންނާއި މަދީނާގެ ޢަރަބީން އެ ނަބިއްޔާގެ ބަސްފުޅު ތެދުކޮށް އިސްލާމްވަމުންދާ މަންޒަރު ފެނުމުން އެބައިމީހުންގެ ލަގޮނޑިއަށް ކެތްނުވަނީއެވެ. ޙަސަދައާއި ނީހައިގެ ސަބަބުންނެވެ.

ޖަދަލުކުރުމުގެ ސުވާލުތައް

ހަރުދަނާ ދަޢުވަތަކާމެދު ނުވަތަ އާރުލަމުންދާ ތަޙްރީކަކާ ބެހޭގޮތުން ނުވަތަ ޤަދަރުވެރި ދާޢީއަކާމެދު "ފާސިދު ދީންވެރި" ބައެއްގެ ހިތްތަކުގައި ހަސަދައާއި ނީހަ އުފެދި އަށަގެންފިކަމުގައިވާނަމަ ޙައްޤު ގޮތް ވިސްނައިގަތުމާއި ޤަބޫލުކުރުމުގެ ދޮރު އެބައެއްގެ ކުރިމަތީގައި ބަންދުވެދެއެވެ. އެބަޔަކަށް ދެން ހުޅުވައިލެވެނީ ޖަދަލުކުރުމުގެ މައިދާނެވެ. ޖަދަލުކުރުމުގެ ރޫޙުގައި އުފައްދަނީ ޝައްކާއި ވަހްމު އުފެއްދުމުގެ ސުވާލުތަކެވެ. އެބައިމީހުންގެ މަޤްޞަދަކީ އެއްވެސް ޙާލެއްގައި ކަމެއް އޮޅުންފިލުވުމެއް ނޫނެވެ. ޙަޤީޤަތް ދެނެގަތުމެއް ނޫނެވެ. އެބައިމީހުން ޖަދަލުކުރާން އަންނައިރުވެސް އެބައިމީހުންގެ ޝިޢާރަކީ "އަހަރެން ޤަބޫލެއް ނުކުރާނޫއެވެ." މި ޝިޢާރެވެ. މަޤްޞަދަކަށް އޮންނަނީ ޙައްޤަކީ ކޮބައިކަމާމެދު އަޑުއަހާ ޢާންމުންގެ ހިތްތަކުގައި ޝައްކާއި ވަހްމު އުފެއްދުމެވެ. ޙައްޤު ޤަބޫލުކުރުމުގެ ފިޠުރީމަގުން ޢާންމުން އެއްކިބާކުރުވައި ޝައްކާއި ވަހްމާއި ދެފުށުއެޅުމުގެ ކަށިކުނބުރު ވަލަކަށް ވައްދައިލުމެވެ. ސާދާ ދަލީލުތަކުގެ ބަދަލުގައި ޢާންމުންނަށް ވިސްނައިނުގަނެވޭ ޒާތުގެ ނަޒަރީ ބަހުސުތަކުގެ ތެރޭގައި އޮޅުވައި ވާވައްދައިލުމެވެ. އެބައިމީހުންގެ މަޤްޞަދަކީ ތެދުމަގަށް ގޮވައިލެވޭ ގޮވައިލުމުގައި ހިމެނޭ ބުއްދީގެ ހަމަތަކާއި މަތިވެރި އަގުތަކާއި އަޚްލާޤީ އަސަރުތައް ވަޒަންކުރުމުގެ ބަދަލުގައި މީހުންނަށް މަގުއޮޅޭޒާތުގެ "ޓެކްނިކަލް" މައްސަލަތަކުގައި ހައްޔަރުކުރުވުމެވެ. ޙައްޤުގެ ދަޢުވަތުގެ ޞަރީޙަކަމާއި ދަލީލުތަކުގެ ވަރުގަދަކަމާއެކުވެސް ބާޠިލުގެ މަގުން ތިމަންމެންގެ ފައިތިލަތައް ގުޑުވައިނުލެވޭނެކަން ޔަހޫދީންގެ ޢުލަމާއުއްސޫއުންނަށް އެނގެއެވެ. އެބައިމީހުން ބިރުގަންނަނީ ޢާންމުން ތިމާމެންގެ ކެހިވެރިކަމުގެ ވަށައިފުޅަފުގެ ތެރެއިން ބޭރުވެދާނެތީއެވެ. އެކަމަށްޓަކައި ޢާންމު ވިސްނުން ނުފޯރާ ޒާތުގެ ސުވާލުތަކުން ފީއިލޮށީގެ ބާޑީ ހަދަނީ އެހެންވެގެންނެވެ. ޔަހޫދީންގެ ޢުލަމާއުއްސޫއުންނަށް އެނޫނީ ދެން އިތުރަށް ކުރެވޭނީވެސް ކޮންކަމެއްތޯއެވެ؟

