މެންބަރު އަބްދުﷲ ރިޔާޒް

ރިޔާސަތު ދިނުމަށްވީއެއްބަސްވުން އެބައޮތް، މެޖޯރިޓީ ނެތުމުން ރިޔާސަތަށް އައުމުގެ މާބޮޑު ބޭނުމެއް ނެތް: ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

ސަރުކާރު ކޯލިޝަނުގެ އެއްބަސްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ޖުމްހޫރީ ޕާޓީއަށް ދިނުމަށް ވެފައިވާ އެއްބަސްވުން މިހާރު ވެސް އެބައޮތް ކަމަށާއި ނަމަވެސް މަޖިލީހުގެ އެންމެ ފަސް ގޮނޑި ލިބުމުން ރިޔާސަތަށް އައުމުގެ މާބޮޑު ބޭނުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުﷲ ރިޔާޒު ރޭ ވިދާޅުވީ މަޖިލީހުން އުންމީދުކުރި އަދަދަށް ގޮނޑި ލިބިފައިނުވާތީ އާއި ފަސް ގޮނޑި ޖޭޕީއަށް ލިބުމުން ރިޔާސަތު ހޯދަން އުޅުމުގެ މާބޮޑު ބޭނުމެއް އޮތްކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

އަދި ޖޭޕީން މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލުމަށް ޕާޓީގެ ތެރޭގައި މަޝްވަރާ ވެސް ކޮށްފައި ނުވާ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ އަންނަން އޮތް ދައުރުގެ މަޖިލިސް ކޮންޓްރޯލް ކުރައްވަމުން އެގެންދަވަނީ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށާއި އެބޭފުޅުންގެ ތެރޭގައި ރިޔާސަތަށް ގެންނަވާނެ ބޭފުޅަކާ މެދު މިހާރު ވަރަށް ބޮޑަށް ބަހުސް ކުރައްވަމުންދާ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މަގާމަށް ޖޭޕީއާއި އަދި އެހެން ޕާޓީއަކުންވެސް ނަން ހުށަހެޅި ނަމަވެސް ކާމިޔާބުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ކަމަކަށް މަސައްކަތް ކުރަން ފަށަން ވާނީ އެކަމެއް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމެއް އޮވެގެން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މީގެއިތުރުން ރިޔާޒު ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ޖޭޕީއަށް ދިނުމަށް ކުރިން ވެފައިވާ އެއްބަސްވުން އަދިވެސް ދެމި އެބައޮތް ކަމަށެވެ. އަދި ކޮންމެ ގޮތަކަށް އެމްޑީޕީން އަމަލުކުރިނަމަވެސް ޖޭޕީން މަސައްކަތް ކުރާނީ ސަރުކާރު ގެނައުމަށް ކުރިން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.

ކޯލިޝަންގެ އެއްބަސްވުމަށް އެހެން ފަރާތްތަކުން އަމަލު ނުކުރުމުން އެކަންކަމާ މެދު ކުރިއަށް އޮތް އިންތިހާބުތަކުގައި ރައްޔިތުން ވިސްނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.