ކުޅިވަރު

މޮޅެއް ނުލިބި ތިމަރަފުށިން ލީގު ނިންމާލައިފި

ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ބަލިވެ، ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން އެއްވެސް މެޗަކުން މޮޅެއް ނުލިބި ތިމަރަފުށިން ދިރާގު ދިވެހި ޕްރިމިއާ ލީގު ނިންމާލައިފިއެވެ.

މިއަދުގެ މެޗުން ތިމަރަފުށި ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ކުޅުނު ނުވަ މެޗުން ތިމަރަފުއްޓަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ފޯކައިދޫއާ ބައްދަލުކޮށް 2-2 އިން އެއްވަރުވި މެޗުގައި ލިބުނު ޕޮއިންޓެވެ. އެހެންކަމުން މިއަދުގެ މެޗަށް އެޓީމު ނުކުތް އިރުވެސް ވަނީ ދެވަނަ ބުރުން ފުރުސަތު ގެއްލިފައެވެ. ނަމަވެސް، ވިކްޓަރީއަށް ވަނީ މިއަދުގެ މެޗަށް ނުކުތް އިރުވެސް ގަދަ އަށެއްގެ ޖާގަ ކަށަވަރުވެފައެވެ. އަދި މިއަދުގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް ވަނީ ނުވަ މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ.

މިއަދުގެ މެޗުގައި ވިކްޓަރީގެ ހަމައެކަނި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ހާޒިމް ފައުޒީއެވެ. ހާޒިމްގެ މި ލަނޑަކީ ވިކްޓަރީއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އަޙުމަދު ނާޝިދު (ނައްޓޭ) މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ.

ވިކްޓަރީއިން މި ލަނޑު ކާމިޔާބުކުރުމުގެ ކުރިން އެޓީމަށް ލިބުނު ކޯނަރަކުން ބިދޭސީ ކުޅުންތެރިޔާ ޔަކީން ގާސިއާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑިއަށެވެ. އަދި ހުސައިން ނިހާން (ނިހާޓް) އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ ތިމަރަފުށީގެ ގޯލްކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ހަމަލާ އުފެއްދީ ވިކްޓަރީ އިންނެވެ. ނަމަވެސް މީގެން އެއްވެސް ހަމަލާއެއް ގޯލަކަށް ހަދާލެވޭ ގޮތެއް ނުވިއެވެ.

މިއަދުގެ މެޗަށްފަހު ތިމަރަފުށީގެ އެސިސްޓެންޓް ކޯޗު އަޙްމަދު ނަދީމް ބުނީ، ކުރިއަށް އޮތްތާނގައި އެފްއޭއެމް އިން އަތޮޅުތަކުން އަންނަ ޓީމުތަކަށް މިއަށްވުރެ ރަނގަޅަށް އިންތިޒާމް ހަމަޖައްސަ ދޭނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، ކުރިއަށް އޮތްތާނގައި މިއަށްވުރެ ވަރުގަދަކޮށް އަދި ފެންނާނެ ކަމަށެވެ.

ވިކްޓަރީއަށް މިއަދުގެ މެޗުގައި އިރުޝާދުދިން އެޓީމުގެ އެސިސްޓެންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ، މެޗަށް ނުކުތީ ތިން ޕޮއިންޓް ހޯދުމަށް ކަމަށާއި އެކަން ހާސިލްވެއްޖެ ކަމަށެވެ.