عـبــداللّـــه بـــن ســـلام رضـــى اللّـــه عــنـــه އިސްލާމްވެވަޑައިގެންނެވުމުން ޔަހޫދީންގެ ދީނީ މީހުންވަނީ ޖަދަލުކުރުމުގެ މަޢުރިކާ ހިންގުން ގިނަކުރާން ވަރަށްބޮޑަށް ސަމާލުކަން ދީފައެވެ. މާނައެއްނެތް ބަހުސުތަކުގެ ތުރުކަސް ހުޅުވައިލައި މަންޠިޤިއްޔަތުގެ ތީރުން އިސްލާމީ ތަޙްރީކަށް ޙަމަލަދޭން ފަށައިފައެވެ. އެކަމަކު އެ "ހަނގުރާމަވެރި" ޢަމަލުތައްވެސް ހިންގަމުން ގެންދިޔައީ ސީދާ ކުރިމަތިލައިގެނެއް ނޫނެވެ. މުނާފިޤުކަމުގެ ތެރެއިންލައިފައެވެ. ޔަހޫދީންގެ މުއްލާއިން މާބޮޑު ތަޤްވާވެރި ބަޔަކުކަމުގައި ހެދިގެން މުސްލިމުންގެ ބައްދަލުވުންތަކުގައި ބައިވެރިވެއެވެ. އެބައްދަލުވުންތަކުގައި ތިބެފައި ނޫންކަމުގައި ހެދިގެން ދީނާމެދު ޝައްކު އުފެދޭކަހަލަ ޖަދަލުގެ ބަހުސުތައް ހުޅުވާލަނީއެވެ. މިގޮތުން ކުރާ ސުވާލުތަކުގެ ތެރޭގައި ޚުދު މާތް اللّــــه سبحـــانــــه وتــعــــالــــى ގެ ޒާތުފުޅާ ބެހޭގޮތުންވެސް ނުރަނގަޅު އަދި އެހައިމެ އަދަބުކުޑަ ސުވާލު ކުރާކަށެއް ފަހެއް ނުޖެހެއެވެ.

ޚުދު ޔަހޫދީންނަކީވެސް އަރަހުށި މާތް اللّــــه ގެ ރަސްކަންފުޅަށް އީމާންވާކަމުގައި ދަޢުވާކުރާ ބައެކެވެ. އެކަލާނގެ ފޮނުއްވި އެތަކެއް ނަބީބޭކަލުން ޤަބޫލުކުރާކަމުގައި އެމީހުން ބުނެއެވެ. ތިމަންމެންނަކީ އެކަލާނގެ ބާވައިލެއްވި ފޮތްތަކަކާއި ޞުޙުފުތަކެއްގެ ބެލެހެއްޓުންތެރީންކަމުގައި ދެކެއެވެ. ޔަހޫދީން އެބައިމީހުންގެ ޖަދު ފެށުނީއްސުރެވެސް اللّــــه سبحـــانــــه وتــعــــالــــى ގެ ޒާތުފުޅާއި އެކަލާނގެ ސިފަފުޅުތައް ދަނެއެވެ. އެކަމަކު އިސްލާމްދީން އެމަތިވެރި ޒާތުފުޅަށް ދަޢުވަތު ދިނުމުން ޔަހޫދީން އެކަލާނގެ ޒާތުފުޅާއި ސިފަފުޅުތަކާމެދު އިޢުތިރާޟުގެ ސުވާލުތައް އޮއްސައިގަންނަނީ އައު މުސްލިމުންގެ ހިތްތަކުގައި ޝައްކު އުފެއްދުމުގެ ބޭނުމުގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެފަދަ ސުވާލުތަކަށްވެސް ނުހަނު ސާދާކޮށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.

