ކްލަބު އެޗްޑީސީ އާއި ޔުނައިޓެޑް ބީއެމްއެލް އާއި ދިރާގާއި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަދި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16އިން ޖާގަ ހޯދައިފިއެވެ.
އެ ހަ ޓީމުން ގަދަ 16ގެ ޖާގަ ކަށަވަރުކޮށްފައިވަނީ އިއްޔެ ކުޅުނު ގްރޫޕު ސްޓޭޖުގެ މެޗުތަކުން މޮޅުވެގެންނެވެ. މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ ގްރޫޕު އެފް، ގްރޫޕު ޖީ އަދި ގްރޫޕު އެޗްގެ ފަހު މެޗުތަކެވެ. ހުޅުމާލެ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ގަދަ 16 އިން ޖާގަ ލިބޭނީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރީގައި އޮންނަ ދެ ޓީމަށެވެ.
އެމްޓީސީސީއާ ދެކޮޅަށް ރޭ ކުޅުނު ގްރޫޕު އެފްގެ މެޗުން ސިފައިން މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުގައި ކަސްޓަމްސް އިން ވަނީ 6-0ގެ ނަތީޖާއަކުން ތައުލީމީ ގުޅުން ބަލިކޮށްފައެވެ.
އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ސިފައިން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕުގެ ދެވަނައިގައި ނިންމާލި ކަސްޓަމްސްއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި އެމްޓީސީސީއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި އެ ގްރޫޕުގެ ފުލުގައި އޮވެ ނިންމާލި ތައުލީމީ ގުޅުމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕު ޖީގައި އިއްޔެ ހަވީރު ސިވިލް ކޯޓާ ދެކޮޅަށް ކުޅުނު މެޗުން އެޗްޑީސީ މޮޅުވީ 6-2ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުގައި ފެން ކްލަބު އަތުން ބީއެމްއެލް މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ.
އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ބީއެމްއެލް ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕުގެ ދެވަނައިގައި ނިންމާލި އެޗްޑީސީއަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި ފެން ކްލަބު އަދި ގްރޫޕުގެ ފުލުގައި ނިންމާލި ސިވިލް ކޯޓަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ގްރޫޕު އެޗްގައި ރޭ ޕީއެސްއެމްއާ ދެކޮޅަށް ކުޅުނު މެޗުން ދިރާގު މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕުގެ އަނެއް މެޗުގައި މިފްކޯ އަތުން ޕޮލިސް މޮޅުވީ 6-3ގެ ނަތީޖާއަކުންނެވެ.
އެ ގްރޫޕުގެ އެއްވަނައިގައި ނިންމާލި ޕޮލިހުން ވަނީ ނުވަ ޕޮއިންޓް ހޯދައިފައެވެ. ގްރޫޕުގެ ދެވަނައިގައި ނިންމާލި ދިރާގަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި ނިންމާލި މިފްކޯ އަދި ގްރޫޕުގެ ފުލުގައި އޮވެ ނިންމާލި ޕީއެސްއެމަށް ލިބިފައިވަނީ ޕޮއިންޓެކެވެ.
އެ މުބާރާތުގެ މެޗެއް ދެން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުއެވެ. އެ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ގްރޫޕު ސީ، ގްރޫޕު ޑީ އަދި ގްރޫޕު އީގެ ފަހު މެޗުތަކެވެ.
އަންނަ އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:
17:00 ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) – ފެހި ފަހި ކްލަބު
17:00 ސްޓެލްކޯ – ޔޫތު މިނިސްޓްރީ
20:15 އެމްޕީއެލް – އެމްއެމްއޭ ސޯޝަލް ކްލަބު
20:15 އެސްޓީއޯ – ޓީމް ފެނަކަ
21:30 އެލައިޑް – އޭވިއޭޝަން ސެކިއުރިޓީ
21:30 ޓީމް އެފްއެސްއެމް – ކްލަބު އިމިގްރޭޝަން
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.