ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކްލަބު އިމިގްރޭޝަނާއި އެންމެ ފަހުގެ ރަނަރަޕް ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު ޖާގަ ހޯދައިފިއެވެ.
ރޭ ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު، ނުވަ ޕޮއިންޓާއެކު 'ގްރޫޕު އޭ'ގެ އެއްވަނަ ހޯދާފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއެވެ. ދެވަނަ ހޯދި އިމިގްރޭޝަނަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނަ ހޯދި ޓީމް ފެނަކައަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި ނިންމާލި ކްލަބު ވެމްކޯއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
'ގްރޫޕު ބީ'ގެ އެއްވަނަ ހޯދި ޕޮލިސް ކްލަބަށް ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނަ ހޯދި ސިފައިންނަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިންވަނަ ހޯދި ޓްރޭޑް ކްލަބަށް ތިން ޕޮއިންޓް ލިބިފައިވާ އިރު، ގްރޫޕުގެ ފުލުގައި ނިންމާލަން ޖެހުނު ފެން ކްލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ރޭ ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ބަލައިލާ އިރު، އެމްޕީއެލް އިން ވަނީ 2-1ގެ ނަތީޖާއަކުން އިމިގްރޭޝަން ބަލިކޮށްފައެވެ. އެ މެޗުގައި އެމްޕީއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސަހަރް ޒަމަނިފާޑް އާއި ފާތިމަތި ޝާލިޔާއެވެ. އަދި އިމިގްރޭޝަނުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރާނީ މުލްޔާ ސާރީއެވެ.
ޕޮލިސް ކްލަބުން ރޭ ވަނީ ފެން ކްލަބު އަތުން 20-0ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި ޕޮލިހުން ޖެހި 20 ލަނޑުގެ ތެރެއިން ސަވިތުރީ މަމްޔަލީ އަށް ލަނޑު ކާމިޔާބުކޮށްދިން އިރު، ސަކޫނާ ސެނަބުތު ފަސް ލަނޑު ކާމިޔާބުކޮށްދިނެވެ. ޕޮލިހަށް ފާތިމަތު ތީބާ ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު، ޝީނީޒް މުހައްމަދު އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އޭގެ އިތުރުން ފާތިމަތު ޒާހިރާ ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.
ޓްރޭޑް ކްލަބާ ދެކޮޅަށް ރޭ ކުޅުނު މެޗުން ސިފައިން މޮޅުވެފައިވަނީ 10-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިފައިންގެ ޓީމުގެ މަރިޔަމް ރިފާ އާއި ބިދޭސީ ކުޅުންތެރިޔާ ސޮހިލާ މަލްމޯލިޓަރާޒީ، މިއިން ކޮންމެ ކުޅުންތެރިޔަކު ތިން ލަނޑު ކާމިޔާބުކުރިއެވެ. ސިފައިންނަށް މައީޝާ އަބްދުލް ހަންނާން ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝަހުފާ ޝިއުތާއި ފާތިމަތު ޝަހުމާއެވެ. އަދި މެޗުގައި ޓްރޭޑް ކްލަބުން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ރުކްޝާނާ ފާތިމަތެވެ.
ވިމެންސް ފުޓްސަލް ފިއެސްޓާގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު 4:30ގައި ކުޅޭ ސެމީގައި ފުރަތަމަ މެޗުގައި އެމްޕީއެލް އާއި ސިފައިން ބައްދަލުކުރާ އިރު، އެ ދުވަހުގެ ރޭ 8:15ގައި ކުޅޭ ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކްލަބާއި ކްލަބު އިމިގްރޭޝަނެވެ.
މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، އަންހެން ބައި ކަމަށްވާ 18/30 ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރާނެއެވެ. އެ މުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ގްރޫޕު ސްޓޭޖުގެ މެޗުތަކެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.