ތިރީގައި މިދަންނަވަނީ ޔަހޫދީންގެ އިސް ޙިބާރުންގެ ޖަމާޢަތެއްގެ މީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އައިސް އިސްވެދެންނެވި މޭރުމުން ހުށަހެޅި ސުވާލުތަކެކެވެ. އެބައިމީހުން ދެންނެވިއެވެ. "އަޅުގަނޑުމެން މިކުރާ ހަތަރު ސުވާލުގެ ޖަވާބު ދެއްވާށެވެ. އޭރުން އަޅުގަނޑުމެން ކަލޭގެފާނުގެ ދަޢުވަތު ޤަބޫލުކުރާނޫއެވެ. ކަލޭގެފާނަށް ބޯލަނބައި އީމާންވާނޫއެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޖަވާބު ދެއްވިއެވެ. "ތިޔަ ޢަހްދުގެ ޒިންމާއޮތީ ތިޔަބައިމީހުންނަށެވެ. ބޭނުން ކޮންމެ ސުވާލެއް ކުރާށެވެ." އެމީހުން އެދުވަހު ކުރި ސުވާލުތައް ބަޔާންކުރުމުގެ ކުރީން ވިސްނައިވަޑައިގަންނަވާން ދަޢުވަތު އަރުވަމެވެ. އެބައިމީހުން އެދުވަހު ކުރި ސުވާލުތަކަކީވެސް އިސްލާމީ ތަޙްރީކުގެ ގޮތްބާވަތް ދެނެގަތުމަށްޓަކައި މަޢުޤޫލް (ހަމަޤަބޫލުކުރާ - ރީޒަނަބަލް) ބަޔަކު ކުރާނޭކަހަލަ ސުވާލުތަކެއް ނޫނެވެ. ޝައްކެއްނެތެވެ. ޙަޤީޤަތް އޮޅުންފިލުވުމުގެ ބޭނުމުގައި ސުވާލުކުރާ ބަޔަކު ކުރާނީ އިސްލާމީ ތަޙްރީކުގެ ޙަޤީޤަތް ދެނެގަތުމުގެ ސުވާލުތަކެވެ. އިސްލާމީ ތަޙްރީކުގެ އަޚްލާޤީ އަގުތަކާ ގުޅުންހުރި ސުވާލުތަކެވެ. އެ ތަޙްރީކުގެ ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ ފޭރާން ހެޔޮކަން ނުވަތަ ދެރަކަން ދެނެގަތުމުގެ ސުވާލުތަކެވެ. މުސްލިމަކަށް ވެވޭނެގޮތާއި އެކަމުގެ ޝަރްޠުތަކާއި މުސްލިމަކަށްވުމުން ލާޒިމުވާ ކަންކަމާބެހޭ ސުވާލުތަކެވެ. އިންސާނީ ޙަޔާތާ ގުޅުންހުރި ޢިލްމީ އެހެނިހެން މައްސަލަތަކާ ގުޅުންހުރި ސުވާލުތަކެވެ. އެކަމަކު އެފަދަ ސުވާލުތަކާމެދަކު އެއުރެންގެ ޝައުޤުވެރިކަމެއްނެތެވެ. އެބައިމީހުންގެ ސުވާލުތައް ބިނާކުރީ އެބައިމީހުންގެ ޢިލްމުވެރިކަމާއި ފަރާސަތު ދައްކައިލުމުގެ މައްޗަށެވެ. އެބައިމީހުންގެ ސުވާލުތަކަކީ:

1. ދަރިފުޅު މަންމަޔާ ވައްތަރުވަނީ ކީއްވެގެންތޯއެވެ؟ އޭނާ އުފެދިގެން އަންނަނީ ބައްޕަގެ ނުޠުފާއިންނެވެ.

