ކުޅިވަރު

ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ޓީސީން ލީގުގެ ފުރަތަމަ ބުރު ނިންމާލައިފި

ފޯކައިދޫގެ މައްޗަށް ފަސޭހަކަމާއެކު ކާމިޔާބު ހޯދައި، ޓީސީން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ހަތަރު ޕޮއިންޓުގެ ލީޑަކާއެކު ނިންމާލައިފިއެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ޓީސީން ވަނީ 0-4 ގެ ނަތީޖާއަކުން ފޯކައިދޫ ބަލިކޮށްފައެވެ. މި މޮޅާއެކު ޓީސީއަށް ނުވަ މެޗުން 24 ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި ކްލަބް އީގަލްސް އޮތީ 20 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި 19 ޕޮއިންޓާއެކު މާޒިޔާ އޮތް އިރު، ހަތަރު ވަނައިގައި 18 ޕޮއިންޓާއެކު އޮތީ ނިމިގެންދިޔަ އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓެވެ. ފަސްވަނައިގައި 17 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް އޮތް އިރު، ހަވަނައިގައި 9 ޕޮއިންޓާއެކު ވިކްޓަރީއެވެ. ހަތްވަނައިގައި 8 ޕޮއިންޓާއެކު އޮތީ ފޯކައިދޫއެވެ. އަދި ދެވަނަ ބުރުގެ ފަހު ޖާގަ ހޯދީ 7 ޕޮއިންޓާއެކު ނިލަންދޫއެވެ.

ރޭގެ މެޗުގައި ޓީސީއަށް ފުރަތަމަ ލަނޑުޖަހައި ލީޑު ނަގައިދިނީ މެޗުގެ 17 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އެވެ. އިއްބެ މި ލަނޑު ކާމިޔާބުކުރީ ޕެނެލްޓީ އޭރިއާގެ އަރިމަތިން ލިބުނު ބޯޅަ ގޯލުގެ ކައިރީ ކަނަށް ވައްދާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ޓީސީގެ މުހައްމަދު ސާމިރު ފޮނުވާލި ހިލޭޖެހުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ 79 ވަނަ މިނެޓުގައި ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ފޯކައިދޫގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި އޭގެ ދެމިނެޓުފަހުން އަލީ އަޝްފާގު (ދަގަނޑޭ) ދިން ޕާހަކުން ސައްޓު ވަނީ ތިންވަނަ ލަނޑެއް ޓީސީއަށް ކާމިޔާބު ކޮށްދީފައެވެ.

ޓީސީގެ ފަހު ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ދަގަނޑޭއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މުޙައްމަދު އައްޒާމު ނަގައިދިން ކޯނަރެއް ދަގަނޑޭ ވަނީ އޭރިއާ ރޮނގުމަތީ ހުރެ އެއްފަހަރުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމިގެންދިޔަ އިރު، ދެވަނަ ބުރުން ފުރުސަތު ލިބިފައިނުވަނީ ފެހެންދޫ އާއި ތިމަރަފުށްޓެވެ.