ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މި ސަރުކާރުގައި ހާލުގައި ޖެހުނީ ޒާތީ ގޮތުން ސަރުކާރުން ޖައްސާލުމުން ކަމަށް ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި އޭނާ ވަނީ އެފްއޭއެމްއަށް ދިމާވި ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. ބައްސާމަށް މިވަގުތު ޕްރެޝަރު ބޮޑުވެފައިވާ އިރު، އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. އެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން ބައްސާމް ވިދާޅުވީ އޭނާއަށް ދެވަނަ ދައުރުގައި އެންމެ ދަތިވީ ސަރުކާރުގެ އުނދަގޫ ބޮޑުވުމުން ކަމަށެވެ.
"އެންމެ ބޮޑު ގޮންޖެހުމަކީ ހަމަ ފައިސާގެ ދަތިކަން. 2019 ވަނަ އަހަރުން ފެށިގެން، އޭގެ ކުރީ އޮތް ސަރުކާރުން ކްލަބުތަކަށް އަހަރަކު ދެމުންދިޔަ ތިން މިލިއަން ރުފިޔާ، އެންގުމަކާ ނުލައި ހުއްޓާލި. އެ ހިސާބުން އެފްއޭއެމުން ނިންމީ އެ ފައިސާ އެފްއޭއެމުން ކްލަބުތަކަށް ދިނުމަށް. އެ ދުވަހު ނިންމި ނިންމުމަކީ ކްލަބުތަކަށް ކުއްލިއަކަށް ދެމުންގެންދިޔަ ފައިސާ އެއްފަހަރާ ހުއްޓާލުމުން ކްލަބުތަކަށް ދަތިވާނެތީ،" ބައްސާމް ޕްރޮގްރާމްގައި ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ އެފްއޭއެމްއަށް ރާއްޖެއިން ސްޕޮންސާޝިޕް ނުލިބި ދަތިވީ ސަރުކާރުގެ ތެރެއިން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ހާއްސަ ކަންތައްތަކެއް ކުރިއަށް ގެންގޮސްގެން ކަމަށާއި، އެކަމުގެ އުނދަގޫތައް ވަރަށް ބޮޑަށް އެފްއޭއެމްއަށް ކުރި ކަމަށެވެ. އޭގެ އިތުރުން ކޮވިޑް 19 އާ ހެދި ސްޕޮންސާތައް ހުއްޓުނު ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.
މިއަދުގެ އިންޓަވިއުގައިވެސް ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕް 2021 އިން އެފްއޭއެމްއަށް ހަރަދު ބޮޑުވެ، ގެއްލުންވި ކަމަށާއި އެ މުބާރާތަށް ކަނޑައެޅި 22 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ފައިސާ ހޭދަވި ކަމަށެވެ.
"ސަރުކާރުން ބަޖެޓް ލިބުނު އިރު، އެކޮމޮޑޭޝަނަށް އެކަނިވެސް 18 މިލިއަން ރުފިޔާ އަރައިގެން ގޮސްފި. ދެން ބާކީ ބައިގައި ކަންކަން ފޫބައްދަން ޖެހުނީ އެކި ގޮތްގޮތުން ފައިސާ ހޯދައިގެން. ސަރުކާރުގެ ތެރެއިން އޭރު ބުނެފައިވަނީ އެ ފައިސާ ފޫބައްދައިދޭނެ ކަމަށް. އެކަމަކު ސަރުކާރު ނިމިގެންދާއިރުވެސް އެބައިވެސް ނުލިބޭ. މިކަހަލަ ބައިވަރު ދަތިތަކާ ކުރިމަތިލާން ޖެހުނު. އުންމީދުކުރަނީ ކުރިއަށް އޮތް ސަރުކާރާއެކު ކާމިޔާބު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ގަބޫލުކުރައްވާ ގޮތުގައި މާލީ ބޮޑު ދަތިކަމެއް އައީ ސަރުކާރުން އެފްއޭއެމްއާ ޖެހުނު ޖެހުމުންނެވެ. ބައްސާމް ވިދާޅުވީ އެފްއޭއެމްގެ ރައީސްގެ މަގާމުން ބޭރުކުރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން ސަރުކާރުން އޭނާއާ ޖައްސާލި ކަމަށެވެ. އިންޓަވިއުގައި ބައްސާމް ވިދާޅުވީ އަށް ވަރަކަށް މިލިއަން ރުފިޔާ މިހާރުވެސް ސަރުކާރުން އެފްއޭއެމްއަށް ދޭން ޖެހިފައިވާ ކަމަށެވެ.
އެފްއޭއެމްގެ ވެރިންގެ ޖިނާއީ މައްސަލަތަކެއްވެސް މިހާރު ތަހުގީގުކުރަމުންދާ އިރު، ފުލުހުން ވަނީ އެފްއޭގެ އިދާރާއަށް ވެސް ވަދެފައެވެ. ބައްސާމް ވިދާޅުވީ އެފްއޭއަށް ވަންނަ، އޭއެފްސީ އާއި ފީފާގެ ފައިސާއިން އެއްވެސް ހިޔާނާތެއް ވެފައި ނޯންނާނެ ކަމަށާއި، ނަގުދު ފައިސާވެސް ނަގާފައިވާނީ އެކަމަށް ބޭނުންވެގެން ކަމަށެވެ. އަދި މަނީ އެކްސްޗޭންޖިންގައިވެސް ޑޮކިއުމެންޓޭޝަން ހެދިފައި ހުންނާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.
ގަލޮޅު ދަނޑުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ބައްސާމް ވިދާޅުވީ އެއީވެސް ސަރުކާރުގެ ފެއިލިއާއެއް ކަމަށާއި، ދަނޑަށް ބޭނުންވާ ކަންކަން ނިންމައި، އެފްއޭއެމްއެއިން ވާނީ ޔޫތު މިނިސްޓްރީއާ ހިއްސާކޮށްފައި ކަމަށެވެ.
ބައްސާމަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، ތަހުގީގީ އިދާރާތަކުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ އިރު، އޭނާ އިސްތިއުފާއަށް ގޮވާލައި ގިނަ ކްލަބުތަކަކުންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބައްސާމް އެކަންކަމަށް އިންކާރުކޮށް މިއަދުވެސް ވިދާޅުވީ ބައެއް ނޫސްތަކުން ނެގެޓިވް ހަބަރު ފެތުރުމަކީ ދެރަކަމެއް ކަމަށެވެ.