މެންބަރު އަބްދުﷲ ރިޔާޒް

ރައީސް ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް، އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތްކުރެއްވި: ރިޔާޒު

1

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީއާ ދެކޮޅަށް ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ މަޖިލިސް ކެމްޕޭންގައި އޭނާއާއި ދެކޮޅަށްވެސް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަމަށެވެ.

އިންތިހާބުގައި ޖޭޕީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރިޔާޒު ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީން ޖޭޕީގެ ވަކިވަކި ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމި ނަމަވެސް އެބޭފުޅުންނަށް ގޮނޑި ކާމިޔާބުކޮށްދޭން އެފަރާތްތަކުން މަސައްކަތްކުރިތަން ނުފެންނަ ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި ރިޔާޒު ވިދާޅުވިގޮތުގައި ޖޭޕީއަށް ގޮނޑިތައް ހޯދުމަށް ޕީޕީއެމްގެ ލީޑާޝިޕުންވެސް އެކަށީގެންވާގޮތެއްގައި މަސައްކަތެއް ނުކުރެއެވެ.

"އަޅުގަނޑަށް ފެނުނު މަންޒަރަކީ ޕީޕީއެމުން އަޅުގަނޑުމެންނަށް އެންޑޯޒް ކޮށްފައިވެސް އަޅުގަނޑުމެންގެ އެންޑޯޒްކުރި ކެންޑިޑޭޓުންނާ ދެކޮޅަށް މަސައްކަތް ކުރިކަން. ޕީޕީއެމްގެ ހަމަ އެންމެ އިސް ލީޑަރު ވެސް އެންމެ އިސް ރައީސް ވެސް. ރައީސް ޔާމީން ވެސް ދެކޮޅަށް މަސައްކަތް ކުރިކަން އެނގޭ. ޚުދު އަޅުގަނޑާ ދެކޮޅަށް ވެސް މަސައްކަތް ކުރެއްވިކަން އަޅުގަނޑަށް އެނގޭ.'' ރިޔާޒު ވިދާޅުވިއެވެ.

ޖޭޕީއަށް މަޖިލިސް އިންތިޚާބުގައި ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބަށް ހެދި ކޯލިޝަން އެއްބަސްވުމާ މެދު ސަރުކާރުން ގޮތެއް ނިންމަންދެން ޖޭޕީން މަޑުކުރުމުން އިންތިހާބަށް ތައްޔާރުވާން ލިބުނު ވަގުތު މަދުވުން ހިމެނޭކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ފިޔަވައި އެ ޕާޓީގެ އިސް އެހެން ބޭފުޅުން ޕާޓީގެ ކެމްޕޭނުގައި ބައިވެރިވެވަޑައި ނުގަތުމަކީ ވެސް ބަލިވުމުގެ ސަބަބެއް ކަމަށެވެ.

އަދި ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން ފާހަގަކުރެވޭ ވަކި ކެންޑިޑޭޓުންތަކަކަށް ގާސިމް ކެމްޕޭން ކުރެއްވިކަން ފާހަގަކުރައްވަމުން ރިޔާޒް ވިދާޅުވީ އެ ކެންޑިޑޭޓުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވި ކަމަށެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ޖޭޕީއަށް ލިބިފައިވަނީ ފަސް ގޮނޑިއެވެ. އަދި ޕީޕީއެމަށް ވެސް ލިބިފައިވަނީ ފަސްގޮނޑިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