2. (ނަބީބޭކަލެއް ކަމުގައިވާނަމަ) ކަލޭގެފާނުގެ އަވަހާރަފުޅު ލެއްޕެވުމުގެ ކަންތައް ހުންނަނީ ކޮންގޮތަކަށްތޯއެވެ؟

3. އިސްރާއީލުގެފާނު (يـعـقــــوب عــلــيـــه الـسّــلام) އެކަލޭގެފާނުގެ މައްޗަށް ޙަރާމްކުރެއްވީ ކޮންކޮން އެއްޗެހިތަކެއްތޯއެވެ؟ އެއީ ކީއްވެގެންތޯއެވެ؟

4. ރޫޙު (ވަޙީގެ މަލާއިކަތާ) އަކީ ކޮންބޭކަލެއްތޯއެވެ؟

މީގެތެރެއިން އިސްލާމީ ދަޢުވަތާއި އިސްލާމީ ތަޙްރީކާ ކުޑަވެސް އިލާގާއެއްހުރި ސުވާލަކީ ހަތަރުވަނަ ސުވާލެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނުހަނު މަޑުމައިތިރިކަމާ ސާބިތުކަމާއެކު އެންމެފުރަތަމަ ތިން ސުވާލަށް ޖަވާބު ދެއްވިއެވެ. ޔަހޫދީން الـلـــهـــمّ نــعـــــم (ތެދުފުޅެކެވެ. އޭ އަޅަމެންގެވެރި اللّــــه އެވެ!) އޭ ދަންނަވަ ދަންނަވައި ތިބީއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހަތަރުވަނަ ސުވާލުގެ ޖަވާބުގައި ޙަދީޘްކުރެއްވިއެވެ. ރޫޙަކީ - ވަޙީގެ މަލާއިކަތާއެވެ. ތިޔަބައިމީހުންނަށްވެސް ރަނގަޅަށް އެކަން އެނގޭނެއެވެ. އެއީ جــبـــــريـــل ގެފާނެވެ. އަހުރެންގެ ގާތަށް ވަޙީއާއިގެން ވަޑައިގަންނަވަނީ جــبـــــريـــل ގެފާނެވެ.

މި ސުވާލު ޖަވާބަށްފަހު ޔަހޫދީ ޙިބްރުންގެ ހިތްތައް އިސްލާމްދީނަށް ހުޅުވިގެންދިޔަކަމުގައި ތިޔަބޭފުޅުންނަށް ހީފުޅުކުރެއްވޭތޯއެވެ. ނޫނެކެވެ. އެއްގޮތަކަށްވެސް އެކަމެއް ނުވެއެވެ. ޔަހޫދީން ޖަވާބު އެރުވިއެވެ.

"އެކަމަކު އޭ محـمّــد އެވެ. (صـلّـــــى اللّــــه عــلـيــــه وسـلّـــــم) جــبـــــريـــل އަކީ އަޅުގަނޑުމެންގެ ދުޝްމިނެކެވެ. އެކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ފަހަރަކުވެސް ވަޑައިގަންނަވަނީ އަޅުގަނޑުމެންގެ މައްޗަށް މުސީބަތާއި ލޭއޮހޮރުވުމާއިގެންނެވެ. އެ މަލާއިކަތާގެ ދުޝްމިނުކަން މިދެމެދަށް ހުރަސްނޭޅިނަމަ އަޅުގަޑުމެން ކަލޭގެފާނާ ބައިވެރިވީމުސްކަން ކަށަވަރެވެ. ކަލޭގެފާނުގެ ފަހަތްޕުޅުން ކަލޭގެފާނުގެ ފައިތިލަފުޅުގެ ނިޝާން ބަލަމުން ހިނގީމުސްކަން ކަށަވަރެވެ." އާދެ، "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ދަޢުވަތަކީ ރަނގަޅު ދަޢުވަތެކެވެ. އެމާތް ސާހިބާ ގެންނަވަނީ ތެދުވެރި މެސެޖެކެވެ. އިސްލާމީ ތަޙްރީކުވެސް ބަރާބަރެވެ. އެކަމަކު މިދެމެދަށް މެދުވެރިކުރައްވައިފައިވާ މަލާއިކަތާ ޔަހޫދީންނަށް ކަމުނުދިޔައީއެވެ. އެހެންކަމުން އެ މަލާއިކަތާ ބައިވެރިވެވަޑައިގަންނަވާ ބަޔަކާ ޔަހޫދީންނަށް ބައިވެރިވެވޭން ނެތީއެވެ."

(ނުނިމޭ)