މޯލްޑިވްސް ބްރޯޑް ކާސްޓިންގް ކޮމިޝަންގެ ހުރިހާ މެންބަރުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ކުރީގެ ނޫސްވެރިޔާ އަދި ގަމު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.
ވިސާމް މިފަދައިން ވިދާޅުވެފައިވަނީ "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައެވެ.
ވިސާމް ވިދާޅުވީ 2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް "ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް" ގައި ދިވެހިރާއްޖެ 22 ދަރަޖަ ކުރިޔަށް ޖެހިލުމަކީ ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް ކަމަށެވެ.
އަދި މިފަދަބޮޑު ކުރިއެރުމަކަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބްރޯޑްކޮމް ކަމަށާއި މިނިވަން ނޫސްވެރިކަމަށް އެކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރަންޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ.
2013 ވަނަ އަހަރު ޔާމީން ވެރިކަމާއި ހާވާލުވެވަޑައިގެންނެވި އިރު ރާއްޖެ އޮތީ ލިސްޓުގެ 103 ވަނައިގައެވެ. އަދި ރައީސް ޔާމީންގެ ދައުރުގައި ރާއްޖެ ލިސްޓުގައި އަހަރުން އަހަރަށް ދަށްވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
180 ގައުމެއް ހިމަނާފައިވާ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް މިއަހަރު ރާއްޖެ 98 ވަނައިގައި އޮތް އިރު މީ ސާކުގެ ގައުމުތަކަށް ބަލާއިރު 2 ވަނައެވެ. 2018 ވަނަ އަހަރު 120 ވަނާގައި ރާއްޖެ އޮތް އިރު 2017 ވަނަ އަހަރު އޮތީ 117ވަނައިގައެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް އަބުރާ ބެހުމުގެ ގާނޫނެއް ވަނީ ފާސްކޮށްފައެވެ. އަދި އެގާނޫނުގެ ދަށުން ރާއްޖޭގެ ބައެއް ޓީވީ ސްޓޭޝަންތައް ޖޫރިމަނާކޮށްފައިވެއެވެ.
ބޮޑު އަދަދުތަކުން ޖޫރިމަނާކުރާގޮތަށް ފާސްކޮށް ރައީސް ޔާމީން ތަސްދީގު ކުރައްވާފައިވާ އަބުރާ ބެހުމުގެ ގާނޫނު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަޖިލީހުގެ 38 މެމްބަރުންގެ އަޣުލަބިއްޔަތުން އެބިލު ވަނީ އުވާލައިފައެވެ.