މުހައްމަދު އައުޒަމް
މަޝްހޫރު ފުޓްބޯޅަ ކޯޗު މާއްޓޭގެ ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމް މާލޭގައި ފަށައިފި އެވެ.
މައުރޫފް އަހުމަދު (މައްޓޭ) އަކީ ދިވެހި ފުޓުބޯޅައިގައި އެތަކެއް ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ފަރާތެކެވެ. ކޯޗެއްގެ ހައިސިއްޔަތުންވެސް މާއްޓޭ ވަނީ ބޮޑެތި ކާމިޔާބުތަކެއް ހޯދައިފައެވެ. މާއްޓެ މިފަހަރު ފަށާފައިމިވަނީ ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލުގެ ކުޅުންތެރިން ތަމްރީނު ކުރުމުގެ މަސައްކަތެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެމުން މާއްޓޭ ބުނީ ޔޫތު ޑިވެލޮޕްމަންޓު ޕްރޮގްރާމް ފެށުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ފުޓުބޯޅައަށް ޝައުގުވެރިކަން ހުންނަ ކުޑަކުދިން އެކުޅިވަރަށް ބޭނުންވާ ރަނގަޅު ފެންވަރަށް ތަރައްގީ ކުރުން ކަމަށެވެ.
ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ފެށުމުގެ ހިޔާލަކީ ވަރަށް ކުރީން ފެށިގެން ކުރަމުން އައި ހިޔާލެއްކަަމަށް މާއްޓެ ފާހަގަކުރިއެވެ. މާއްޓެވަނީ 2015ވަނަ އަހަރު ޔޫއެންގެ ޕްރޮޖެކްޓެއްގައި ލ. އަތޮޅުގެ ސްކޫލެއްގައި ވެސް ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ހިންގާފައެވެ. އުމުރުން ހަ އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ އެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަކަމަށް މަާއްޓެ ބުނިއެވެ.
"ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމަކީ ޔޫތް އަށް ޗޭންޖުވާ ކުޑަކުދިން ފުޓްބޯޅައަށް ރަނގަޅު ބިންގަލެއް އެޅުމުގެ މަގުސަދުގައި ކުރިޔަށް ގެންދަން ނިންމާފައިވާ ޕްރޮގްރާމެއް" މައުރޫފް އަހުމަދު (މައްޓޭ) ބުންޏެވެ.
ލ.އަތޮޅުގައި ހިންގި ޕްރޮގްރާމްގައި ބައިވެރިންނަށް ފުޓްބޯޅައިގެ ހުނަރުތަކުގެ އިތުރުން ސޯޝަލް ވެލިއުސްތަކާއި ކިޔެވުމަށް ބާރު އެޅުމުގެ ހަރަކާތްތަކެއްވެސް ހިންގާފައިވާކަމަށް މާއްޓެ ހާމަކުރިއެވެ. މި މަސައްކަތް ކުރިއަށް ގެންދަން ފެށިއިރު ގިނަ މައްސަލަތަކާ ކުރިމަތިވި ކަމަށްވެސް މާއްޓެ ބުންޏެވެ.
"އެންމެ ބޮޑު ޗެލެންޖަކަށް ކުރިމަތިވެގެން ދިޔައީ ދެމެހެއްޓެނެވި ގޮތެއްގައި މިކަންކުރުމަށް ބޭނުންވާ ފައިނޭންޝަލް މައްސަލަތައް. ދެން އެންމެ އުނދަގޫ ކަމަކަށް ވެގެންދިޔައީ ކޯޗުން ހޯދުމަށް. ހާއްސަކޮށް ކުޑަކުދިންނަށް ތަމްރީނު ދެވޭކަހަލަ ކޯޗުން ލިބުން އޭރު ވަރަށް ދަތި.. " މައުރޫފް އަހުމަދު (މައްޓޭ) ބުނިއެވެ.
މާއްޓޭ ވަނީ 2018 އަހަރު ކުޅުދުއްފުށީގައިވެސް ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމެއް ހިންގައިފައެވެ. "މާއްޓޭ" ނަމުގައި ހިންގި މި ޕްރޮގްރާމްގައިވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަކަމަށް މާއްޓޭ ބުނިއެވެ.
މާލޭގައި މިހާރު ކުރިޔަށް ގެންދާ ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމްއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް މާއްޓޭ އުފަލާއެކު ފާހަގަކުރިއެވެ.
"މާލޭގައި މިހާރު ކުރިޔަށް ގެންދާ ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމް ގައިވެސް ޗެލެންޖަސް ތަކެއް ކުރިމަތިވާކަން ފާހަގަ ކުރެވޭ. ހާއްސަކޮށް މާލޭގައި ޕްރެކްޓިސްކުރުމަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެގެންދޭ.. ހަމައެއާއެކު ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ޕްރެކްޓިސް ކުރަން ވަގުތު ނުވުމަކީ މިހާރު ވަރަށް ބޮޑު ޗެލެންޖެއް.." މައުރޫފް އަހުމަދު (މައްޓޭ) ބުންޏެވެ.
މާލޭގައި ފަށައިންގެން ކުރިޔަށްދާ ޔޫތް ޕްރޮގްރާމުގައި ހެޑް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މަޝްހޫރު ކޯޗް ފަރީދުއެވެ. އޭގެއިތުރުން ޒުވާން ތަޖުރިބާކާރު ދެ ކޯޗުން ތަމްރީނު ދޭނެކަމަށްވެސް ވެއެވެ.
މާއްޓޭވަނީ ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމް ހިންގުމުގައި އެހީތެރިވާ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. ހާއްސަކޮށް އެފްއޭއެމްގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ.
މާއްޓޭގެ ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރެޖިސްޓަރ ކުރުމަށް 9955599 ގުޅާލުމުން ޕްރޮގްރާމްގެ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ. މިޕްރޮގްރާމްގައި ރަޖިސްޓަރވާ ފަރާތްތަކަށް ޓެރެއިނިންގ ކިޓް ހިލޭ ލިބިގެން ދާނެއެވެ.